ގއ.ކޮނޑޭ އިންޖީނުގޭގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކޮށްފައިވާތީ ގއ.ކޮނޑޭ /ލަކްސްލީން، ނާޒިމާ ނަސީމުގެ މައްޗަށް ދަޢުވާކުރުމަށްޓަކައި ފޮނުވައިފި

30 Jun 2015

ގއ.ކޮނޑޭ އިންޖީނުގޭގެ ފައިސާ ތިޖޫރީއަށް ވެއްދުމަށްފަހު އެފައިސާއިން އަމިއްލަ ބޭނުމަށް ބޭނުން ކޮށްފައިވާކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަ މިކޮމިޝަނުން ތަޙްޤީޤުކުރުމަށްފަހު އެ މައްސަލަ ނިންމިގޮތް ތިރީގައި މިވަނީއެވެ.

މިމައްސަލައިގައި މި ކޮމިޝަންގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، 2009 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެއަހަރުގެ ޖުލައި މަހު ކޮނޑޭ ރައްޔިތުންގެ އިންޖީނުގެ އަޕަރ ސައުތު ޔޫޓިލިޓީސް އާ ހަވާލުވުމާ ހަމަޔަށް އިންޖީނުގޭގެ ބިލްތަކަށް ބަލައިގެންފައިވަނީ 134,049.40 (އެއްލައްކަ ތިރީސް ހަތަރުހާސް ސާޅީސް ނުވަ ރުފިޔާ ސާޅީސް ލާރި) ކަމާއި މިމުއްދަތުގެ ތެރޭގައި ކޮނޑޭ އޮފީހާ ހަވާލުކޮށްފައިވަނީ 104,819.75 (އެއްލައްކަ ހަތަރުހާސް އަށްސަތޭކަ ނަވާރަ ރުފިޔާ ހަތްދިހަ ފަސް ލާރި) ކަމާއި އެހެންކަމުން ކޮނޑޭ އޮފީހާ ފައިސާ ހަވާލުކޮށްފައިވަނީ 29,229.65 (ނަވާވީސްހާސް ދުއިސައްތަ ނަވާވީސް ރުފިޔާ ފަސްދޮޅަސް ފަސް ލާރި) މަދުންކަމާއި، ޕޮޕިއުލޭޝަން އިންކްރީސް ޕްރޮޖެކްޓެއް ހިންގުމަށް އިންޖީނުގޭގެ އެކައުންޓުން ނެގި ފައިސާގެ ތެރެއިން ޚަރަދުނުކުރެވި ހުރި 11,000.00 (އެގާރަހާސް) ރުފިޔާ، އިންޖީނުގޭގެ އެކައުންޓަށް ޖަމާކުރުމަށް ކޮނޑޭ ކައުންސިލްގެ އޭރުގެ ރައީސް ހަވާލުވިކަމަށް ބުނެފައިވާއިރު، އެފަރާތުން އެކަމަށް އިންކާރުކޮށްފައިވުމާއި، މި ފައިސާއާ ހަވާލުވިކަމަށް ކޮށްފައިވާ ސޮޔަކީ، ފޯޖްކޮށްފައިވާ ސޮއެއްކަމަށް ފޮރެންސިކް ތަހުލީލުތަކުން ދައްކާތީއާއި، 2009 ވަނަ އަހަރުގެ ޖޫން މަހުގެ ކަރަންޓް ފީއަށް ލިބުނު 17,160.00 (ސަތާރަހާސް އެއްސަތޭކަ ފަސްދޮޅަސްރުފިޔާ) އާއި 2009 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ނީލަމުން ލިބުނު 3,300.00 (ތިންހާސް ތިންސަތޭކަ) ރުފިޔާއާ ކޮނޑޭ ކައުންސިލްގެ އޭރުގެ ރައީސް ހަވާލުވިކަމަށް ބުނެފައިވާއިރު، އެފަރާތުން އެކަމަށް އިންކާރުކޮށްފައިވުމާއި، އެފައިސާ ހަވާލުވިކަމަށް ކޮށްފައިވާ ސޮޔަކީ ފޯޖްކޮށްފައިވާ ސޮއެއްކަމަށް ފޮރެންސިކް ތަހުލީލުތަކުން ދައްކާތީ، މި ފައިސާއަކީ އިންޖީނުގޭގެ ފައިސާއާ ހަވާލުވެ ހުރި، ނާޒިމާ ނަސީމު (ގއ.ކޮނޑޭ /ލަކްސްލީން) އޭނާގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ގޮތުގައި ބޭނުންކޮށްފައިވާ ފައިސާއެއްކަމަށް މިކޮމިޝަންގެ ތަޙުޤީޤަށް ސާބިތުވާތީ، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ގައިވާ ގޮތުގެމަތިން، މިމައްސަލައަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެދަށުން، ގއ.ކޮނޑޭ /ލަކްސްލީން، ނާޒިމާ ނަސީމްގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ކުށުގެ ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލަގެ އޮފީހަށް މިމައްސަލަ ވަނީ ފޮނުވިފައެވެ.
އަދި، ނާޒިމާ ނަސީމުގެ މި ޢަމަލުގެ ސަބަބުން ގއ.ކޮނޑޭ ރައްޔިތުންގެ އިންޖީނުގެއިން މަދުވާ 60,689.65 (ފަސްދޮޅަސްހާސް ހަސަތޭކަ އައްޑިހަ ނުވަ ރުފިޔާ ފަސްދޮޅަސް ފަސް ލާރި) ނާޒިމާ ނަސީމުގެ އަތުން އަނބުރާ ހޯދުމުގެ މައްސަލަވެސް ވަނީ ޝަރީޢަތަށް ހުށަހެޅުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×