ކިއްލާ ތެރޭގައިވަނީ ހައިވާނު ބަގީޗާއަކާއި ގޮލްފް ދަނޑަކާއި މާސިންގާ ހަނގުރާމަމަތީ ނަވެކެވެ

07 Oct 2015

ޔޫޫކްރެއިންގެ ރައީސް ވިކްޓަރ ޔަނުކޮވިޗް ޤައުމުން ފިލި ދުވަހު، މުޒާހަރާކުރަންތިބި މީހުންތައް ކިއެވްގައި ހުންނަ އޭނާގެ ކިއްލާތެރެއަށް ގަދަކަމުން ވަދެގަތެވެ. 6 މީޓަރު އުސްމިނުގައި ހުރި ވަށާފާރުގެ އަނެއް ފަރާތުގައި ފޮރުވިފައިވާ ޙަޤީޤަތަކީ ކޮބައިކަން އެނގުނީ ދެނެވެ…

އިންޓަރނެޓް މެދުވެރިކޮށް މުޅި ދުނިޔެއަށް ޢާއްމުވި ފޮޓޯތައް އެތައް މިލިއަން ފަހަރަކު ބެލިފައިވާކަމަށް ވެއެވެ. މި ފޮޓޯތައް ރަމްޒުކޮށްދެނީ ރައީސް ޔަނުކޮވިޗްގެ ޒަޢާމަތުގެ ފަސާދައާއި، މުދަލުން ކޮށްފައިވާ އަގު ނުކުރެވޭ ފަދަ އިސްރާފެވެ.

ކިއްލާ ތެރޭގައިވަނީ ހޯމް ސިނަމާއަކާއި ފައްޅިއެއް އެކުލެވިގެންވާ ހަތަރު ބުރީގެ ގަނޑުވަރެއް އެކަންޏެއް ނޫނެވެ. އެތަނުގައި މާދޫންޏާއި، ކެންގަރޫ ހިމެނޭ ހައިވާނު ބަގީޗާއަކާއި، ގޮލްފް ދަނޑަކާއި، 16 ވަނަ ޤަރުނުގައި ސްޕެއިންގެ ހަނގުރާމަވެރިން ގެންގުޅެފައިވާ ހަނގުރާމަމަތީ ނަވެއްވެސް ވެއެވެ.

މިހިސާބުން އެދުވަހު ފާޅުވި ޚަޒާނާތަކުގެ ލިސްޓް ނިމުނީއެއް ނޫނެވެ.

ކައިރީގައިވާ ކޯރެއްގައި އޮޔާދަނިކޮށް ފެނިފައިވަނީ އެތައް ސަތޭކަ ރަސްމީ ލިޔެކިޔުންތަކެކެވެ. އެކްޓިވިސްޓުން މި ލިޔުންތައް ހޮވައިގެން ބެލި ބެލުމުން އެނގުނުގޮތުގައި އެއީ ސިއްސައިގެންދާހާ ބޮޑެތި ޢަދަދުތަކުގެ ފައިސާގެ ބިލްތަކެކެވެ. މީގެތެރޭގައި ޔަނުކޮވިޗް ޒީނަތްތެރިކުރަން ބޭނުންވެފައިވާ މާލަމަކަށް ދެ މިލިޔަން އެމެރިކާ ޑޮލަރު ހޭދަކޮށްފައިވާ ކަމުގެ ބިލެއްވެސް ހިމެނެއެވެ. އަދި މުޅި ވިލާތަށް ފެތުރިފައިވާ ސިއްރު ކުންފުނިތަކެއްގެ ވިއުގައެއްވެސް ފަޅާއަރާފައިވެއެވެ. މި ކުންފުނިތައް ބޭނުންކުރެވިފައިވަނީ ޒަޢާމަތުން ވަގަށްނަގާފައިވާ ހަރުމުދާ ފޮރުވާ، ރައްކާތެރި ކުރުމަށެވެ.

ގަނޑުވަރު މިސާލަކަށް ނަގަމާ ހިނގާށެވެ. މުޅި ކިއްލާއަކީ ޔަނުކޮވިޗްގެ މިލްކެއް ނޫންކަމަށް އޭނާ އަބަދުވެސް ބުނަމުންދެއެވެ. ތެދެކެވެ. ލިޔެކިޔުންތައް ބަލާލުމުން އެ ބިން ވަނީ އޭނާގެ ނަމުގައި ނޫންކަން އެނގެއެވެ. އަދި ކީއްހެއްޔެވެ. އެއީ އެއްވެސް ދިރިހުރި އިންސާނަކަށް ނިޞްބަތްވާ ތަނެއް ނޫނެވެ.

އެތަނުގެ ރަސްމީ މިލްކުވެރިޔަކީ ކިއެވްގައި ހުންނަ ކުންފުންޏެކެވެ. މި ކުންފުނީގެ މިލްކުވެރިކަން އޮތީ އޮސްޓްރިއާގެ ކުންފުންޏެއްގެ އަތުގައެވެ. ޚުދު މިކުންފުނީގެ ވެރިންނަކީ އޮސްޓްރިއާގެ އެހެން ކުންފުންޏަކާއި އިނގިރޭސިވިލާތުގެ ކުންފުންޏެކެވެ.

ފަހުން މިދެންނެވުނު އޮސްޓްރިއާގެ ކުންފުނީގެ ނަމަކީ ޔޫރޯ އިންވެސްޓް އޭ.ޖީ އެވެ. މިކުންފުނީގެ ލިޔުންތައް ހަމައެކަނި ދައްކަނީ ކުންފުނީގެ ޙަޤީޤީ ވެރިފަރާތުން ޢައްޔަންކޮށްފައިވާ އެހެން ވެރިއެއްގެ ނަމެވެ. މިޙަޤީޤީ ވެރިޔަކީ ކާކުކަމެއް އެނގިފައެއް ނުވެއެވެ.

ދެންނެވިފައިވާ އިނގިރޭސިވިލާތުގެ ކުންފުންޏަށް ބަލާއިރު، މިކުންފުނީގެ ނަމަކީ ބްލައިތު (ޔޫރަޕް) އެވެ. އަދި ޤާއިމް ކުރެވިފައިވަނީ ލަންޑަންގެ ހާރލީ ސްޓްރީޓްގައެވެ. ހަމަ މި ހާރލީ ސްޓްރީޓް އެޑްރެސްގައި ރެޖިސްޓަރ ކުރެވިފައިވަނީ ‘ރެޑީ މޭޑް’ ކުންފުނި އުފައްދާދޭ އޭޖެންސީއެކެވެ. މި އޭޖެންސީ އިން ކުންފުނި ހެދުމަށް އެދިގެން އަންނަ ފަރާތްތައް ބޭނުންވި ކޮންމެ ގޮތަކަށް، މަދު މިނެޓު ކޮޅެއްގެ ތެރޭގައި ބޭނުން ނަމެއްގެ ކުންފުންޏެއް އުފައްދައިދެއެވެ. އަދި މި އޭޖެންސީއިން ހަދާ މިފަދަ ކުންފުނިތަކަށް، ޤައުމުން ބޭރުގެ ގޮތް ނޭނގޭ ފަރާތްތަކުން ފައިސާ ލިބޭނެ ގޮތް، ޓްރަސްޓްތަކެއް މެދުވެރިކޮށް ހަމަޖައްސާދެއެވެ. ބްލައިތު (ޔޫރަޕް) އަކީ އެއްވެސް އިންސާނެއްގެ މިލްކިއްޔާތުގައިވާ ތަނެއް ނޫނެވެ. ހަމައެކަނި ވެރިއެއްކަމަށް ދައްކަނީ ޖަރުމަނުގައި ހުންނަ ފައިސާ ލިއްބައިދޭ ޓްރަސްޓެކެވެ. މިފައިސާ ޖަމާކޮށްދެނީ ކާކުކަމެއް ނޭނގެއެވެ.

ޔަނުކޮވިޗްގެ ރޭވުމަކީ އޭނާގެ ކަންތައްތައް ސިއްރުކޮށްގެން ގެންގުޅުންކަމަށް ވާނަމަ އޭނާގެ ރޭވުން ނާކާމިޔާބު ވެއްޖެއެވެ. އޭނާގެ ފައިސާ ގެންގުޅެފައިވާ ގޮތުގެ ލިޔެކިޔުންތައް މިހާރު އިންޓަރނެޓުގައި ޝާޢިއު ކޮށްފައިވާއިރު، އަދި އެފް.ބީ.އައި ތަޙުޤީޤެއް ކުރިއަށްގެންދަމުން ދާއިރު، އޭނާގެ ޝާހީ ކިއްލާވަނީ ހިފެހެއްޓި، ޢާއްމުންނަށް ހުޅުވާލެވިފައެވެ. އެއީ މިހާރު މުޅި ޔޫކްރެއިންގެ މިލްކެކެވެ.

ނަމަވެސް މިއީ އެންމެ ޙާދިޘާއެކެވެ. އޮންލައިން ޑައިރެކްޓަރީއަކުން (ވަކި ހިސާބުގަނޑެއްގައި ރެޖިސްޓަރ ކުރެވިފައިވާ ހުރިހާ އެޑްރެސްތައް ދައްކައިދޭ ލިޔެކިޔުމެއް) ދައްކާގޮތުގައި ކުރިން ދެންނެވުނު ހާރލީ ސްޓްރީޓް އެޑްރެސްގައިވެސް އެތައް ހާސް ކުންފުންޏެއް ރެޖިސްޓަރ ކުރެވިފައިވެއެވެ.

އަލަށް އުފެއްދުނު އިނގިރޭސިވިލާތުގެ ޤާނޫނުތަކުގެ ސަބަބުން މިފަދަ ސިއްރު ކުންފުނި ތަކުގެ ޙަޤީޤަތް ވަރަށް އަވަހަށް ފާޅު ކުރަންޖެހޭނެއެވެ. ނަމަވެސް އެހެން ޤައުމުތައްވެސް މިފަދައިން ކަންތައް ނުކޮށްފިނަމަ، އެތަކެއް ދޮގުވެރި މިލްކުވެރިންނާއި އެމީހުންގެ މުޢާމަލާތްތަކަކީ ވަންހަނާވެގެންވާ ކަންތައްތައް ކަމުގައި ދެމިގެން ދާނެއެވެ.

 

ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ، “އަންމާސްކް ދަ ކޮރަޕްޝަން” ގެ ތެރެއިން ނަގާފައިވާ “ދަ އެކްސް ޕްރެޒިޑެންޓް” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ.

މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” އާއެކު ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.

 



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×