ގދ.ގައްދޫގައި ހަދަން ފަށާފައިވާ ކުނިކޮށީގެ މަސައްކަތާއި، ގދ.ގައްދޫ އިޖުތިމާޢީ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް ޙަވާލުކުރުމުގައި، ކުރީގެ ކައުންސިލަރ ގދ.ގައްދޫ، ކޮމާ ޢަބްދުލް ޢަޒީޒު މުޙަންމަދު ވަކި ބަޔަކަށް ނާޖާއިޒް ފައިދާ ހޯދައިދިނުމަށް މަސައްކަތްކުރިކަމަށް ބެލެވޭތީ، އޭނާގެ މައްޗަށް ކޮރަޕްޝަން ހުއްޓުމާއި މަނާކުރުމުގެ ޤާނުނުގެ ދަށުން ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި

28 Jun 2011

22 ފެބްރުއަރީ 2010 ގައި ގދ. ގައްދޫގައި ހަދަން ފަށާފައިވާ ކުނިކޮށްޓަކީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ގައްދޫ ކައުންސިލަރު (ކުރީގެ ކައުންސިލަރު) ގދ.ގައްދޫ، ކޮމާ ޢަބްދުލްޢަޒީޒު މުޙައްމަދާއި ގދ.ގައްދޫ ގައުމާތިގެ މުޙައްމަދު ރަޝީދާ ދެމީހުން އިސްކޮށް ތިބެގެން ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާ ޚިލާފަށް އެއްވެސް ލިޔެކިޔުމެއް ނެތި މީހުންނަށް އެކަށީގެންނުވާ ބޮޑު މުސާރަ ދީގެން ހަދަމުންދާ ތަނެއްކަމަށް ބުނެ މިކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައިގެ ތަޙުޤީޤުގައި ފާހަގަކުރެވިފައިވާ ކަންތައްތަކަށް ބަލާއިރު، 2010 ވަނަ އަހަރު ގައްދޫގައި ކޮށްފައިވާ ކުނިކޮށި ހެދުމުގެ މަސައްކަތަކީ ހިލޭ ސާބަހަށް ކުރަން ފަށާފައިވާ މަސައްކަތެއްކަމާއި އެގޮތުން ބައެއް ފަރާތްތަކުން އެހީ ލިބިގެން މަސައްކަތް ފެށިކަމާއި، ވަކި ހިސާބަކުން މަސައްކަތަށް ފައިސާ ހޯދަން ބޭނުންވެގެން މަތިދެކުނު ޕްރޮވިންސް އޮފީހުގައި އެދުމުން އެހީވެދޭނެކަމަށް ބުނިކަމާއި އަދި އެހާތަނަށް ކުރެވިފައިހުރި މަސައްކަތުގެ ބިލްތައް ހުށަހެޅުމަށް އެދުމުން މަސައްކަތް ކުރި މީހުންގެ ގާތަށް ހިނގައިގެން މަސައްކަތްކުރި ގޮތް ހާމަވާ ބިލްތައް އެމީހުން އަތުން ހޯދާ ޕްރޮވިންސް އޮފީހަށް ފޮނުވީކަށާއި އެބިލްތަކުގެ ނުފުށުގައި އެބިލްތަކުގައި ޚިދުމަތްތައް ލިބިފައިވާކަމަށް ލިޔެ ގދ.ގައްދޫ ކައުންސިލަރު ޢަބްދުލް ޢަޒީޒު މުޙައްމަދު ސޮއިކޮށްފައިވާކަމާއި، މިބިލުތަކުގެ ޖުމްލައަކީ 99,874.25 (ނުވަދިހަ ނުވަހާސް އަށްސަތޭކަ ހަތްދިހަ ހަތަރު ރުފިޔާ ފަންސަވީސްލާރި)ކަމާއި، ނަމަވެސް މިބިލުތަކުގެ އިތުރުން ހަތަރު ފިޔަވައްސެއްގެ ދަށުން ކުނިކޮށީގެ މަސައްކަތް އެސްޓިމޭޓް ހޯދައިގެން އެކި ފަރާތްތަކާ ޙަވާލުކޮށްފައިވާކަމަށް ދޭހަވާ ލިޔުންތަކެއް ގައްދޫ އޮފީހުން ލިބިފައިވާތީއާއި، ކުނިކޮށި ހެދުމުގެ މަސައްކަތް 5 ފިޔަވައްސަކަށް ބަހާލާފައިވާ ގޮތަށް ބަލާއިރު ފިޔަވަހިތަކަށް ބަހާލާފައިވަނީ އެއް މަސައްކަތެއްގެ ގޮތުގައި ބެލެވިދާނެ ކަންތައްތައް ބައިބައިކޮށްގެން ވަކިވަކިން 25,000.00 ހަމަނުވާގޮތަށްކަމަށާއި، އެގޮތުން 2 ވަނަ ފިޔަވަހީގައި ކުނިކޮށީގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްކުރި އިރު 3 ވަނަ ފިޔަވަހީގެ (ހ) ގައިވަނީ ރިވެޓްމަންޓްގެ ދެގާ ދޭތެރެއަށް ސިމެންތިއަޅާ ބެއްދުމަށާއި، އަދި މިފިޔަވަހީގެ (ށ) ގައިވަނީ ރިވެޓްމަންޓްގެ މަތީ ބޯޑަރު އެޅުމަށް ކަމަށާއި، ހަމައެހެންމެ، 4 ވަނަ ފިޔަވަހީގެ (ށ) ގައި އުވާލި ކުނިކޮށި ސާފުކުރުން ހިމެނިފައިވާއިރު (ނ) ގައިވަނީ އުވާލި ކުނިކޮށީގެ ކުނިބުނި އައު ކުނިކޮއްޓަށް ގެންދިޔުމަށް ކަމަށެވެ. ނަމަވެސް ސަރުކާރުގެ ތަންތަނަށް ތަކެއްޗާއި ޚިދުމަތް ހޯދުމުގައި އެއް މަސައްކަތެއް ކަމުގައި ބެލެވިދާނެ މަސައްކަތްތައް ޙަވާލުކުރަންވާނީ އެއްފަހަރާ ކުރެވޭނެ ގޮތަށްކަމަށާއި، އެއް މަސައްކަތެއް ބައިބައިކޮށް، އަންދާސީ ހިސާބުތައް ހޯދައި، އެ އަންދާސީ ހިސާބުތަކުގެ މަސައްކަތް ވަކިވަކިން ޙަވާލުކޮށްގެން ނުވާނެކަމަށް ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގެ 8.01 ގެ (މ) ގައި ބަޔާންކޮށްފައިވާތީ އާއި، ކުނިކޮށީގެ މަސައްކަތް ފިޔަވަހިތަކަކަށް ބަހާލައި 25,000.00 ރުފިޔާ ހަމަނުވާގޮތަށް މަސައްކަތްތައް ވަކިވަކިކޮށްފައިވަނީ އިޢުލާނު ނުކޮށް ވަކި ބަޔަކަށް މަސައްކަތްތައް ޙަވާލުކުރުމުގެ ނިޔަތުގައިކަމަށް މިކަންތައް ކޮށްފައިވާގޮތުން ބެލެވޭތީއާއި، ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގެ 8.15 ގެ (ށ) ގައިވާ ގޮތުން މަސައްކަތުގެ އަގު (ތަކެތީގެ އަގާއެކު) 25,000.00 އިން ފެށިގެން 1,500,000.00 ރުފިޔާއާދެމެދުގެ މަސައްކަތެއް ކުރަންވެއްޖެނަމަ، އެމަސައްކަތްކޮށްދިނުމަށް އެކަށީގެންވާ ރަނގަޅު ފަރާތެއް ހޯދާނީ ޢާއްމުކޮށް އިޢުލާނުކޮށްގެން ލިބޭ އަންދާސީ ހިސާބުތައް ބަލައިގެންކަމަށް ވާއިރު، ޕްރޮވިންސް އޮފީހަށް ވަކި ބިލުތަކެއް ފޮނުވާ އެސްޓިމޭޓް އުޞޫލުން ވަކި ފަރާތްތަކަކާ މަސައްކަތް ޙަވާލުކޮށްފައިވާކަން ދޭހަވާ ލިޔުންތަކެއް ތައްޔާރުކޮށްފައިވާތީ އާއި ބައެއް ފަރާތްތަކުން އެމީހުންގެ ނަމުގައި ތައްޔާރުކޮށްފައިހުރި ލިޔުންތަކަށް އިންކާރުކުރާތީ މިމަސައްކަތުގެ ފައިސާ ލިބެންވީ ޙައްޤު ފަރާތްތަކަކީ ކޮބައިކަން އެނގެން ނެތުމުން، ގދ.ގައްދޫ ކައުންސިލަރު ޢަބްދުލް ޢަޒީޒު މުޙައްމަދުގެ ނިޔަތަކީ ޕްރޮވިންސް އޮފީހަށް ފޮނުވި ބިލުތަކުގެ ފައިސާ ލިބުމުން އެފައިސާ ފިޔަވަހިތަކުގެ ދަށުން މަސައްކަތް ޙަވާލުކޮށްފައިވާކަމަށް ބުނާ ފަރާތްތަކަށް ދިނުންކަމަށް މައްސަލައާ ގުޅޭގޮތުން ލިބިފައިވާ ހެއްކާއި ޤަރީނާއިން ތުހުމަތު ކުރެވޭތީ، މިގޮތަށް ލިޔުންތައް ތައްޔާރުކޮށްފައިވަނީ ވަކި ބަޔަކަށް ނާޖާއިޒް ފައިދާތަކެއް ހޯދައިދިނުމަށް މަސައްކަތްކުރުމަށްކަމަށް ތުހުމަތު ކުރެވޭތީ ގދ.ގައްދޫ، ކޮމާ ޢަބްދުލް ޢަޒީޒު މުޙައްމަދުގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން އެޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގައިވާ ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ކުރުމަށްޓަކައި 20 ޖޫން 2011 ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށްވަނީ ފޮނުވާފައެވެ.

ގދ.ގައްދޫ އިޖުތިމާޢީ ސަރަހައްދު ސާފުކުރުމަށް މީހުން ހޮވާފައިވަނީ އެއްވެސް ކަހަލަ ބެލުމެއްނެތި ކައުންސިލަރ ހިތަށް އެރި ގޮތަކަށްކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައިގައި ތަޙުޤީޤަށް ލިބިފައިވާ މަޢުލޫމާތާއި ލިޔުންތަކަށް ބަލާއިރު ގދ.ގައްދޫ އިޖްތިމާޢީ ސަރަހައްދު ސާފުތާހިރުކޮށް ބެލެހެއްޓުމަށްޓަކައި ވަގުތީ މުވައްޒަފުންގެ ގޮތުގައި 11 މީހަކު ހޯދުމަށް 17 ޖެނުއަރީ 2010 ގައި ގައްދޫ އޮފީހުގެ ނަންބަރު 02/2010 އިޢުލާނުކޮށްފައިވާކަމާއި، ކުނިކަހާ ސާފުތާހިރުކުރާ މީހުންނާއި އިޖުތިމާޢީ ސަރަހައްދު ސުޕަވައިޒްކުރާ ސުޕަވައިޒަރަކު ހަމަޖެއްސުމާ ބެހޭގޮތުން ކައުންސިލަރަށް ލަފާދޭ ކޮމިޓީގައި މަޝްވަރާ ކުރެވި އެކޮމިޓީގެ 02 ފެބުރުއަރީ 2010 ގެ ބައްދަލުވުމުގައި ކޮމިޓީން ލަފާ ދީފައިވަނީ ކައުންސިލަރަށް ފެންނަ 11 މީހަކަށް އެ ވަގުތީ ވަޒީފާ ހަމަޖެއްސުމަކީ އެކަމުގައި އޮތް އެންމެ ރަނގަޅު ގޮތްކަމަށާއި އެކަމަކު ހަމަޖައްސަންޖެހޭނީ ސަރުކާރަށް އެއްބާރުލުންލިބޭ ހަމަޖެއްސުމެއްކަމަށާއި، ޙަވާލުކުރެވޭ މަސައްކަތް ރަނގަޅަށް ކުރެވޭ މީހުންނަށް ވާންޖެހޭނެކަމަށް ބަޔާންކޮށްފައިވާކަމާއި، އިޖްތިމާޢީ ސަރަޙައްދު ސާފުކުރުމަށް އިތުރު 3 މީހަކަށް ވަޒީފާ ދިނުމަށް 23 ފެބްރުއަރީ 2010 ގައި ކައުންސިލަރަށް ލަފާދޭ ކޮމިޓީން ނިންމާފައިވާކަމާއި އަދި މިމީހުން ހަމަޖައްސާނީ ވަޒީފާއަށް އެދި ސިޓީ ފޮނުވާފައިވާ މީހުންގެ ތެރެއިން ސަރުކާރަށް އެއްބާރުލުންދޭ ކައުންސިލަރަށް ފެންނަ މީހުންނަށްކަމަށްވެސް ކޮމިޓީން ނިންމާފައިވާތީ މިއީ ވަޒީފާ ދިނުމުގައި ބަލާނެ ހަމަޖެހޭ މިންގަނޑަކަށް ނުވާތީއާއި މިއީ ގދ.ގައްދޫ ކުރީގެ ކައުންސިލަރ ގދ.ގައްދޫ، ކޮމާ ޢަބްދުލް ޢަޒީޒު މޫސާ ވަކި ބަޔަކަށް ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ގޮތުން ކޮށްފައިވާކަމެއްކަމަށް ބެލެވޭތީ ގދ.ގައްދޫ، ކޮމާ ޢަބްދުލް ޢަޒީޒު މުޙައްމަދުގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ކުރުމަށްޓަކައި 20 ޖޫން 2011 ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށްވަނީ ފޮނުވާފައެވެ.

ގދ.ގައްދޫގައި 2010 ވަނަ އަހަރު ތައްޔާރުކޮށްފައިވާ ކުނިކޮށި ތައްޔާރުކުރުމުގައި ގައްދޫގެ އޭރުގެ ކައުންސިލަރު ގދ.ގައްދޫ ކޮމާ ޢަބްދުލް ޢަޒީޒު މުޙައްމަދު ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ޢަމަލުކޮށްފައިވާކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅުނު މައްސަލަ، މިކޮމިޝަނުގެ ފަރާތުން ބެލިބެލުމުގައި ކުނިކޮށީގެ މަސައްކަތަށް ހުށަހަޅާފައިވާ އެއްވެސް ބިލަކަށް ފައިސާ ދޫނުކުރުމަށް ގދ.އަތޮޅު ކައުންސިލްގެ އިދާރާއަށް މިކޮމިޝަނުން އަންގާފައިވާ އެންގުމަކާ ގުޅިގެން ގދ.އަތޮޅު ކައުންސިލްގެ އިދާރާއިން 16 މާޗް 2010 ގައި ގދ.ގައްދޫ އޮފީހުގެ އެކައުންޓަށް ޖަމާކޮށްފައިވާ 99,874.25 ރުފިޔާ އަނބުރާ ގދ.އަތޮޅު ކައުންސިލްގެ އިދާރާގެ އެކައުންޓަށް ޖަމާކޮށްފައިވާތީއާއި، އެފައިސާއަކީ މަތިދެކުނު ޕްރޮވިންސް އޮފީހަށް ހުށަހަޅާފައިވާ ބިލުތަކަކަށް ޖަމާކޮށްފައިވާ ފައިސާއަކަށްވާތީއާއި އެބިލުތަކުގެ ނުފުށުގައި ބިލުގައިވާ ތަކެތިވަނީ ގައްދޫ ކުނިކޮށި ޕްރޮޖެކްޓްގެ މަސައްކަތަށް ބޭނުންކުރުމަށް ލިބިފައިކަމަށާއި އަދި އެމުދާ/ޚިދުމަތްވަނީ ޕްރޮޖެކްޓުގެ މަސައްކަތަށް ބޭނުންކުރެވިފައިކަމަށް ލިޔެ ޢަބްދުލް ޢަޒީޒު މުޙައްމަދު ސޮއިކޮށްފައިވާތީ އަދި މިކަމަށް ޢަބްދުލް ޢަޒީޒު މުޙައްމަދު އިޢުތިރާފްވެފައިވާތީ އާއި މިމަސައްކަތަށް ފިޔަވަހިތަކަކަށް ބަހާލައިގެން މަސައްކަތް ޙަވާލުކޮށްފައިވާކަމަށްބުނާ ފަރާތްތަކުންވެސް ހުށަހަޅާފައިވާ ހުރި ބިލުތަކެއް ހުރިކަމުގައިވިޔަސް ދެބައިމީހުންނަށް ފައިސާ ދޭންނުޖެހޭނެކަމަށާއި އެއްބަޔަކަށް ފައިސާ ދިނުމުން އަނެއް ބަޔަކަށްވެސް ލިބުނީކަމަށް ގދ.ގައްދޫ ކުރީގެ ކައުންސިލަރ ގައްދޫ، ކޮމާ ޢަބްދުލް ޢަޒީޒު މުޙައްމަދު މިކޮމިޝަނަށް ދީފައިވާ ބަޔާނުގައި ބުނެފައިވިޔަސް ކުނިކޮށީގެ މަސައްކަތް ޙަޤީޤަތުގައި ކޮށްފައިވަނީ ކޮންބައެއްކަމާއި މަސައްކަތުގެ އަގު ލިބެންޖެހޭ ޙައްޤުވެރި ފަރާތްތަކަކީ ކޮބައިކަން އެނގެން ނެތުމުންނާއި ތަފާތު ދެ ބަޔަކު ހުށަހަޅާފައިވާ ބިލުތައް ހުރުމުން މިކަމުގައި ދެފަރާތުގެ މަޞްލަޙަތުވެސް ޙިމާޔަތްކުރުމަށްޓަކައި އެންމެ ރަނގަޅު ގޮތަކީ މިފައިސާ ލިބެންޖެހޭ ޙައްޤުވެރި ފަރާތެއް ޝަރީޢަތުން ކަނޑައެޅުންކަމުގައިވާތީ، މަސައްކަތަށް ބިލް ހުށަހަޅާފައިވާ އެންމެހައި ފަރާތްތަކުން ޝަރީޢަތް މެދުވެރިކޮށް ފައިސާ ހޯދުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް އެފަރާތްތަކަށް އެންގުމަށް ގދ.އަތޮޅު ކައުންސިލްގެ އިދާރާއަށް ވާނީ އެންގިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×