އދ.ދަނގެތީ މަދަރުސާގެ ޓްރެއިންޑް ލީޑިންގ ޓީޗަރެއްގެ މަޤާމުގައި ހުރި ޢާއިޝަތު އިފާޝާ އެސްކޫލުން ޢާއިލީ ޒިންމާ ޗުއްޓީނަގައި އެމުއްދަތުގެ ތެރޭގައި ޣިޔާޘުއްދީން ސްކޫލުގެ ވަޒީފާ އަދާކޮށް ދެ ސްކޫލުންވެސް މުސާރަ ނަގާފައިވާތީ، އެމައްސަލާގައި ދަޢުވާކުރުމަށް ފޮނުވައިފި

15 May 2011

އދ.ދަނގެތީ މަދަރުސާގެ ޓްރެއިންޑް ޓީޗަރގެ މަޤާމުގައި ހުރި އދ.ދަނގެތި/ތޯތާގެ ޢާއިޝަތު އިފާޝާ، 6 ޖޫން 2008 ން ފެށިގެން މެއި/ޖޫން 2009 ގެ ނިޔަލަށް ސެންޓަރ ފޮރ ކޮންޓިނިއުއިންގ އެޑިއުކޭޝަނުން ހިންގި ކޮންޓެންޓް އަޕްގްރޭޑިންގ ކޯސް ފުރިހަމަ ކުރުމަށްފަހު، 18 ޖޫން 2009 ން ފެށިގެން ޣިޔާޘުއްދީން ސްކޫލަށް ވަޒީފާއަށް ނުކުމެފައިވެއެވެ. އަދި 18 ޖޫން 2009 ން 31 ޖުލައި 2009 ގެ ނިޔަލަށް އދ.ދަނގެތީ މަދަރުސާއިން ޢާއިލީ ޒިންމާގެ ޗުއްޓީއާއި، ގަވާއިދުން މެޑިކަލް ސެޓްފިކެޓް ހުށަހަޅައި، 18 ޖޫން 2009 ން 31 ޖުލައި 2009 ގެ ނިޔަލަށް ޣިޔާޘުއްދީން ސްކޫލަށް ވަޒީފާއަށް ނުކުމެ، ދެ ސްކޫލުންވެސް މުސާރަ ނަގާފައިވާ ކަމަށާއި، އެގޮތުން އެމުއްދަތުގެ ތެރޭގައި އދ.ދަނގެތީ މަދަރުސާއިން މުސާރައިގެ ގޮތުގައި ޖުމްލަ 11،072.00 (އެގާރަހާސް ހަތްދިހަދޭއް) ރުފިޔާ ނަގާފައިވެއެވެ.

ޢާއިޝަތު އިފާޝާގެ އެ ޢަމަލަކީ، ސިވިލް ސަރވިސްގެ ގަވާއިދު-2008 ގެ 10 ވަނަ ބައިގައި ބަޔާންކޮށްފައިވާ “ސަލާންބުނުން” މި ބައިގެ 1 ވަނަ މާއްދާގައިވާ، ސަލާން ބުނަންވާނީ، ތިމާ ބަލިވެގެން، ނުވަތަ ތިމާ ބަލަންޖެހިފައިވާ މީހަކު ބަލިވެގެން އެތާނގައި ތިމާ ނުހުރެ ނުވާފަދަ ގޮތެއް މެދުވެރިވެގެން ކަމަށް ވާއިރު، ޢާއިޝަތު އިފާޝާ ޢަމަލުކޮށްފައިވަނީ، މި މާއްދާގެ ރޫޙާ ޚިލާފަށެވެ. އެއީ ޢާއިޝަތު އިފާޝާ ސަލާމް ބުނެފައިވާ ދުވަސްތަކުގައި އޭނާ ވަޒީފާ އަދާކޮށްފައިވަނީ، ސިވިލް ސަރވިސްގައި އޭނާ އަދާކުރަންޖެހޭ ވަޒީފާއާ އެއްފަދަ ވަޒީފާއެއް، އޭނާގެ ފުރިހަމަ ޞިއްޙަތުގައި ހުރެގެންނެވެ. އަދި ސަލާމް ބުނެފައިވާ ދުވަސްތަކުގައި، އެހެން ވަޒީފާއެއް އަދާކޮށްފައިވަނީ، ސިވިލްސަރވިސްގެ މުވައްޒަފުންގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި މަކަރާއި ޙީލަތް ހެދުމުގެ ޢަމަލުތަކާއި، ޚިޔާނާތުގެ ޢަމަލުތަކާ ދުރުވެގެން ތިބެކަމަށް ސިވިލް ސަރވިސްގެ ޤާނޫނުގެ 33 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޯޑް އޮފް ކޮންޑަކްޓްއާ ޚިލާފަށެވެ. އަދި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ކޯޑް އޮފް ކޮންޑަކްޓްގައި، މުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި ތިމާގެ މަޞްލަޙަތަށް ބުރަވެގެން ފުށުއަރާ އެއްވެސް ކަމެއް ކޮށްގެންނުވާނެކަމަށް ބުނެފައިވާއިރު، ޢާއިޝަތު އިފާޝާގެ މި ޢަމަލަކީ، ސިވިލް ސަރވިސްގެ މުވައްޒަފެއްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި ފުށުއަރާ ޢަމަލެއްކަން ފާހަގަ ކުރެއެވެ.

އެހެންކަމުން، 18 ޖޫން 2009 ން 31 ޖުލައި 2009 ގެ ނިޔަލަށް އދ.ދަނގެތީ މަދަރުސާއިން ޢާއިލީ ޒިންމާގެ ޗުއްޓީނަގައި، ގަވާއިދުން އެ މަދަރުސާއަށް މެޑިކަލް ސެޓްފިކެޓް ހުށަހަޅައި، 18 ޖޫން 2009 ން 31 ޖުލައި 2009 ގެ ނިޔަލަށް ޣިޔާޘުއްދީން ސްކޫލަށް ވަޒީފާއަށް ނުކުމެ، ދެ ސްކޫލުންވެސް މުސާރަ ނަގައި، އެމުއްދަތުގެ ތެރޭގައި އދ.ދަނގެތީ މަދަރުސާއިން މުސާރައިގެ ގޮތުގައި ޖުމްލަ 11،072.00 (އެގާރަހާސް ހަތްދިހަދޭއް) ރުފިޔާ ނަގާފައިވާ ފައިސާ އަނބުރާ އދ.ދަނގެތި މަދަރުސާއަށް ދެއްކި ކަމުގައިވިޔަސް، ޢާއިޝަތު އިފާޝާގެ އެ ޢަމަލަކީ، މަކަރު ހެދުމާއި އޮޅުވާލުންކަމަށް މިކޮމިޝަނުން ކުރި ތަޙްޤީޤުން އެނގޭތީ، ދަޢުވާކޮށްދެއްވުމަށް އެދި 08 މެއި 2011 ގައި މިމައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށްވާނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×