ފަލަސްތީނުގައި ޓެކުހަށް މަކަރުހެދުމާއި ޓެކްސް ނުދެއްކުމުގެ (ޓެކްސް އިވޭޝަން) ކުށުގެ ސަބަބުން، ކޮންމެ އަހަރަކު، ގާތްގަނޑަކަށް 800 މިލިޔަން އެމެރިކާ ޑޮލަރުގެ ފައިސާ ދައުލަތުގެ ބައިތުލްމާލުން ގެއްލިގެންދެއެވެ. މިކަމާ ގުޅޭގޮތުން ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލް އިން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ކިޔާލެވުން ވެގެންދިޔައީ، ޢަލީ ވަލީދަށް (އަޞްލު ނަމެއް ނޫން)، އޭނާގެ އަވަށުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުން ދިޔަ ކުންފުންޏަކާ ދެކޮޅަށް މައްސަލަ ހުށަހަޅަން ހިތްވަރު ލިބުނު ކަމަކަށެވެ. މި ކުންފުނި ރަޖިސްޓަރީކުރެވިފައިވަނީ، ފައިދާ ލިބޭ ވިޔަފާރިއެއްގެ ބަދަލުގައި ކޯޕަރޭޓިވްއެއްގެ ގޮތުގައިކަމުން، ކުންފުނިން ދައުލަތަށް ދައްކަންޖެހޭ ޓެކްސް ނުދައްކައި ފަރުޖެހެއެވެ. މާނައަކީ، މީގެ ސަބަބުން ސިއްޙީ، ތަޢުލީމީ އަދި އެހެނިހެން މުހިންމު ދާއިރާތަކަށް ދައުލަތުން ޚަރަދުކުރުމަށް ކޮންމެހެން ބޭނުންވާ ފައިސާ ދިޔައީ ގެއްލެމުންނެވެ.
މިމައްސަލައިގައި، ޢަލީ، ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލްގެ”ކޮރަޕްޝަނާ ދެކޮޅު ޤާނޫނީ ލަފާދޭ މަރުކަޒު” (އެންޓި-ކޮރަޕްޝަން ލީގަލް އެޑްވައިޒް ސެންޓަރ) ގެ އެހީއަށް އެދުނެވެ. އަދި އޭނާ އެހުށަހަޅާ މައްސަލައަށް ބޭނުންވާނެ އެކަށީގެންވާ ހެއްކާއި ޤަރީނާވެސް އެ މަރުކަޒާ ޙިއްޞާކުރިއެވެ.
މިފަދަ މައްސަލަތަކަކީ ޣައްޒާ އަދި ހުޅަނގު އައްސޭރީ (ވެސްޓް ބޭންކް) ގައި ޚާއްޞަ ސަމާލުކަމެއް ދޭން ޖެހިފައިވާ ކަންކަމަށް ވުމުގެ ސަބަބުން، ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލް އިން މިމައްސަލަ ވީހާވެސް އަވަހަށް ތަޙުޤީޤު ކޮށްދިނުމަށް އެދި މިނިސްޓްރީ އޮފް ފިނޭންސް އަށް ސިޓީ އެށް ފޮނުވިއެވެ. އަދި ސިޓީގެ ޖަވާބު ދެހަފްތާ ފަހުން ލިބުނުއިރު ކުންފުންޏާ މެދު ކުރެވުނު ތުހުމަތުތަކަކީ ހަޤީޤަތެއް ކަން ހާމަވެ ކުންފުންޏާމެދު ފިޔަވަޅު އެޅިގެން ދިޔައެވެ. އަދި އެ ކުންފުނިން ޓެކްސް ފައިސާ ގެ ގޮތުގައި 64,000 އެމެރިކާ ޑޮލަރު ދައުލަތަށް އަނބުރާ ދައްކަން ޖެހުނެވެ. މީގެ އިތުރުން ކުންފުނިން މުސްތަޤުބަލުގައި ދައްކަން ޖެހޭ ޓެކްސް ފައިސާ ދައްކަމުން ގެންދާނެކަން ކަށަވަރު ކުރެވި ގަވާއިދާ ޚިލާފަށް ކޯޕަރޭޓިވްތަކުގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ އިތުރު ކުންފުނިތަކާ މެދު ފިޔަވަޅު އެޅިގެން ދިޔުމުގެ ނަތީޖާއަކީ ޓެކުހާއި ގުޅޭ ކަންކަމުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ ފައިސާ ލިބޭނެކަން ކަށަވަރު ވެގެން ދިޔުމެވެ.
ޢަލީގެ މަޤްޞަދަކަށް މިހާރު ވެފައިވަނީ ކޮރަޕްޝަނާ ދެކޮޅަށް ފަލަސްތީނުގައި ހިންގޭ ޙަރަކާތްތަކުގައި ބައިވެރިވެ ޢާއްމު ފަރުދެއްގެ ހައިސިއްޔަތުން ވެސް ޤައުމަށް ހެޔޮ ބަދަލުތަކެއް ގެނެވިދާނެ ކަން އެހެންމީހުންނަށް ދެއްކުމެވެ.
https://www.transparency.org/news/story/protecting_public_money
ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ، “True Stories” ގެ ތެރެއިން ނަގާފައިވާ “Protecting Public Money.” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ. މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” ދީގެން ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.