ޓޫރިސްޓް ރިސޯޓް ހެދުމަށާއި، އެކިއެކި ބޮޑެތި މަސައްކަތްކުރުމަށް ރަށްރަށާއި ބިންބިމާއި ފަޅު ފަދަ ތަންތަން އަމިއްލަ ފަރާތްތަކަށް ދޫކުރުމުގައި ވީހާވެސް ހާމަކަން ބޮޑުގޮތެއްގައި، އެފަދަ ކަންތައްތައް ބޭނުންވާ ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުޞަތު ލިބޭގޮތަށް، ޢާންމުކޮށް އިޢުލާންކުރައްވައިގެން، އެފަދަ ތަންތަން ދޫކުރައްވަމުން ގެންދަވާގޮތަށް ހަމަޖެއްސުމަށް ލަފާ ދެއްވައިފި

28 Aug 2011

މިހާރަކަށްއައިސް ޓޫރިސްޓް ރިޒޯޓް ހެދުމަށާއި އެކިއެކި ބޮޑެތި މަޝްރޫޢުތައް ހިންގުމަށް ރަށްރަށާއި ބިންބިމާއި ފަޅު ފަދަ ތަންތަން ހޯދުމަށް އަމިއްލަ ފަރާތްތަކުން ނޭޝަނަލް ޕްލޭނިންގ ކައުންސިލަށް ހުށަހެޅުމުން، އެފަރާތްތަކުން ހުށަހަޅާ ޕްރޮޕޯސަލްތަކަށް އެކައުންސިލްގައި މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށާއި، އަދި ކައުންސިލްގައި މަޝްވަރާ ކުރެއްވުމަށްފަހު ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ބައެއް ފަރާތްތަކަށް އެފަދަ ތަންތަން ދޫކުރައްވަމުން ގެންދަވާކަމަށް މިކޮމިޝަނަށް މަޢުލޫމާތު ލިބެމުން ދެއެވެ. އަދި، މިކޮމިޝަނަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، އެކަން ކުރައްވަމުން ގެންދަވަނީ، ދެފުށް ފެންނަ ހާމަކަންބޮޑު ގޮތެއްގައި ނޫންކަމާއި އަދި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަމަށް މިކޮމިޝަނަށް ފާހަގަ ކުރެވެއެވެ. އެގޮތުން މިކޮމިޝަނަށް ފާހަގަކުރެވޭ ބައެއް ކަންތައްތައް ތިރީގައި މިދަންނަވަނީއެވެ.
1. އެފަދަ މަސައްކަތްތައް ކުރުމަށް ނުވަތަ އެފަދަ ތަންތަން ތަރައްޤީކުރުމަށް އެދޭ ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުޞަތު ލިބޭގޮތަށް ޢާންމުކޮށް އިޢުލާން ކުރައްވައިގެން އެކަން ކުރައްވަމުން ނުގެންދެވުން.
2. އެފަދަ ކަންކަމަށް ދޫކުރައްވާނެ ރަށްރަށް ނުވަތަ ތަންތަން ސަރުކާރުން ކުރިން ކަނޑައެޅުއްވުމެއްނެތި، އެފަރާތަކުން ބޭނުންވާ ކޮންމެ ވަގުތެއްގައި، ބޭނުންވާ ކޮންމެ ތަނެއް ހޯދުމަށް ހުށަހެޅޭގޮތަށް އޮތުން. އަދި، އެގޮތަށް އެކަން އޮތުމުން، އެރަށަކީ ނުވަތަ އެތަނަކީ އެފަދަ މަސައްކަތަކަށް ދޫކުރައްވަން ސަރުކާރުން ކަނޑައަޅުއްވާފައިވާ ރަށެއްކަން ނުވަތަ ތަނެއްކަން ޢާންމުކޮށް ހުރިހާ ފަރާތްތަކަށް އެނގިފައި ނެތުމުން، އެކަމަށް ބޭނުންވާ ހުރިހާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ނުލިބުން. އަދި އެކަމުގެ ސަބަބުން، ދައުލަތަށާއި ރައްޔިތުންނަށް ލިބެންވާ ފުރިހަމަ މަންފާ ނުލިބި ދިޔުމުގެ ފުރުޞަތު އޮތުން.
3. ޓޫރިސްޓް ރިޒޯޓް ހެދުމަށް ރަށްރަށާއި ބިންބިން ދޫކުރުމުގައި ސަރުކާރު ބައިވެރިވެގެން އިންވެސްޓްކުރާނަމަ ޢާންމުކޮށް އިޢުލާންނުކޮށް އެކަން ކުރެވިދާނެކަމަށް ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާއިން އެނގެން އޮތް ނަމަވެސް، އިންވެސްޓްމަންޓްގެ ކުޑަކުޑަ ޕަސެންޓެއް ސަރުކާރުގެ ޙިއްޞާގެ ގޮތުގައި ހަމަޖެއްސެވުމަށްފަހު، ކުރު މުއްދަތެއްގެ ތެރޭގައި ސަރުކާރުގެ ޙިއްޞާ އަނެއް ފަރާތަކަށް ވިއްކާލެއްވުމަށް ސަރުކާރުން އެއްބަސްވެ، އެގޮތަށް ވަކި ފަރާތްތަކަކަށް ރަށްރަށާއި ބިންބިމާއި ތަންތަން ދޫކުރައްވާނަމަ، އެކަމަކީ ވަކި ފަރާތްތަކަކަށް ނާޖާއިޒު ފައިދާ ހޯއްދަވައި ދެއްވުމަށް ސަރުކާރުން ކުރައްވާ ކަމެއް ކަމުގައި ބެލުމުގެ ފުރުޞަތު އޮތުން. އަދި އެކަން އެގޮތަށް ކުރެއްވުމުގެ ސަބަބުން، ދައުލަތާއި ރައްޔިތުންނަށް ލިބެންޖެހޭ ފުރިހަމަ ފައިދާއާއި މަންފާ ލިބުމަށް ހުރަސްއެޅިގެން ދިޔުން.
4. އެފަދަ މަސައްކަތްތައް ކުރުމަށް ރަށްރަށާއި ތަންތަން ހޯދުމަށް ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ސަރުކާރުގެ މިކަމާގުޅޭ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ނުވަތަ އެފަދަ ބޭފުޅުންގެ ގާތް ފަރާތްތައް ނުވަތަ އެފަދަ ބޭފުޅުންނާ ޢާއިލީގޮތުން ގުޅިފައިވާ ފަރާތްތައް ހިމެނޭނަމަ، އެކަމުގައި މަޞްލަޙަތު ފުށުއަރާފަދަ ޙާލަތްތައް ދިމާވުމުގެ ފުރުޞަތު އޮތުން.

5. ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ދިނުމަށް ޝަރުޠުކޮށް، އެހެންނަމަވެސް ސަރުކާރުން އެކަމަށް ކަނޑައަޅުއްވާ ވަކިސިޔާސަތެއް އާންމުކޮށް ހާމަނުކުރައްވާ، މިފަދަކަންކަން ކުރެއްވުމުގެ ސަބަބުން އާންމުކޮށް ހުރިހާ ފަރާތްތަކަށް އެކަން އެނގިފައިނެތުމުން، އެކަމަށް ބޭނުންވާ ހުރިހާފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ނުލިބުން. އަދި އެކަމުގެ ސަބަބުން ދައުލަތަށާއި، ރައްޔިތުންނަށް ލިބެންވާ އެންމެ ފުރިހަމަ މަންފާ ނުލިބި ދިއުމުގެ ފުރުޞަތު އޮތުން.

އެހެންކަމުން، މަތީގައި ދެންނެވިފައިވާ ފަދަ ކަންތައްތަކަކީ، ކޮރަޕްޝަނަށް މަގުފަހިވާ، އަދި އެކަންކަން އެގޮތަށް ހިނގާކަމުގައިވާނަމަ، ސަރުކާރާމެދު ރައްޔިތުންގެ އިތުބާރު ގެއްލޭގޮތް ވެދާނެ ފަދަ ކަންތައްތައް ކަމުގައިވާތީ، މިހާރަށްވުރެ ހަރުދަނާ އުޞޫލުތަކެއް ހަމަޖައްސަވައިގެން، ކޮރަޕްޝަނަށް މަގުފަހިނުވާގޮތަށް، ވީހާވެސް ހާމަކަންބޮޑު ގޮތެއްގައި، އެފަދަ ކަންތައްތަކަށް ބޭނުންވާ ހުރިހާ ފަރާތްތަކަށްވެސް ހަމަހަމަ ފުރުޞަތު ލިބޭގޮތަށް، ޢާންމުކޮށް އިޢުލާންކުރައްވައިގެން، އެފަދަ މަސައްކަތްތަކަށް ރަށްރަށާއި ބިންބިމާއި ތަންތަން ދޫކުރައްވަމުން ގެންދަވާގޮތަށް ހަމަޖެއްސެވުމަށް 28 އޯގަސްޓް 2011 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ނޭޝަނަލް ޕްލޭނިންގ ކައުންސިލާއި، މިނިސްޓްރީ އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗަރ އަށް ކޮޕީކޮށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ޕްލޭނިންގ އަށް ވާނީ އެންގިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×