މަޢުލޫމާތާއި ލިޔުންތައް ހޯދުމަށް އަމުރު ނެރެންފަށައިފި

02 Nov 2015

އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބަލަމުންގެންދާ މައްސަލަތަކާ ގުޅިގެން ދައުލަތުގެ އެކިއެކި އިދާރާތަކުންނާއި އަމިއްލަ ފަރާތްތަކުން ހޯދަން ބޭނުންވާ މަޢުލޫމާތާއި ލިޔުންތައް ހޯދުމަށްޓަކައި ސިޓީ ފޮނުވުމުގެ ބަދަލުގައި އަމުރު ނެރޭގޮތަށް ހަމަޖައްސައި، 01 ނޮވެމްބަރު 2015 ވީ އާދީއްތަ ދުވަހުން ފެށިގެން އެގޮތުގެ މަތިން ޢަމަލުކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ވަނީ ފަށާފައެވެ. މިގޮތަށް ހަމަޖައްސާފައިވަނީ، ޤާނޫނު ނަންބަރު: 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ނ)، (ރ) އަދި (ބ) އިން ކޮމިޝަނަށް ލިބިދީފައިވާ ބާރުގެ ދަށުންނެވެ.
މިގޮތަށް ހަމަޖައްސަން ޖެހުނީ، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބަލަމުންގެންދާ މައްސަލަތަކާ ގުޅިގެން ބޭނުންވާ މަޢުލޫމާތާއި ލިޔުންތައް ހޯދުމަށް ކޮމިޝަނުގެ މުވައްޒަފުން ދިޔުމުން ނުވަތަ އެފަދަ މަޢުލޫމާތާއި ލިޔުންތައް ފޮނުވައިދިނުމަށް އެދުމުން، ދައުލަތުގެ ބައެއް އިދާރާތަކުންނާއި އަމިއްލަ ބައެއް ފަރާތްތަކުން އެފަދަ މަޢުލޫމާތު ކޮމިޝަނަށް ފޯރުކޮށްދިނުމުގައި ހަރުދަނާ އުސޫލެއް ޤާއިމުކުރުމުގެ ގޮތުންނާއި ކޮމިޝަނުން ތަޙުޤީޤުކުރަމުން ގެންދާ މައްސަލަތައް ހަލުވިކުރުމުގެ ގޮތުންނެވެ.
މިގޮތަށް ހަމަޖެއްސުމާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބޭނުންވާ މަޢުލޫމާތާއި ލިޔުންތައް ދިނުމަށް އިންކާރުކުރާ ފަރާތްތަކާއި، ކޮމިޝަންގެ ތަޙްޤީޤުތަކަށް ބޭނުންވާ މަޢުލޫމާތު ދިނުމަށް ހުރަސްއަޅާ ފަރާތްތަކާއި، އަދި ކޮމިޝަންގެ ޤާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް އެއްބާރުލުން ނުދޭ ފަރާތްތަކާމެދު ޤާނޫނު ނަންބަރު: 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 27 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޤާނޫނު ނަންބަރު: 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 533 ވަނަ މާއްދާގެ ދަށުން ޤާނޫނީ ފިޔަވަޅު އަޅާގޮތަށްވެސް ކޮމިޝަނުން ވަނީ ނިންމާފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×