ކ.މާފުށި ޖަލުގައި ކުށްވެރިން ގޮވައިގެން ދަތުރު ކުރަން އޮންނަ ދޯނީގައި، ކެޕްޓަން އިބްރާހީމް ބުޝްރީ އޭނާގެ މަޤާމުގެ ނުފުޒު ބޭނުންކޮށްގެން އަމިއްލަ މުދާ އުފުލާފައިވާތީ، އިބްރާހީމް ބުޝްރީގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި

08 Jun 2011

ކ. މާފުށި ޖަލުގައި ކުށްވެރިން ގޮވައިގެން ދަތުރު ކުރަން އޮންނަ ދޯނީގައި، ކެޕްޓަން އިބްރާހީމް ބުޝްރީ އޭނާގެ އަމިއްލަ މުދާ އުފުލާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ މިކޮމިޝަނުން ތަޙްޤީޤު ކުރިއިރު، ޑީ.ޕީ.އާރ.އެސް ގެ 01 ނަމްބަރު ދޯންޏާއި ބެހޭގޮތުން 30 އޮކްޓޯބަރ 2010 ގައި ކޮށްފައިވާ އިޢްލާނުގައި 31 އޮކްޓޯބަރ 2010 ވަނަދުވަހުން ފެށިގެން އަތުން ހިފައިގެން ގެންނަ ދަބަހެއް ނުވަތަ ކޮތަޅެއްފަދަ އެއްޗެއް ފިޔަވައި އެހެން އެއްވެސް އެއްޗެއް އެދޯނިން ގެނައުމަކީ މަނާކަމެއްކަން އަންގަވާފައި ވަނިކޮށް ކ.މާފުށި ތޯތާގެ އިބްރާހީމް ބުޝްރީ އޭނާގެ އަމިއްލަ މުދާ މާލެއިން މާފުށްޓަށް ގެންދިޔަކަން އޭނާގެ އަމިއްލަ އިޢްތިރާފުންނާއި ހެކިންގެ ހެކިބަހުން އެނގިފައިވެއެވެ.

އެހެންކަމުން، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު (ޤާނޫނުނަމްބަރ: 2000/2) ގެ 12 ވަނަމާއްދާގެ (ހ) ގައި ބުނާފަދައިން ކ.މާފުށި ތޯތާގެ އިބްރާހީމް ބުޝްރީ އޭނާގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ފައިދާއެއް ހޯދާފައިވާ ކަމަށް ވުމާއެކު، އިބްރާހީމް ބުޝްރީގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު (ޤާނޫނުނަމްބަރ: 2000/2) ގެ 12 ވަނަމާއްދާގެ (ހ) ގެ ދަށުން ދަޢުވާކޮށްދެއްވުމަށް އެދި 07 ޖޫން 2011 ގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވާނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×