ބަދަލުކުރި ޙުކުމް

13 Oct 2015

އަލްމާ އޭނާގެ އުމުރުން 84 އަހަރުވެފައިވުމާއެކު އޭނާގެ ވަސިއްޔަތް، ލިޔުމުން އެނގޭ ގޮތަށް ބޭއްވުމުގެ މަސައްކަތް ފެށިއެވެ. އަދި ޒަމާންތަކަކަށް، އޭނާގެ ޢާއިލާގެ މިލްކުވެރިކަމުގައި އޮތް ބިންކޮޅެއް އޭނާގެ އަންހެން ދަރިފުޅަށް ދޭން ބޭނުންވިއެވެ. މިބިންކޮޅަކީ އޭނާގެ އާއިލާގެ ތެރޭގައި ގިނަ އަހަރުތަކެއް ވަންދެން އެއްޖީލުން އަނެއް ޖީލަށް ވާރުތަވަމުން އައިސްފައިވާ ބިމެކެވެ. ނަމަވެސް ގޯތީގެ ރެޖިސްޓްރީ ރަނގަޅަށް ބެލިއިރު، ގޯތީގެ 6 އަކަ މީޓަރު، ރަސްމީކޮށް އޮތީ އެހެން މީހެއްގެ މިލްކުވެރިކަމުގެ ދަށުގައިކަން ފާހަގަ ކުރެވުނެވެ. އެހެންކަމުން އަލްމާ އެމައްސަލަ ކޯޓަށް ހުށަހެޅިއެވެ. މުޅި ބިމުގެ މިލްކުވެރިކަން ލިބެނީ އަލްމާއަށް ކަމަށް ކޯޓުން ޙުކުމްކުރި ނަމަވެސް، ކޯޓުން ކުރި ޙުކުމާ ގުޅޭ ލިޔެކިޔުންތަކުގައިވާ ކުށެއްގެ ސަބަބުން، ބިމުން އަލްމާގެ މިލްކުވެރިކަމަށް ވަންނަންޖެހޭ 6 އަކަމީޓަރުގެ ބަދަލުގައި އަލްމާއަށް މިލްކުވާކަމަށް ވެގެންދިއައީ 6 އަކަސެންޓިމީޓަރެވެ.
އެހެންކަމުން އަލްމާ ކޯޓުން ނިންމި ޙުކުމް ބަދަލުކޮށްދިނުމަށް އެދުނެވެ. ނަމަވެސް ކޯޓުން އެކަމާ ދެކޮޅު ހެދިއެވެ. މިކަމަށް ޙައްލެއް ލިބޭތޯ އަހަރެއްހާ ދުވަހު އެކި ކޯޓުތަކުގައި، އަލްމާ ހޭދަކުރިއެވެ. އަދި އެންމެ ފަހުން ކަޒަކިސްތާނުގެ ސުޕްރީމް ކޯޓާ ހަމައަށް މައްސަލަ ގެންދިޔައެވެ. ނަމަވެސް ދަށު ކޯޓުގެ ޙުކުމަށް ބަދަލެއް ގެނައުމަށް ސްޕްރީމް ކޯޓުންވެސް ދެކޮޅުހެދިއެވެ. މިހެންވުމުގެ ސަބަބުން އަލްމާ ދެން ބައްދަލުކުރީ ކަޒަކިސްތާނުގެ ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލް (ޓީ.އައި) އާއެވެ.
އަލްމާގެ ޤަޟިއްޔާ ބެއްލެވި ފަނޑިޔާރުންނާ ކަޒަކިސްތާނުގެ ޓީ.އައި އިން ބައްދަލުކުރުމުން ހުރިހާ ފަނޑިޔާރުންވެސް ވިދާޅުވަމުން ގެންދެވީ، އެ ޙުކުމަކީ އެޔަށް ބަދަލު ނުގެނެވޭނެ ޙުކުމެއްކަމަށެވެ. ނަތީޖާއެއް ނެރެވޭނެ ކޮޅުމަގެއް ނުފެނުމުން، ޓީ.އައި ގެ ވަކީލުން ނިންމީ، މައްސަލައިގެ ވާހަކަތައް މީޑިއާއާ ޙިއްޞާކުރުމަށެވެ. މި މައްސަލަ ވެގެންދިޔައީ މީޑިއާގެ ވަރަށް ބޮޑު ސަމާލުކަމެއް ލިބިގެންދިޔަ މައްސަލައަކަށެވެ. މައްސަލައަށް، ކަޒަކިސްތާނުގެ ޤައުމީ ޓިވީންވެސް ޖާގަ ލިބިގެންދިޔުމުގެ ނަތީޖާއަކަށްވީ، ގޯތީގެ މައްސަލައާ ބެހޭ ގޮތުން ފަނޑިޔާރުން ކުރިން ނިންމެވި ނިންމެވުން ބަދަލުކުރެއްވުމެވެ. އަދި ގޯތީގެ ރަޖިސްޓްރީގައިވާ މައްސަލަވެސް ރަނގަޅުކޮށްދެވުނެވެ. އަލްމާއަށް އެންމެ ފަހުން އޭނާ ބޭނުންވާ ގޮތަށް ވަޞިއްޔަތް ކުރުމުގެ ފުރުޞަތު ލިބިގެންދިޔައެވެ.
މިކަން ހިނގާ ދިޔަގޮތުން، ކަޒަކިސްތާނުގެ ޝަރުޢީ ނިޒާމުގައި ހުރި މައްސަލަތަށް ވަރަށްބޮޑަށް ސާފުކޮށް ފާހަގަކުރެވިގެންދިއައެވެ. އުމުރުން ދުވަސްވީ އަންހެނަކަށް ފުރިހަމައަށް ލިބެންޖެހޭ ހައްޤަކުން މަޙްރޫމް ކުރެވިގެންދާފަދަ ޝަރުޢީ ނިޒާމަކީ އިސްލާހީ އަވަސް ބަދަލުތައް ގެންނަށް ޖެހިފައިވާ ނިޒާމެއްކަން ޔަޤީންވެގެންދިއައެވެ.

ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ، “True Stories” ގެ ތެރެއިން ނަގާފައިވާ “Drastic Measures” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ. މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” ދީގެން ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×