ނޭޝަނަލް އިންޓެގްރިޓީ ޕްލޭން އެކުލަވާލާ ތަންފީޒުކުރުމާބެހޭ މަސައްކަތް ފަށައިފި

16 Jul 2015

ދައުލަތުގެ އިދާރާތަކާއި ފަރުދީ ފެންވަރުގައި ނަޒާހަތްތެރިކަމުގެ ސިފަތައް އަށަގަންނުވާ، އެސިފަތައް ދިރުވައި އާލާކުރުމަށް ތައްޔާރުކުރެވޭ، ނޭޝަނަލް އިންޓަރގްރިޓީ ޕްލޭން އެކުލަވާލުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ފަށައިފިއެވެ.

މި ޕްލޭނަކީ، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2015-2019 އަށް ތަންފީޒުކުރުމުގެ ގޮތުން ކުރަން ކަނޑައެޅިފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މުހިންމު ބައެކެވެ. އަދި ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަން) ގެ ޤާނޫނުގެ 21 ވަނަ މާއްދާގެ (ރ) އިން “ކޮރަޕްޝަންގެ ގެއްލުމާއި ނުބައިކަމުގެ މައްޗަށް އާންމުން ހޭލުންތެރި ކުރުވައި، ދައުލަތް ހިންގުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަން ކުރިއެރުވުން” ލާޒިމްކޮށްފައިވުމާއެކު ކުރެވޭ މަސައްކަތެކެވެ.

މި ޕްލޭންގެ ދަށުން ދައުލަތް ހިންގުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަން ކުރިއަރުވައި، ދައުލަތުގެ ތިންބާރާއި ދައުލަތުގެ އެންމެހާ މުއައްސަސާތަކުގެ ހިންގުމުގައި ޑިމޮކްރެޓިކް ސިފަތައް އަށަގެންނެވުމަށް ބާރު އަޅައި، އިންޓަރނޭޝަނަލް ބެސްޓްޕްރެކްޓިސްއަކީ ދައުލަތުގެ ހުރިހާ މުއައްސަސާތަކަކުންވެސް އިޙްތިރާމްކުރާ އަސާސްތަކެއްކަމުގައި ހެދުމަށާއި، އިސްލާމްދީނުގެ މަތިވެރި ޢަޤީދާގެ މަތީގައި ފުރިހަމައަށް ފައިތިލަ ސާބިތުކުރުމާއެކު އެކުވެރި ބަދަހި މުޖްތަމަޢެއް ބިނާކުރުމަށް ޚާއްޞަ ޙަރަކާތްތަކެއް ހިންގުން ހިމެނޭނެއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނާއެކު ނޭޝަނަލް އިންޓަރގްރިޓީ ޕްލޭން އެކުލަވާލާ ތަންފީޒުކުރުމުގެ ޢަމަލީ މަސައްކަތުގައި ބައިވެރިވުމުގެ ދަޢުވަތު ދައުލަތުގެ ހުރިހާ އިދާރާތަކަށާއި ކުންފުނިތަކަށާއި ބައެއް އަމިއްލަ ފަރާތްތަކަށް ވަނީ އޭސީސީގެ ފަރާތުން ފޮނުވާފައެވެ. އަދި މިދަޢުވަތު މިހާތަނަށް ޤަބޫލުކުރި އިދާރާތަކާއެކު ކުރިއަށް ގެންދާ ސިލްސިލާ ބައްދަލުވުން ތަކުގެ ފުރަތަމަ ބައްދަލުވުން މިއަދު ވަނީ އޭސީސީގައި ބާއްވާފައެވެ. ދައުލަތުގެ އިދާރާތައް އެކި ގްރޫޕްތަކަށް ބަހާލައިގެން ފުރަތަމަ ބޭއްވުނު ބައްދަލުވުމުގައި 14 އިދާރާއިން ބައިވެރިވެފައިވެއެވެ.

މިއަދުގެ ބައްދަލުވުމުގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އިތުރުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ، މިނިސްޓްރީ އޮފް ޓޫރިޒަމް، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯރޓްސް، އެޓަރނީ ޖެނެރަލް ގެ އޮފީސް، ހިއުމަން ރައިޓްސް ކޮމިޝަން، ޕޮލިސް އިންޓެގްރިޓީ ކޮމިޝަން، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް އަދި މޯލްޑިވްސް ޕޮލިސް ސަރވިސް ހިމެނެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×