އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މީޑިއާ ޕޮލިސީ އިފްތިތާޙްކޮށްފި

24 Aug 2015

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މީޑިއާ ޕޮލިސީ އިފްތިތާޙްކޮށްފިއެވެ. މި ޕޮލިސީ އިފްތިތާޙުކޮށްދެއްވީ، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މީޑިއާ ޕޮލިސީ އިފްތިތާޙްކުރުމާއި ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ މަޢުލޫމާތު މީޑިއާއާ ޙިއްސާކުރުމަށް، 24 އޯގަސްޓް ވީ ހޯމަ ދުވަހު (މިއަދު) ހެނދުނު 10:00 ގައި، ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ހޯލުގައި ބޭއްވުނު ރަސްމިއްޔާތެއްގައި، އިންފޮމޭޝަން ކޮމިޝަނަރު އަލްފާޟިލް ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރެވެ.
މިއަދުގެ ރަސްމިއްޔާތުގައި، ކޮމިޝަނަރު ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ދައުލަތުގެ އެކި އިދާރާތަކުގައި ވެބްސައިޓްތައް ހުރިކަމަށް ވިޔަސް، އެ ވެބްސައިޓްތަކުގައި އެތަންތަނާ ގުޅޭ މަޢުލޫމާތު އެންމެ ތާޒާކަންމަތީ ލިބެން ނުހުންނަކަން ފާހަގަކުރެއްވިއެވެ. އަދި މިފަދަ ޓެކްނޯލޮޖީގެ ގޮތުން ކުރިއަރާފައިވާ ޒަމާނެއްގައި، އާންމުންނަށް އެވަޞީލަތްތައް މެދުވެރިކޮށް ފަސޭހައިން ތާޒާކޮށް މަޢުލޫމާތު ލިބެން ހުންނާނެ ގޮތްތަކަށް ކަންކަން އިންތިޒާމުކުރުމަށްޓަކައި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގައި ވާ މިންގަނޑުތަކަށް ޢަމަލުކުރުމަށް އިލްތިމާސްކުރެއްވިއެވެ. އޭސީސީން އިސްނަގައިގެން މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގައި ބުނާ ކަންކަން ފުރިހަމަ ކުރެއްވުމަށް ކުރެއްވި މަސައްކަތްތައް ފާހަގަކޮށް ކޮމިޝަންގެ ރައީސްއަށާއި ކޮމިޝަންގެ އެންމެހާ މުވައްޒަފުންނަށް އިންފޮރމޭޝަން ކޮމިޝަނަރ މަރްޙަބާ ވިދާޅުވިއެވެ. އަދި އޭސީސީގެ މި އިސްނެންގެވުން ނަމޫނާއަކަށް ދެކިގެން ދައުލަތުގެ އެހެން މުއައްސަސާތަކުންވެސް މަޢުލޫމާތު ހޯދާލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގައި ބުނާ ކަންތައްތައް ފުރިހަމަ ކުރެއްވުމަށް އިންފޮރމޭޝަން ކޮމިޝަނަރ އެދިވަޑައިގެންނެވިއެވެ.
އޭސީސީގެ މީޑިއާ ޕޮލިސީ އަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގައި، މަޢުލޫމާތު އާންމުކުރުމަށް ބުނާ މިންގަނޑަށް މަޢުލޫމާތު އާންމުކޮށް ހާމަކުރުމަށްޓަކައި ކަންކަން ބައްޓަންކުރި ފުރަތަމަ މުއައްސަސާއަށް ހެދުމަށް އެކުލަވާލެވުނު ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން މީޑިއާގެ ފަރާތްތަކުން އޭސީއިން މަޢުލޫމާތު ހޯދުން ފަސޭހަވެގެންދާނެއެވެ.
މިއަދުގެ ރަސްމިއްޔާތުގައި އިންފޮމޭޝަން ކޮމިޝަނަރގެ އިތުރުން އޮޑިޓަރ ޖެނެރަލްއާއި، ޕްރޮސެކިއުޓަރ ޖެނެރަލްއާއި، ބައެއް މިނިވަން މުއައްސަސާތަކުގެ ރައީސުންނާއި މެމްބަރުންނާއި އަދި މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ގިނަ ފަރާތްތަކަކުން ބައިވެރިވިއެވެ.




ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×