އާ ޤާނޫނުލް ޢުޤޫބާތަށް ޢަމަލު ކުރަންފެށި ތާރީޚުގެ ކުރިން ހިންގާފައިވާ ކޮރަޕްޝަންގެ ޢަމަލުތައް ތަޙުޤީޤު ކުރުމުގައި ސަމާލުކަންދޭންވީ ކަންތައްތަކާ ގުޅޭގޮތުން އޭސީސީގެ އިންވެސްޓިގޭޓަރުންނަށް މަޢުލޫމާތު ދީފި

15 Sep 2015

ޤާނޫނު ނަންބަރު 09/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް 16 ޖުލައި 2015 ގައި ޢަމަލުކުރަން ފަށާފައިވާއިރު، ޤާނޫނު ނަންބަރު 2015/6 (ޤާނޫނުލްޢުޤޫބާތަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އިން ޤާނޫނުލްޤޫބާތުގެ 10 ވަނަ މާއްދާގެ (ރ) އަށް ގެނެސްފައިވާ އިޞްލާޙުގައި، ޤާނޫނުލްޢުޤޫބާތަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިންގާފައިވާ ޢަމަލެއް ނުވަތަ ކޮށްފައިވާ ކުށަކަށް، ޤާނޫނުލްޢުޤޫބާތަށް ޢަމަލުކުރަން ފެށުމަށްފަހު އަދަބު ކަނޑައަޅާނަމަ، އެ ކުށަކަށް ދިނުމަށް އެ ޤާނޫނުގައި ކަނޑައަޅާފައިވާ އަދަބަކީ ކުރީގެ ޤާނޫނުގައި ކަނޑައަޅާފައިވާ އަދަބަށްވުރެ ލުއި އަދަބެއްނަމަ، ނުވަތަ ޤާނޫނުލްޢުޤޫބާތުގައި އެ ކުށުގެ މައްޗަށް ހިންގުމަށް އޮތް އުޞޫލަކީ ނުވަތަ އިޖުރާޢަތަކީ، ކުރީގެ ޤާނޫނަށްވުރެ ދަޢުވާލިބޭ މީހާއަށް ލުއި އިޖުރާޢާތެއްނަމަ، އެފަދަ ކުށެއްގެ މައްޗަށް ހިންގަންވާނީ އަލަށް ޢަމަލުކުރަން ފެށި ޤާނޫނުލްޢުޤޫބާތު ކަމަށާއި، އަދި ޤާނޫނުލްޢުޤޫބާތުގެ ދަށުން އެ ކުށަކަށް އޮތް އަދަބު ލުއިވާ ޙާލަތުގައި އެކުށަކަށް އަދަބު ކަނޑައަޅާނީވެސް އަލަށް ޢަމަލުކުރަން ފެށި ޤާނޫނުލްޢުޤޫބާތުގައިވާ ގޮތުގެ މަތިންކަމުގައި ބަޔާންކޮށްފައިވާއިރު، ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގައި ކުށް ސާބިތުކުރުމުގެ މިންގަނޑު ބަޔާންކޮށްފައިނުވާތީ ކުށުގެ މައްޗަށް ހިންގަންޖެހޭ އުޞޫލްތަކާބެހޭ އިޖުރާޢާތުތަކަށް އެންޓި-ކޮރަޕްޝަން ކޮމިޝަންގައި މަސައްކަތް ކުރާ އިންވެސްޓިގޭޓަރުން އިތުރަށް އަހުލުވެރި ކުރުމުގެ ގޮތުން މަޢުލޫމާތުދީ މަޝްވަރާކުރުމަށް މިއަދު އޭސީސީގައި ވަނީ ބައްދަލުވުމެއް ބާއްވާފައެވެ.
މި ބައްދަލުވުމުގައި މަޢުލޫމާތު ދެއްވީ އޭސީސީގެ ލީގަލް ރިސަރޗު ޔުނިޓުގެ ފަރާތުންނެވެ. އަދި މިބައްދަލުވުމުގައި ކުށުގެ ތުހުމަތުތައް ތަޙްޤީޤްކުރުމުގައި، ޤާނޫނުލްޢުޤޫބާތުގައި ބަޔާންކޮށްފައިވާ އުޞޫލްތަކާއި މިންގަނޑުތަކާއި އިޖްރާޢާތުތައް ބޭނުންކުރާނޭ ގޮތްތައް އިންވެސްޓިގޭޓަރުންނަށް އިތުރަށް ސާފުކޮށްދީ ކޮރަޕްޝަންގެ މައްސަލަތައް ތަޙުޤީޤުކުރުމުގައި ސަމާލުކަން ދޭންވީ ކަންތައްތަކާއި، ޤާނޫނުލްޢުޤޫބާތުގައި ބަޔާންކޮށްފައިވާ ދިފާޢުތައް ތުހުމަތު ކުރެވޭ ފަރާތްތަކަށް ފޯރުކޮށްދިނުމާއި ހެއްކާއި ޤަރީނާ ވަޒަންކުރުމާބެހޭގޮތުން މަޢޫލޫމާތު ދީފައިވެއެވެ.
13 ސެޕްޓެންބަރު 2015 ވަނަ ދުވަހު އޭސީސީގައި ބޭއްވި މި ބައްދަލުމުގައި އޭސީސީގެ ހުރިހާ އިންވެސްޓިގޭޓަރުންގެ އިތުރުން ކޮމިޝަންގެ މެމްބަރުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×