ގްލޯބަލް ކޮންފަރެންސް އޮން އެންޓި-ކޮރަޕްޝަން ރިފޯރމް އިން ސްމޯލް އައިލަންޑް ސްޓޭޓްސް ގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ބައިވެރިވެއްޖެ

18 Aug 2015

 

މި އޯގަސްޓް މަހުގެ 17 އިން 21 އަށް މޮރިޝަސްގައި ކުރިއަށް ގެންދާ “ގްލޯބަލް ކޮންފަރެންސް އޮން އެންޓި-ކޮރަޕްޝަން ރިފޯރމް އިން ސްމޯލް އައިލަންޑް ސްޓޭޓްސް” ކޮންފަރެންސްގައި ދިވެހިރާއްޖޭގެ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ބައިވެރިވެއްޖެއެވެ. މި ކޮންފަރެންސްގައި އޭސީސީގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވަނީ ކޮމިޝަންގެ ނާއިބުރައީސް މުޢައްވިޒް ރަޝީދާއި، ކޮމިޝަންގެ މެމްބަރު ޔަޒްމީދު މުޙައްމަދެވެ.

މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ސްމޯލް އައިލަންޑްސް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް) ގެ ދަށުން ހިމެނޭ ޤައުމުތަކުގެ UNCAC ގެ ފުރަތަމަ ބުރުގެ ރިވިއުއަށްފަހު، އެ ޤައުމުތަކަށް ދިމާވާ ދަތިތަކާއި، ބޭނުންވާ ފަންނީ އެހީތެރިކަމާއި އަދި UNCAC އުޞޫލުތައް ތަންފީޒުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭގޮތުން މަޝްވަރާ ކުރުމެވެ. މި ކޮންފަރެންސްގެ މިއަދު (18 އޯގަސްޓް 2015) ގައި ކުރިއަށްދާ “އިމްޕްލިމެންޓިން UNCAC ރިކޮމެންޑޭޝަންސް އެކްޝަން ޕްލޭންސް އެންޑް ނެޝަނަލް ސްޓްރެޓަޖީސް”ގެ ސެޝަންގައި އެންޓި-ކޮރަޕްޝަން ސްޓްރެޓަޖީ (2010–2014) ތަންފީޒު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުނު ގޮތާއި، އެންޓި-ކޮރަޕްޝަން އައު ސްޓްރެޓެޖިކް ޕްލޭން (2015-2020) އެކުލަވާލުމުގެ މަސައްކަތް ގެންދެވުނު ގޮތާއި ތަންފީޒު ކުރުމުގެ ޙަރަކާތްތައް ކުރިއަށްދާ ގޮތާ ބެހޭގޮތުން އޭސީސީގެ ފަރާތުން ޕްރެޒެންޓޭޝަނެއް ހުށަހަޅައި ތަޖްރިބާ ޙިއްޞާ ކުރާގޮތަށް ވަނި ހަމަޖެހިފައެވެ. މި ޕްރެޒެންޓޭޝަން ހުށަހަޅާ ދެއްވާނީ ކޮމިޝަންގެ ނާއިބުރައީސް މުޢައްވިޒް ރަޝީދެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×