ގދ.ތިނަދޫ ރީޖަނަލް ހޮސްޕިޓަލުން އެސަރަޙައްދުގެ ހެލްތު ސެންޓަރުތަކަށް ފޮޓޯ ކޮޕީ މެޝިން ހޯދުމުގައި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާޢިޒު ފައިދާ ހޯދައިދީފައިވާކަމަށް ބެލެވޭތީ، އެދުވަސްވަރު ގދ.ތިނަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގުމާ ޙަވާލުވެހުރި މުޙައްމަދު ޢަރީފްއާއި، އެ ހޮސްޕިޓަލުގެ ބަޖެޓް ސެކްޝަނުގެ އިސްވެރިއަކަށް ހުރި ޢަދުނާނު އިސްމާޢީލްގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި

18 Jul 2011

ގދ.ތިނަދޫ ރީޖަނަލް ހޮސްޕިޓަލުން އެސަރަޙައްދުގެ ހެލްތް ސެންޓަރުތަކަށް ގަނެފައިވާ 09 ފޮޓޯކޮޕީ މެޝިން ގަނެފައިވަނީ އިޢުލާންނުކޮށް ކޯޓޭޝަންތަކެއް ހޯދައިގެން އަގުބަލައިގެންކަމަށާއި، އެހޮސްޕިޓަލަށް ހުށަހެޅި ކޯޓޭޝަންތަކާއި އިންވޮއިސްތަކަކީ ފޭކް ޑޮކިއުމަންޓްތަކެއް ކަމަށާއި، މި 09 ފޮޓޯކޮޕީ މެޝިނަށް މިހާރު ފައިސާ ދައްކާފައިވާކަމަށާއި، މިއިންވޮއިސްތައް ހަދާފައިވަނީ ކޮންމެ ފޮޓޯކޮޕީ މެޝިނެއް 20،000.00 (ވިހިހާސް) ރުފިޔާއަށް ކަމަށާއި، ނަމަވެސް އެ މެޝިންތައް ގަނެފައިވަނީ މެޝިނެއް ގާތްގަނޑަކަށް 8,000 (އަށްހާސް) ވަރަކަށް ރުފިޔާއަށް ކަމަށާއި، 5 ނޮވެމްބަރ 2009ގެ އިންވޮއިސްތަކެއް 8 މާޗް 2010 ގައި އެންޓްރީ ކޮށްފައިވާ ކަމަށާއި، އެހެންކަމުން 2009 ނިމޭއިރު ބާކީ ހުންނަ ފައިސާ ފިނޭންސް މިނިސްޓްރީއަށް ދޭންޖެހޭއިރު އެހެން އެކައުންޓަކަށް އެފައިސާލުމަށްފަހު އެއިންވޮއިސްތަކަށް ފައިސާ ދައްކާފައިވާކަމަށާއި، ގަނެފައިވަނީ އިންވޮއިސްތަކުގައި ހުރި ބްރޭންޑްތަކެއް ނޫންކަމަށް ބުނާ މައްސަލަ މިކޮމިޝަނުން ތަޙްޤީޤުކުރިއިރު ގދ.ތިނަދޫ ރީޖަނަލް ހޮސްޕިޓަލް އެއިރު ހިންގެވުމާއި ހަވާލުވެ ހުރި ޑެޕިއުޓީ ޑިރެކްޓަރ ގދ.ފިޔޯރީ / ލިލީގެ މުޙައްމަދު ޢަރީފު ޢަމަލުކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށްކަމަށްވާތީއާއި، މިމައްސަލާގައި ގދ.ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށް 09 ފޮޓޯކޮޕީ މެޝިން ވިއްކި ފަރާތަށް މި ފޮޓޯކޮޕީ މެޝިންތައް ލިބިފައިވަނީ 2010 މާރޗް 08 ގެ ފަހުން ކަމަށް މި ފޮޓޯކޮޕީ މެޝިންތައް ރާއްޖެ އެތެރެކޮށް ވިއްކި ފަރާތުގެ އިންވޮއިސްއިން އެނގޭތީ، މި މައްސަލާގައި ފެންނަންހުރި ލިޔެކިޔުންތަކުގައި 2009 ވަނަ އަހަރުގެ ތާރީޚްތަކެއް ލިޔެ މި މުޢާމަލާތް ނިންމާފައިވާކަމާއި، މި މައްސަލާގެ ލިޔެކިޔުންތަކުގެ ތާރީޚް ޖެހުމުގައި ފުށުއަރާ ކަންތައްތަކެއް ހުރިކަމާއި، އެއްދުވަހެއްގައި ވަކިވަކިން މުދާ ހޯދުމަށް އެދިފައިވަނީ އިޢުލާންނުކޮށް މި ތަކެތި ގަތުމުގެ ބޭނުމުގައި ކަމަށް ބެލެވޭތީއާއި، މި މައްސަލާގައި ގދ.ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގެ ނަމްބަރ 411541-001-PV/2010/18 “ފައިސާ ޚަރަދުކުރުމުގެ ވައުޗަރ” އިން ފައިސާ ޚަރަދުކުރުމަށް މުޙައްމަދު ޢަރީފު ހުއްދަދީފައިވާތީ އާއި، ފޮޓޯކޮޕީ މެޝިންތައް ހޮސްޕިޓަލަށް ވިއްކި ފަރާތަށް ދޫކުރި ގދ.ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޗެކުގައި މުޙައްމަދު ޢަރީފު ސޮއިކޮށްފައިވާތީއާއި، މިމައްސަލާގައި މުޙައްމަދު ޢަރީފް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ 2000/2) ގެ 12 ވަނަ މާއްދާގައި ކަނޑައަޅާފައިވާ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމާއި ހޯދައިދިނުމުގެ ކުށާއި، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ 2000/2) ގެ 13 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާ ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގެ ފައިދާ ދައުލަތަށް ނުލިބޭގޮތަށް ނުވަތަ ލިބެންއޮތް ފައިދާއަށް އުނިކަމެއް ލިބޭގޮތަށް ޢަމަލުކޮށްފައިވާކަން ފާހަގަކުރެވިފައިވެއެވެ.

މިމައްސަލައިގައި ގދ.ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގެ އެކައުންޓްސް އޮފިސަރ ގދ.ތިނަދޫ / ވެހެލި ޢަދުނާނު އިސްމާޢީލްވެސް ޢަމަލުކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށްކަމަށްވާތީއާއި، މިމައްސަލާގައި ގދ.ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށް 09 ފޮޓޯކޮޕީ މެޝިން ވިއްކި ފަރާތަށް މިފޮޓޯކޮޕީ މެޝިންތައް ލިބިފައިވަނީ 2010 މާރޗް 08 ގެ ފަހުން ކަމަށް މިފޮޓޯކޮޕީ މެޝިންތައް ރާއްޖެ އެތެރެކޮށް ވިއްކި ފަރާތުގެ އިންވޮއިސްއިން އެނގޭތީ، މިމައްސަލައިގައި ފެންނަންހުރި ލިޔެކިޔުންތަކުންތަކުގައި 2009 ވަނަ އަހަރުގެ ތާރީޚްތަކެއް ލިޔެ މި މުޢާމަލާތް ނިންމާފައިވާކަމާއި، މިމައްސަލާގެ ލިޔެކިޔުންތަކުގެ ތާރީޚް ޖެހުމުގައި ފުށުއަރާ ކަންތައްތަކެއް ހުރިކަމާއި، އެއްދުވަހެއްގައި ވަކިވަކިން މުދާ ހޯދުމަށް އެދިފައިވަނީ އިޢުލާންނުކޮށް މިތަކެތި ގަތުމުގެ ބޭނުމުގައި ކަމަށް ބެލެވޭތީއާއި، މިމައްސަލާގައި ހިމެނޭ “މުދަލަށް އޯޑަރުކުރާ ފޯމް” ތަކުގައި މުދަލަށް އޯޑަރުކުރުމަށް ހުއްދަދިނީ ޢަދުނާން އިސްމާޢީލް ކަމަށް ލިޔެފައިވުމާއި، “ފައިސާ ޚަރަދުކުރުމުގައި ބަލަންޖެހޭ ބެލުންތަކާބެހޭ ފޯމް” ތަކުގައި ބަޖެޓުގައި ފައިސާ ހުރިކަމަށް ޢަދުނާން އިސްމާޢީލް ސޮއިކޮށްފައިވުމާއި، މިމައްސަލާގެ ލިޔެކިޔުންތަކުގައި މައްސަލަތަކެއް ހުރިކަމަށް ޢަދުނާން އިސްމާޢީލްގެ ދަށުން އެހޮސްޕިޓަލުގައި މަސައްކަތްކުރާ އިދާރީ މުވައްޒަފުން ފާހަގަކުރުމުންވެސް “ފައިސާ ޚަރަދުކުރުމުގެ ވައުޗަރ” ތައްޔާރުކުރުމަށާއި ލިޔެކިޔުންތައް ފުރިހަމަކުރުމަށް ޢަދުނާން އިސްމާޢީލް އެމުވައްޒަފުންނަށް އަންގާފައިވާކަމަށް މިކޮމިޝަނުން ކުރި ތަޙުޤީޤުން އެނގޭތީ، މިމައްސަލާގައި ޢަދުނާނު އިސްމާޢީލް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ 2000/2) ގެ 12 ވަނަ މާއްދާގައި ކަނޑައަޅާފައިވާ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމާއި ހޯދައިދިނުމުގެ ކުށާއި، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ 2000/2) ގެ 13 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާ ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގެ ފައިދާ ދައުލަތަށް ނުލިބޭގޮތަށް ނުވަތަ ލިބެންއޮތް ފައިދާއަށް އުނިކަމެއް ލިބޭގޮތަށް ޢަމަލުކޮށްފައިވާކަމަށް ފާހަގަކުރެވިފައިވެއެވެ.

ގދ.ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށް ގަނެފައިވަނީ “ތޮޝިބާ” ބްރޭންޑްގެ އީ ސްޓޫޑިއޯ 166 މޮޑެލްގެ 09 ފޮޓޯކޮޕީ މެޝިނެވެ. މި ފޮޓޯކޮޕީ މެޝިންތަކަކީ އެތަކެތި ރާއްޖެ އެތެރެކުރި ފަރާތުން އެހެން ފަރާތަކަށް އެއްފަހަރާ ވިއްކާފައިވާ މެޝިންތަކެއްކަމަށް އެތަކެތި ރާއްޖެ އެތެރެކުރި ފަރާތުން ހޯދުނު ލިޔެކިޔުންތަކުން އެނގެއެވެ. ފޮޓޯކޮޕީ މެޝިންތައް ރާއްޖެ އެތެރެކުރި ފަރާތުން ފޮޓޯކޮޕީ މެޝިންތައް ވިއްކާފައިވަނީ އެއްޗެއް 16،000.00 (ސޯޅަހާސް) ރުފިޔާއަށެވެ. މިމެޝިންތައް ރާއްޖެއަށް އެތެރެކުރި ފަރާތަކީ “ތޮޝިބާ” ބްރޭންޑްގެ މުދާ ރާއްޖެއަށް އެތެރެކޮށް ސޯލްޑިސްޓްރިބިއުޓް ކުރާ ފަރާތްކަމަށްވެފައި، އެފަރާތުން މިމެޝިންތައް ވިއްކާފައިވާ އަގަކީ ރާއްޖޭގެ ބާޒާރުގައި މިފަދަ މެޝިން ލިބެންހުރި އަގެވެ. ނަމަވެސް ފޮޓޯކޮޕީ މެޝިންތައް ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށް ވިއްކި ފަރާތުން އެ ފޮޓޯކޮޕީ މެޝިންތައް އެ ހޮސްޕިޓަލަށް ވިއްކާފައިވަނީ އެއްޗެއް 20,000.00 (ވިހިހާސް) ރުފިޔާއަށް ކަމަށްވެފައި، ކޮންމެ ފޮޓޯކޮޕީ މެޝިނަކުން އިތުރުވެފައިވަނީ 4,000.00 (ހަތަރުހާސް) ރުފިޔާ ކަމަށްވާތީ، 09 ފޮޓޯކޮޕީ މެޝިން ގަތުމަށް އިތުރަށް ޚަރަދުކޮށްފައިވާ 36,000.00 (ތިރީސް ހަހާސް) ރުފިޔާއަކީ ދަޢުލަތަށް ލިބިފައިވާ ގެއްލުމެއްކަމަށް ފާހަގަކުރެވެއެވެ.

އެހެންކަމުން، މިމައްސަލައިގާ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ 2000/2 ) ގެ 12 ވަނަ މާއްދާއާއި 13 ވަނަ މާއްދާގެ (ހ)ގެ ދަށުން ގދ.ފިޔޯރީ / ލިލީގެ މުޙައްމަދު ޢަރީފުގެ މައްޗަށަށާއި، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ 2000/2 ) ގެ 12 ވަނަ މާއްދާއާއި 13 ވަނަ މާއްދާގެ (ހ)ގެ ދަށުން ގދ.ފިޔޯރީ / ލިލީގެ މުޙައްމަދު ޢަރީފުއާއި، ގދ.ތިނަދޫ / ވެހެލި ޢަދުނާނު އިސްމާޢީލްގެ މައްޗަށް ދަޢުވާކުރުމަށާއި، 09 ފޮޓޯކޮޕީ މެޝިން ގަތުމަށް އިތުރަށް ޚަރަދުކޮށްފައިވާ 36,000.00 (ތިރީސް ހަހާސް) ރުފިޔާއަކީ ދަޢުލަތަށް ލިބިފައިވާ ގެއްލުމެއްކަމަށް ފާހަގަކުރެވޭތީ، އެފައިސާ އަނބުރާ ދަޢުލަތަށް ހޯދުމަށް މިމައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތައްކަމަށްވާ ގދ.ފިޔޯރީ / ލިލީގެ މުޙައްމަދު ޢަރީފުއާއި، ގދ.ތިނަދޫ / ވެހެލި ޢަދުނާނު އިސްމާޢީލްގެ މައްޗަށް ދަޢުވާކުރުމަށް 14 ޖުލައި 2011 ގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވާނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×