މި އަހަރު އޭސީސީއަށް އެންމެ ގިނައިން ހުށަހެޅިފައިވަނީ ޕްރޮކިޔުމެންޓާގުޅޭ މައްސަލަތައް

27 Oct 2015

މި އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެންމެ ގިނައިން އޭސީސީއަށް ހުށަހެޅިފައިވަނީ ޕްރޮކިޔުމެންޓާ ގުޅޭ މައްސަލަތައްކަން ފާހަގަކުރެވެއެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ޕްރޮކިއުމަންޓާ ގުޅޭ 148 މައްސަލައެއް އޭސީސީއަށް ހުށަހެޅިފައިވެއެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޕްރޮކިއުމެންޓާގުޅޭ 61 މައްސަލަ ހުށަހެޅިފައިވާއިރު، 2 ވަނަ ކުއާޓަރުގައި ޕްރޮކިއުމަންޓާގުޅޭ 87 މައްސަލަ ހުށަހެޅިފައިވެއެވެ.
މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ދެވަނައަށް އެންމެ ގިނައިން އޭސީސީއަށް ހުށަހެޅިފައިވަނީ ވަޒީފާއާގުޅޭ މައްސަލަތަކެވެ. އޭގެތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ވަޒީފާދިނުމާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަޒީފާއިން ވަކިކުރުމާއި، އަދި ޕްރޮމޯޝަން ދިނުން ފަދަ ކަންކަމަށް ތުހުމަތުކޮށް ހުށަހެޅިފައިވާ މައްސަލަތައް ހިމެނެއެވެ. ވަޒީފާއާގުޅޭ 75 މައްސަލައެއް މިއަހަރުގެ ފުރަތަމަ 06 މަސްދުވަހުގެ ތެރޭގައި ކޮމިޝަނަށް ހުށަހެޅިފައިވެއެވެ. ވަޒީފާއާގުޅޭ 36 މައްސަލައެއް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ހުށަހެޅިފައިވާއިރު، 2 ވަނަ ކުއާޓަރުގައި ހުށަހެޅިފައިވަނީ މިފަދަ 39 މައްސަލައެވެ.
މީގެ އިތުރުން މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ގޯތިގެދޮރާއި ގުޅޭ ޖުމްލަ 72 މައްސަލައެއް ހުށަހެޅިފައިވެއެވެ. އަދި އެހެނިހެން ތަފާތު ބާވަތްތަކުގެ 123 މައްސަލަ އެއް މި އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ކޮމިޝަނަށް ހުށަހެޅިފައިވެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×