ގއ.އަތޮޅު އޮފީހުގެ މޯބައިލް ސިމްކާޑެއް އަމިއްލަބޭނުމަށް ބޭނުންކޮށްފައިވާކަމަށް ބެލެވޭތީ، އެއޮފީހުގެ އެސސްޓެންޓް ސެކްރެޓަރީއެއްގެ މަޤާމުގައި ކުރިން ހުރި ގއ.ވިލިނިގލީ ޝަހީމީމަންޒިލް ޝީޒާ އަޙްމަދުގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި

03 Jul 2011

ގއ.ވިލިނގިލީ ޝަހީމީމަންޒިލް ޝީޒާ އަޙްމަދު، ގއ.އަތޮޅުއޮފީހުގެ އެސިސްޓެންޓް ސެކްރެޓަރީއެއްގެ މަޤާމުގައި ހުރިދުވަސްވަރު، އެއޮފީހަށް ލިބުނު މޯބައިލްގެ ސިމްކާޑެއް (7796172) ޝީޒާ އަޙްމަދުގެ ވަތްގަނޑުގައި ބޭއްވުމަށްފަހު، އެއޮފީހުގެ އެއްވެސް ވެރިއެއްގެ ހުއްދަނެތި އަމިއްލަބޭނުމަށް ބޭނުންކޮށްފައިވާކަމަށާއި، އެ ސިމްކާޑް ބޭނުންކުރި މުއްދަތުގައި ދިރާގަށް ދައްކަންޖެހޭ 3,731/26ރ. (ތިންހާސް ހަތްސަތޭކަ އެއްތިރީސްރުފިޔާ ސައްބީސްލާރި) ދައްކައިފައިނުވާކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅުނު މައްސަލަ، މިކޮމިޝަނުގެ ފަރާތުން ތަޙުޤީޤުކޮށް ބެލިބެލުމުގައި ގއ.އަތޮޅުއޮފީހަށް ލިބިފައިވާ ދިރާގުގެ މޯބައިލް ސިމަކީ، ކުރީގެ މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނުން ގއ.އަތޮޅުއޮފީހަށް ފޮނުވި ސިމެއްކަން އެނގެއެވެ. އަދި މި ސިމްގައިވާ ނަމްބަރަކީ، އެމިނިސްޓްރީ މެދުވެރިކޮށް ގއ.އަތޮޅުއޮފީހުން ނަގައިފައިވާ ދިރާގު ކްލޯޒް ޔޫސާ ގްރޫޕް (ސީ.ޔޫ.ޖީ) ޕެކޭޖްގައި ހިމެނޭ ނަމްބަރެއްކަންވެސް އެނގެއެވެ. ހަމައެހެންމެ، މި ސިމް، ޝީޒާ އަޙްމަދުގެ އަތުގައި ބޭއްވުމަށްފަހު މި ސިމްކާޑު އަމިއްލައަށް ބޭނުންކޮށްފައިވާކަމާއި، މި ސިމް ބޭނުންކުރި މުއްދަތުގައި (2 މަހާއި 17 ދުވަސް) ދިރާގަށް ދައްކަންޖެހޭ 3,731/26ރ. (ތިންހާސް ހަތްސަތޭކަ އެއްތިރީސް ރުފިޔާ ސައްބީސްލާރި) ޝީޒާ އަޙުމަދު އަތޮޅުއޮފީހަށްދައްކާފަ އި ނުވާކަންވެސް އެނގެއެވެ. އަދި ޝީޒާ އަޙްމަދު އެ ސިމް ބޭނުންކުރިކަމަށާއި، ސިމް ބޭނުންކުރި މުއްދަތުގައި އޭގެ ބިލަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ދައްކާފައި ނުވާކަމަށް ކޮމިޝަނުންކުރި ތަޙުޤީޤަށް ޘާބިތުވާތީ، މިކަމަކީ، ސަރުކާރުގެ އެއްޗެއް އަމިއްލަފައިދާއަށް ބޭނުންކުރިކަމަށް ބެލެވޭ ކަމެއްކަމަށް ވާތީ، ޝީޒާ އަޙްމަދުގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު (2000/2)ގެ 14 ވަނަ މާއްދާގެ (ހ)ގެ ދަށުން ދައުވާކުރުމަށް 30 ޖޫން 2011 ގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވާނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×