ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފައިސާއަށް ޚިޔާނާތްވެ ނާޖާއިޒު ފައިދާ ހޯދާފައިވާތީ، އެ އެސޯސިއޭޝަނުގެ ކުރީގެ ހިންގާ ކޮމިޓީގެ 3 މެމްބަރުންގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި

02 Jun 2011

ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ބަޖެޓްގައިވާ ފައިސާގެ މައްސަލަތަކާއި، ކެރަމް އެސޯސިއޭޝަނަށް ބޭނުންވާ ތަކެތީގެ މައްސަލަތަކުގައި ކެރަމް އެސޯސިއޭޝަންގެ ބޯޑްގެ މެންބަރުން އިޙުމާލުވެފައިވާ ކަމަށްބުނެ ހުށަހަޅާފައިވާ މައްސަލަ މިކޮމިޝަނުން ތަޙްޤީޤުކުރިއިރު، ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފައިސާ ޚަރަދުކުރުމަށް އެ އެސޯސިއޭޝަންގެ ކުރީގެ ޚަޒާންދާރު ގ.ގްރީންލިން ޢަލީ ނަދީމު ޚަޒާންދާރު ކަމުގެ މަގާމުގައި ހުރި މުއްދަތު ގައި ކެރަމް އެސޯސިއޭޝަންގެ ހިސާބުތަކުން 4,691.77 (ހަތަރުހާސް ހަސަތޭކަ ނުވަދިހަ އެއްރުފިޔާ ހަތްދިހަ ހަތްލާރި) މަދުވާ ކަމަށް ދައްކާތީ މިފައިސާ އަށް ޢަލީ ނަދީމު ޚިޔާނާތްވެފައިވާކަމާއި 2008 އޮކްޓޯބަރ ން ފެށިގެން 2008 ގެ ޑިސެމްބަރގެ ނިޔަލަށް ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެމް.އެމް.އޭ ގައި އޮތް 1084 ނަންބަރ އެކައުންޓުން ޚަރަދުކުރުމަށް ނެގި 318,420.00 (ތިންލައްކަ އަށާރަހާސް ހަތަރުސަތޭކަ ވިހި) ރުފިޔާ ގެ ތެރެއިން ޚަރަދުކުރިކަމަށް ލިޔެކިޔުންތަކުން ފެންނަށްހުރީ 29,725.00 (ނަވާވީސްހާސް ހަތްސަތޭކަ ފަންސަވީސް) ރުފިޔާގެ ޚަރަދުގެ ތަފްޞީލު ކަމާއި އެހެންކަމުން ޚަރަދުކުރީ ކޮންކަމަކަށް ކަންނޭނގި 288,695.00(ދެލައްކަ އަށްޑިހަ އަށްހާސް ހަސަތޭކަ ނުވަދިހަ ފަހެއް)ރުފިޔާ ކެރަމް އެސޯސިއޭޝަންގެ ބޭންކް އެކައުންޓުން ނަގާފައިވާ ކަމަށް ފާހަގަ ކުރެވިފައިވުމާއި 2008 އޮކްޓޯބަރ މަހުން ފެށިގެން 2008 ގެ ޑިސެމްބަރ މަހުގެ ނިޔަލަށް ކެރަމް އެސޯސިއޭޝަންގެ ޚަރަދުތައް ކުރުމުގައި އުޅެފައިވަނީ އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ މ.ނާއިންފަރުއާގޭ މުޙައްމަދު ޝާޒްލީ އާއި އެ އެސޯސިއޭޝަންގެ ކުރީގެ ޗެއަރމަން ގ.ސައިމާ އިބްރާހިމް ޝަހީމް ކަމަށް ވުމުން ޕޭމަންޓް ވައުޗަރު ނުލިޔެ ލިޔެކިޔުންތަކަށް ނާރުވައި ޚަރަދުކޮށްފައިވާ 288,695.00 (ދެލައްކަ އަށްޑިހަ އަށްހާސް ހަސަތޭކަ ނުވަދިހަ ފަހެއް)ރުފިޔާ އަށް ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރީގެ ޗެއަރމަން ގ.ސައިމާ އިބްރާހިމް ޝަހީމް އަދި ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ މ.ނާއިންފަރުގޭ މުޙައްމަދު ޝާޒުލީ ޚިޔާނާތްވެފައިވާކަމަށް މި ކޮމިޝަނުން ކުރި ތަޙްޤީޤަށް ޘާބިތުވެފައިވެއެވެ. އަދި ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން 2008 ވަނަ އަހަރު ސްރީލަންކާގައި އޮތް ކެރަމް މުބާރާތުގައި ބައިވެރިވުމަށް ކުރިދަތުރުގައި އޭރުގެ ޗެއަރމަން ގ.ސައިމާ އިބްރާހިމް ޝަހީމް އޭނާގެ ޢާއިލާގެ މެންބަރަކަށް އެސޯސިއޭޝަންގެ ނަމުގައި މާލެ-ކޮލަމްބޯ ދެކޮޅު ޓިކެޓެއް ނަގާފައި ވުމާއި އަދި ޓިކެޓަށްވާ ފައިސާ އެސޯސިއޭޝަނަށް އަނބުރާ ދީފައިވާކަން އެނގެން ނެތުމުން އިބްރާހިމް ޝަހީމް އޭނާގެ މަޤާމުގެ ނުފޫޒުގެ ބޭނުން ހިފައި ނާޖާއިޒު ފައިދާއެއް ހޯދައިފައިވާކަން ޘާބިތުވާ ކަމާއި އަދި ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން 2008 ވަނަ އަހަރު ސްރީލަންކާގައި އޮތް ކެރަމް މުބާރާތުގައި ބައިވެރިވުމަށް ކުރިދަތުރުގައި އޭރުގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ޝާޒުލީ ކޮލަމްބޯ އިން ޓްރިވެންޑްރަމަށް ދިއުމަށް ޓިކެޓް ނަގާފައިވަނީ އަމިއްލަ ކަމެއްގައި ދިއުމަށް ކަމަށާއި އެއީ އެސޯސިއޭޝަންގެ ދަތުރެއް ނޫންކަމަށް މި ތަޙްޤީޤަށް ޘާބިތުވާތީ، މުޙައްމަދު ޝާޒުލީ ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގައި އޭނާހުރި މަގާމުގެ ނުފޫޒުގެ ބޭނުންހިފައި ނާޖާއިޒު ފައިދާއެއް ހޯދައިފައިވާކަމަށް ޘާބިތުވެއެވެ.
މި މައްސަލަތަކުގައި ކެރަމް އެސޯސިއޭޝަންގެ ކުރީގެ ހިންގާކޮމެޓީގެ މެންބަރުންގެ ގޮތުގައި ތިބި ޢަލީ ނަދީމާއި އިބްރާހީމް ޝަހީމް އަދި މުޙައްމަދު ޝާޒުލީ ކެރަމް އެސޯސިއޭޝަންގެ ފައިސާއަށް ޚިޔާނާތްވެ ނާޖާއިޒު ފައިދާ ހޯދާފައިވާކަމަށް މި ކޮމިޝަނުން ކުރިޔަށް ގެންދިޔަ ތަޙްޤީޤަށް ޘާބިތުވާތީ، މިމައްސަލަތައް ޝަރީޢަތަށް ހުށަހަޅުއްވައި ދެއްވުމަށް 01 ޖޫން 2011ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވާނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×