ކ.ހިންމަފުށީ އޮފީހުގެ ކުރީގެ ކައުންސިލަރ ކ.ހިންމަފުށީ/މޫނިމާގެ، ފަރުހާދު އިބްރާހިމްގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ކުރުމަށްޓަކައި ފޮނުވައިފި

10 Jun 2015

ކ.ހިންމަފުށީގައި އަލަށް އިމާރާތްކޮށްފައިވާ މިސްކިތް ފޮޅާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮންޓްރެކްޓް އުޞޫލުން ބަޔަކާ ޙަވާލުކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްއިން ނިންމާފައިވާތީ، އިޢުލާންކޮށްގެން އެކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ އަންދާސީ ހިސާބު ފޮނުވައިދިނުމަށް އެ މިނިސްޓްރީން އެދުމުން، “މަސްޖިދުލް އިނާރާ” 01 އަހަރު ދުވަހުގެ މުއްދަތަށް އަމިއްލަ ތަކެތީގައި ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ކ.ހިންމަފުށީ އޮފީހުން ކުރި އިޢުލާނާ ގުޅިގެން 07 ފަރާތަކުން މަޢުލޫމާތު ސާފުކޮށް އެ 07 ފަރާތުން އެސްޓިމޭޓް ހުށަހަޅާފައިވާއިރު، އެ 07 ފަރާތުގެ ތެރެއިން 04 ފަރާތުން އެސްޓިމޭޓް ބާޠިލްކުރަން ހުށަހެޅިކަމާއި، ބާޠިލްކުރަން ހުށަހެޅި 01 ފަރާތުގެ ތެރޭގައި ކ.ހިންމަފުށީ ކައުންސިލަރ ފަރުހާދު އިބްރާހީމްގެ އެއްބަނޑު އެއްބަފާ ކޮއްކޮގެ އެސްޓިމޭޓް ހިމެނޭކަމާއި، 04 ފަރާތުން އެސްޓިމޭޓް ބާޠިލްކުރުމުން އެންމެ ކުޑަ އަގެއް ހުށަހަޅާފައިވަނީ އަދި މި އިޢުލާނާ ގުޅިގެން 01 އަހަރުގެ މުއްދަތަށް މަސައްކަތް ޙަވާލުކޮށްފައިވާ ފަރާތަކީ، ކ.ހިންމަފުށީ އޮފީހުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކައުންސިލަރ ފަރުހާދު އިބްރާހީމްގެ ދަރިއެއްކަމާއި، އޭގެ އިތުރުން، މަސައްކަތް ޙަވާލުކުރެވުނު ފަރާތުން އެސްޓިމޭޓް ހުށަހަޅާފައިވަނީ ޑޮލްފިން ޝޮޕްގެ ނަމުގައިކަމާއި، ޑޮލްފިން ޝޮޕަކީ ފަރުހާދު އިބްރާހީމްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިއެއްކަމަށްވާއިރު، ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 8.01 ވަނަ މާއްދާގެ (ކ) ގައިވާ ގޮތުން ޑޮލްފިން ޝޮޕުން ހުށަހެޅި އެސްޓިމޭޓް ބާތިލްކުރަންޖެހޭއިރު، އެ އެސްޓިމޭޓް ބާތިލްކުރުމަކާނުލާ ކ.ހިންމަފުށީ އޮފީހުގެ ފަރާތުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ހިލާފަށް އެ މަސައްކަތް ކައުންސިލަރ ފަރުހާދު އިބްރާހީމްގެ ދަރިއަކާ ހަވާލުކޮށްފައިވާކަން ފާހަގަ ކުރެވެއެވެ.

ދައުލަތުގެ މާލިއްޔަތު ގަވައިދުގެ 8.01 (ކ) ގައި ވާގޮތުން މިކަމުގައި ކ.ހިންމަފުށީ އޮފީހުގެ ކައުންސިލަރ ފަރުހާދު އިބްރާހިމް އޭނާގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ލިބޭގޮތަށް އަމަލުކޮށްފައިވާކަން ތަޙުޤީޤަށް ލިބިފައިވާ ކިތާބީ ހެކިތަކާއި ޝަފަހީ ހެކިން އެނގެން އޮތަތީ، މިމައްސަލައަކީ، ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނުނު) ގެ 25 ވަނަ މާއްދާގެ (ހ)ގެ 2 ވަނަ ނަންބަރުގައިވާ ފަދައިން، ކޮރަޕްޝަންގެ ކުށް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 02/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު)ގެ 12ވަނަ މާއްދާގެ (ހ)ގެ ދަށުން ކ.ހިންމަފުށީ އޮފީހުގެ ކުރީގެ ކައުންސިލަރ ކ.ހިންމަފުށީ/މޫނިމާގެ، ފަރުހާދު އިބްރާހިމްގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށްޓަކައި މިމައްސަލަ ޕްރޮސެކިއުޓަރ ޖެނެރެލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×