ދިވެހިރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށްޓަކައި ގުޅިގެން މަސައްކަތްކުރުމަށާއި، ކޮރަޕްޝަނުގެ އަމަލުތައް ހިންގާ ފަރާތްތައް ހޯދާ ދެނެގަނެ އެފަދަ ކަންކަން ހުއްޓުވައި ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ޢަމަލީގޮތުން އެއްމުއައްސަސާއިން އަނެއް މުއައްސަސާއަށް އެހީތެރިވެދިނުމުގެ ގޮތުން މިކޮމިޝަނާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ދެމެދު މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ އެއްގައި މިއަދު ސޮއިކުރެވިއްޖެ

27 Jun 2011

ދިވެހިރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށްޓަކައި ގުޅިގެން މަސައްކަތްކުރުމަށާއި، ކޮރަޕްޝަންގެ މައްސަލަރައް ތަޙުޤީޤު ކުރުމުގައި އިޖުރާއީ ދަތިތައް މަދުކުރުމަށްޓަކައި ގެންގުޅޭނެ އުޞޫލީ މިންގަނޑުތަކެއް ކަނޑައެޅުމާއި، ކޮރަޕްޝަންގެ ޢަމަލުތައް ހިންގާ ފަރާތްތައް ހޯދާ ދެނެގަނެ އެފަދަ ކަންކަން ހުއްޓުވައި ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމުގައި ޢަމަލީގޮތުން އެއް މުއައްސަސާއިން އަނެއް މުއައްސަސާއަށް އެހީތެރިވެދިނުމާއި، އެފަދަ ކަންކަމާ ގުޅޭ މަޢުލޫމާތު ބަދަލުކުރުމާއި، ދެ މުއައްސަސާގެ މެދުގައި ފަންނީ އެހީތެރިކަމާއި، އަދި ޚަބީރުންގެ ލަފާ ޙިއްޞާކުރުމުގެ ގޮތުން މިކޮމިޝަނާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ދެމެދު މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ އެއްގައި މިއަދު ސޮއިކުރެވިއްޖެއެވެ.

މިސޮއިކުރެވުނު އެމް.އޯ.ޔޫގެ ދަށުން ކޮރަޕްޝަންގެ މައްސަލަތައް ތަޙުޤީޤުކުރުމުގައި އިސްވެ ހަރަކާތްތެރިވާނީ މިކޮމިޝަނުންނެވެ. އަދި އެއް މުއައްސަސާއިން ބަލަމުންގެންދާ މައްސަލައަކާ ގުޅޭގޮތުން ފަންނީ ރޮނގުންނާއި ޚަބީރުންގެ ލަފާ ދިނުމުގައި އަނެއް މުއައްސަސާއަށް އެހީތެރިވެ، ބަލަމުންދާ މައްސަލައަކާ ގުޅިގެން ފޮރެންސިކްގެ ދާއިރާއިންނާއި، ފަންނީ ރޮނގުތަކުން އެހީތެރިވުމާއި، ޚިދުމްތަކާއި ވަސީލަތްތައް ޙިއްޞާކުރުމާއި، ބަލަމުންދާ މައްސަލައަކާ ގުޅިގެން ނުވަތަ ކޮރަޕްޝަންގެ ޢަމަލެއް ހިންގަން އުޅޭކަމުގެ ނުވަތަ ކޮރަޕްޝަންގެ ޢަމަލެއް ހިންގައިފިކަމުގެ މަޢުލޫމާތު ލިބިއްޖެނަމަ ދެ މުއައްސަސާ ގުޅިގެން ތަޙުޤީޤު ކުރިއަށް ގެންދިއުމުގައި އެއްވެސް ފަރާތަކުން ކޮރަޕްޝަންގެ ޢަމަލެއް ހިންގަން ނުވަތަ އެއްވެސް ފަރާތަކުން ކޮރަޕްޝަންގެ ޢަމަލެއް ހިންގައިފިކަމުގެ މަޢުލޫމާތު ލިބިއްޖެނަމަ، އެއްމުއައްސަސާއަކުން އަނެއް މުއައްސަސާއަކާ މަޢުލޫމާތު ޙިއްޞާކުރުމަށާއި، އެއް މުއައްސަސާއަކުން ހިންގާ ސެމިނަރ، ވޯކްޝޮޕް، ކޯސް ފަދަ ތަމްރީން ޕްރޮގްރާމްތަކުން އަނެއް މުއައްސަސާއަށް ފުރުޞަތު ދިނުން ހިމެނެއެވެ.

މި އެމް.އޯ.ޔޫގެ ސަބަބުން ކޮރަޕްޝަންގެ މައްސަލަތައް ތަޙުޤީޤުކުރުމުގައި ދައުލަތުން ކުރަންޖެހޭ ޚަރަދުތައް ކުޑަވެގެންދާނެކަމަށް ފެނެއެވެ. އަދި ކުރިއަށްވުރެ ހަރުދަނާގޮތަކަށް މަސައްކަތް ކުރެވި މަސައްކަތް ހަލުވިވެގެންދާނެކަމަށް ފެނެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×