އިންޑޮނޭޝިއާގެ މަދަރުސާއެއްގެ ދަރިވަރުންނަށް، އެމަދަރުސާގެ ހިންގުމުގެ ތެރޭގައި ހިމެނޭ މާލީ ކަންކަމުގައި ފައިސާއަށް ޚިޔާނާތްތެރިވެ، ކޮރަޕްޝަނުގެ އަމަލުތައް ހިންގާކަމަށް ޝައްކުކުރެވުމުން، އެކަމާ ދެކޮޅަށް ބަސްނުބުނެ ތިބުމަށް އިންކާރުކުރިއެވެ. އޭގެ ބަދަލުގައި މަދަރުސާގެ ވެރީން ޖަވާބުދާރީ ކުރުވުމުގެ ގޮތުން، “އަހަރެމެންގެ ސުކޫލް ސަލާމަތްކުރޭ” (ސޭވް އަވާ ސްކޫލް)ގެ ނަމުގައި ދަރިވަރުންތަކެއް ކެމްޕޭނެއް ފެށިއެވެ. އަދި މިކެމްޕޭން ވެގެން ދިޔައީ ވަރަށް ކާމިޔާބު ކެމްޕޭނަކަށެވެ.
މަދަރުސާ ހިންގުމުގައި ކޮރަޕްޝަނުގެ ޢަމަލުތަކެއް ހިންގާކަމަށް ދަރިވަރުންނަށް ފުރަތަމަ ޝައްކުކުރެވެން ފެށީ މަލްޓިމީޑިއާ މަރުކަޒެއް ޤާއިމުކުރުމާ ގުޅުންހުރި ފައިސާގެ ކަންކަމުގައެވެ. ލިޔެކިޔުންތަކުން ފެންނަން އޮތް ގޮތުގައި މަރުކަޒުގެ މަސައްކަތްތައް ނިމި އެކަމަށް ހަމަޖެހިފައިވާ ފައިސާވެސް ވަނީ ޚަރަދުކޮށް ނިމިފައެވެ. ނަމަވެސް ހަޤީޤަތުގައި މިފަދަ މަރުކަޒެއް މަދަރުސާގައި ޤާއިމުކުރެވިފައި ނުވާތީވެ، އެކަން ކުރުމަށް އެއްވެސް ކަހަލަ މަސައްކަތެއްވެސް ކުރެވިފައެއް ނުވެއެވެ.
މިކަމާ ގުޅޭގޮތުން އިތުރަށް ބެލުމަށްޓަކައި، މަދަރުސާގައި ކޮށްފައިވާ ކަމަށް ބުނާ މަރާމާތުތަކާއި އެތަނުގެ އިމާރާތްތަކާ އަޅާބެލިއިރު، ލިޔެކިޔުންތަކުން، ޙަޤީޤަތާ ޚިލާފު، ޚިޔާނާތްތެރި ވެފައިވާކަމުގެ އެތައް މައްސަލަތަކެއް ދިޔައީ ފެންމަތިވަމުންނެވެ.
ކެމްޕޭން ފެށުމުން ލިބެމުން ދިޔަ ތަފާތު އެކިއެކި އިންޒާރުތަކާއި ބިރުދެއްކުންތަކަށް ބެލުމެއްނެތި ކެންޕޭން ރޭވުމުގައި އިސްކޮށް ހަރަކާތް ތެރިވި ދަރިވަރުން މަދަރުސާގެ އެހެން ދަރިވަރުން ކެމްޕޭނަށް އެއްކުރަމުން ގެންދިޔައީ ފަސްޖެހުމެއް ނެތިއެވެ.
ކެމްޕޭން ރާވާ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ދަރަމަވަން ބަކްރީ ބުނިގޮތުގައި ” އަޅުގަނޑަށް ކުރިމަތުވަމުން ދިޔަ ހިރާސްތަކަކީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުން ދިމާވާނެ ކަންކަން ކަމަށް ޤަބޫލުކުރެވޭ” ކަމަށެވެ. ދަރަމަވަން ކުރަމުންދިޔަ ކެމްޕޭންތަކާއި، އޭނާގެ އަޑުއުފުލުންތަކުގެ ސަބަބުން މަދަރުސާގެ އިމްތިޙާންތަކުން އޭނާ ފާސްނުވާ ގޮތަށް ހަދާފާނެތީ އޭނާގެ ބެލެނިވެރިން ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް ދަރަމަވަން ދެކޭގޮތުގައި “ހުރިހާ ކަމެއްވެސް އެންމެނަށް އެނގި ހާމެވެގެން ދިޔުމުން ބޭނުންވާ ހެޔޮ ބަދަލުތައް ފެންނަމުންދާނެ” އެވެ.
ކޮރަޕްޝަނާ ދެކޮޅަށް ކުރަމުންގެންދިޔަ ކެމްޕޭންގެ ޚަބަރު ތިންމަސް ދުވަސް ވަންދެން މީޑީއާގައި ފެތުރެމުން ދިޔުމުގެ ނަތީޖާއަކަށް ވެގެންދިޔައީ، ދަރިވަރުންގެ ކެންޕޭނު ކާމިޔާބުވެ، އެއަވަށުގެ މޭޔަރު މަދަރުސާއާ މެދު ފިޔަވަޅު އެޅުއްވުމެވެ. 750 މިލިޔަން އިންޑޮނޭޝިއަން ރުފިޔާ (66,000 އެމެރިކާ ޑޮލަރު) މަދަރުސާއަށް އަނބުރާ ދެއްކުމަށް އަމުރުކުރެވުނެވެ. އަދި، މަދަރުސާގެ އެންމެ އިސްކޮށް ހަރަކާތްތެރިވި ފަރާތުގެ މަޤާމު ދަށްކޮށް އެހެން އޮފީހަކަށް ބަދަލުކުރެވުނެވެ. އަދި އެކަމުގައި ޝާމިލްވެފައިވާ އިތުރު ފަރާތްތަކުގެ މަޤާމުވެސް ދަށްކުރެވި ނުވަތަ ވަޒީފާއިން ވަކިކުރެވިފައިވެއެވެ.
އިންޑޮނޭޝިއާގެ ޒުވާނުންގެ ކިބައިގައި ނަޒާހާތްތެރިކަމުގެ ސިފަ އަށަގެންނެވުމުގެ ގޮތުން ހިންގާ މަޝްރޫޢެއްގެ ދަށުން ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލް އިންޑޮނޭޝިއާއިން ވަނީ “އަހަރެމެންގެ ސުކޫލް ސަލާމަތްކުރޭ” ކެމްޕޭނާއި ބެހޭގޮތުން ވީޑީއޯ ޑޮކިއުމެންޓަރީއެއް ތައްޔާރުކޮށްފައެވެ. މިދެންނެވި ކެމްޕެއިން ހަރަކާތް ކުރިޔަށް ގެންދިޔަ ދަރިވަރުން ދަސްވެނިވެފައި ވީނަމަވެސް ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ ގިނަގުނަ މަސައްކަތުގައި އެ ދަރިވަރުންގެ ފުރިހަމަ އެއްބާރުލުން ދަނީ ލިބެމުންނެވެ. ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމާ ބެހޭގޮތުން ޑޮކިއުމެންޓަރީގައި ވާހަކަދައްކަމުން ކެމްޕެއިންކުރުމުގައި ހަރަކާތްރިވި ދަރިވަރު ރިއޯ ބުނެފައިވަނީ ” އަހަރުމެން ނޫނީ ދެން ކޮންބައެއްހެއްޔެވެ؟” “އަހަރުމެންގެ ޖީލު ނޫނީ ދެން ކޮންބައެއްގެ ޖީލެއް ހެއްޔެވެ؟
ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ، “True Stories” ގެ ތެރެއިން ނަގާފައިވާ “If not us, then who.” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ. މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” ދީގެން ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.