ގއ.ކޫއްޑޫގެ ރަންދި 24 ނަންބަރު ބޯޓުގެ ފައިސާއާ ޙަވާލުވެހުރި ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑްގެ ސްކިޕަރ ކްލާސް 4 ގެ މަޤާމުގައި އޭރު ހުރި ގއ.ވިލިނގިލި/އެނައިސް ޢަބްދުލްޢަޒީޒް، އެބޯޓުގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާތީ، އޭނާގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި

07 Sep 2011

2010 ނޮވެމްބަރު ފުރަތަމަ ހަފްތާ ތެރޭގައި ގއ.ކޫއްޑޫ އޮފީހުން، ގއ.ކޫއްޑޫގެ ކަލެކްޓަރ ވެސެލް ރަންދި 24 ނަންބަރު ބޯޓުގެ ތިޖޫރީ ޗެކްކުރިއިރު އެތިޖޫރީން 32,500.00 (ބައްތިރީސްހާސް ފަސްސަތޭކަ)ރުފިޔާ މަދުވާކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅުނު މައްސަލަ، މިކޮމިޝަނުގެ ފަރާތުން ތަޙުޤީޤުކޮށް ބެލިބެލުމުގައި މައްސަލައިގެ ތަޙުޤީޤަށް ލިބިފައިވާ ހެއްކާއި ޤަރީނާއަށް ބަލާއިރު، ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑްގެ ސްކިޕަރ ކްލާސް 4 ޢަބްދުލްޢަޒީޒު، ރަންދި 24 ގެ ފައިސާއާ ޙަވާލުވެހުއްޓައި 22 އޮކްޓޯބަރު 2010 ގައި ރަންދި 24 ގެ ތިޖޫރީގައި ހުރި ފައިސާ ގުނިއިރު މަސްގަންނަ ފައިސާއިން ތިޖޫރީގައި ބާކީ ހުންނަންޖެހޭކަމަށް ހިސާބުތަކުން ދައްކާ ފައިސާގެތެރެއިން 32,551.00 (ބައްތިރީސްހާސް ފަސްސަތޭކަ ފަންސާސްއެކެއް) ރުފިޔާ މަދުވާކަމާއި، މަދުވާ 32,551.00 (ބައްތިރީސްހާސް ފަސްސަތޭކަ ފަންސާސްއެކެއް) ރުފިޔާގެ ތެރެއިން 32,000.00 (ބައްތިރީސްހާސް)ރުފިޔާއަކީ ޢަބްދުލްޢަޒީޒް އޭނާގެ އަމިއްލަ ބޭނުމަކު ނަގާފައިވާ ފައިސާއެއްކަމާއި، ބާކީ މަދުވާ 551.00 (ފަސްސަތޭކަ ފަންސާސް އެކެއް) ރުފިޔާއަކީ މަސްވެރިންނަށް ފައިސާ ދޫކުރުމުގައި އޮޅިގެން އިތުރަށް ދެވުނު ފައިސާކަމަށް ތަޙުޤީޤަށް ފާހަގަކުރެވިފައިވެއެވެ.
އެހެންކަމުން، ރަންދި 24 ގެ ތިޖޫރީގައި ހުރި ފައިސާ 22 އޮކްޓޯބަރ 2010 ގައި ގުނިއިރު އެބޯޓުގެ ފައިސާއާ ޙަވާލުވެހުރި ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑްގެ ސްކިޕަރ ކްލާސް 4 ގެ މަޤާމުގައި އޭރު ހުރި ގއ.ވިލިނގިލި/އެނައިސް ޢަބްދުލްޢަޒީޒް ޚިޔާނާތްތެރިވެފައިވާތީ، މިމައްސަލަ ޝަރީޢަތަށް ހުށަހަޅައިގެން ނިންމުމަށްޓަކައި 28 އޯގަސްޓް 2011 ގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×