ބ.އޭދަފުށި މަލްޓި-ޕަރޕަސް ޢިމާރާތުގެ ކަރަންޓް މައްސަލަ ރަނގަޅުކޮށްދޭނެ ފަރާތެއް ހޯދުމަށް ބ.އޭދަފުށީ ކައުންސިލްގެ އިދާރާއިން ކުރި އިޢުލާނާ ގުޅިގެން އަންދާސީ ހިސާބު ހުށަހެޅި ފަރާތްތަކުގެ ތެރޭގައި، އޭދަފުށީ ކައުންސިލްގެ އޭރުގެ ރައީސްގެ ބޭބެ ހިމެނޭކަމަށާއި، އޭނާއަކީ މަޢުލޫމާތު ސާފުކުރަންދިޔަ ފަރާތެއްވެސް ނޫންކަމަށާއި، ނަމަވެސް، އޭނާގެ އަންދާސީ ހިސާބު ބަލައިގަނެ، އޭނާ ހުށަހެޅި އަގަށްވުރެ ކުޑަކޮށް އަގު ހުށަހެޅި ފަރާތްތައް ތިއްބާ މަސައްކަތް ޙަވާލުކޮށްފައިވަނީ އޭނާއާ ކަމަށާއި، އަދި އަންދާސީ ހިސާބު ހުށަހެޅި ފަރާތްތަކުން ހުށަހެޅި އަގުތައް ޖަހާފައި އޮތް ޝީޓްގައި އަންދާސީ ހިސާބު ބަލައިގަތް ތިން ފަރާތަކަށް އޮތީ ކައުންސިލްގެ އޭރުގެ ރައީސްގެ ނަން ކަމަށާއި، ނަމަވެސް އޭނާގެ ނަމުގެ ކައިރީގައި ލިޔެފައި އޮތީ “އޭދަފުށީ ކައުންސިލްގެ ނައިބުރައީސް” ކަމަށް ބުނާ މައްސަލަ ނިންމިގޮތް ތިރީގައި މިވަނީއެވެ.
1. 2011 ވަނަ އަހަރު ބ.އޭދަފުށީ މަލްޓި-ޕަރޕަސް ޢިމާރާތުގެ ކަރަންޓް މައްސަލަ ހައްލުކޮށްދޭނެ ފަރާތެއް ހޯދުމަށް އޭދަފުށީ ކައުންސިލްގެ އިދާރާއިން ކުރި އިޢުލާނާ ގުޅިގެން 03 ފަރާތަކަށް މަސައްކަތުގެ މަޢުލޫމާތު ދީފައިވަނީ އިޢުލާނުގައި ބަޔާންކޮށްފައިވާ އުޞޫލުން ނޫންކަމާއި، އެފަރާތްތަކުގެ ތެރޭގައި އޭދަފުށީ ކައުންސިލްގެ އޭރުގެ ރައީސްގެ އެއްބަނޑު އެއްބަފާ ބޭބެ ހިމެނޭކަމާއި، މަޢުލޫމާތުދީފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 8.16 ވަނަ މާއްދާއާ ޚިލާފަށް އަދި އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތާވެސް ޚިލާފަށްކަމާއި، އަންދާސީ ހިސާބުތައް ބަލައިގަތުމުގެ މަސައްކަތުގައި ކައުންސިލްގެ އޭރުގެ ރައީސް ބައިވެރިވެފައިވާކަމާއި، އަންދާސީ ހިސާބުތައް ބަލައިގަތުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 8.17 ވަނަ މާއްދާއާ ޚިލާފަށް ފެކްސް މެދުވެރިކޮށް އަންދާސީ ހިސާބެއް ބަލައިގަނެފައިވާކަމާއި، ކައުންސިލްގެ އޭރުގެ ރައީސްގެ ބޭބެ އަންދާސީ ހިސާބު ހުށަހަޅާފައިވާއިރު، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 8.01 ގެ (ކ) އާ އެއްގޮތަށް ކައުންސިލްގެ ރައީސް އާ ގުޅުން އޮންނަކަން ބަޔާންކޮށް ލިޔުމެއް ހުށަހަޅާފައިނުވާކަމާއި،
2. އަންދާސީ ހިސާބުތައް އިވެލުއޭޓްކުރުމުގައި ކައުންސިލްގެ އޭރުގެ ރައީސް ބައިވެރިވެފައިވާކަމާއި، އިވެލުއޭޝަން ކޮމިޓީގެ އެހެން މެމްބަރުންނަށްވެސް، މަސައްކަތް ޙަވާލުކުރެވުނު ފަރާތަކީ ކައުންސިލްގެ އޭރުގެ ރައީސްގެ އެއްބަނޑު އެއްބަފާ ބޭބެކަން އެނގޭކަން އެފަރާތްތަކުގެ ބަހުން އެނގެން އޮތްކަމާއި، އިވެލުއޭޝަން ކޮމިޓީގެ ހުރިހާ މެމްބަރުންވެސް ވަކި ޝީޓްތަކުގައި މާކްސް ދީފައިވަނީ އެއްގޮތަށްކަމާއި، އަގަށާއި މުއްދަތަށް ޕޮއިންޓް ދީފައިވަނީ ކަނޑައެޅިފައިވާ ކްރައިޓީރިއާއާ އެއްގޮތަށްނަމަވެސް، އަންދާސީ ހިސާބު ފޯމާއި އަންދާސީ ހިސާބު ހުށަހަޅާފައިވާ ސިޓީތައް ފިޔަވައި އެއްވެސް ލިޔެކިޔުމެއް އަންދާސީ ހިސާބު ހުށަހެޅި ފަރާތްތަކުން ހުށަހަޅާފައިނުވާއިރު، އިވެލުއޭޝަންގައި “ތަޖުރިބާއާއި ފަންނީ ޤާބިލްކަން” އަދި “ހުށަހަޅާ ފަރާތުގެ ޕްރޮފައިލް” އަށް ޕޮއިންޓް ދީފައިވާކަމާއި، އެ ދެބައިން ލިބޭ ޖުމުލަ ޕޮއިންޓް ދީފައިވަނީ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ 03 ފަރާތަކަށް ކަމާއި، އެފަރާތްތަކުގެ ތެރޭގައި ކައުންސިލްގެ އޭރުގެ ރައީސްގެ ބޭބެ ހިމެނޭކަމާއި، އިވެލުއޭޝަން ކޮމިޓީއިން އަންދާސީ ހިސާބުތައް އިވެލުއޭޓްކުރުމަށްފަހު މަސައްކަތް ޙަވާލުކުރުމަށް ނިންމީ ހަތްވަނައަށް އެންމެ ކުޑަ އަގު ހުށަހެޅި ފަރާތްކަމުގައިވާ ކައުންސިލްގެ އޭރުގެ ރައީސްގެ ބޭބެ އާ ކަމާއި، އެފަރާތާ މަސައްކަތް ޙަވާލުކޮށް ވެފައިވާ އެއްބަސްވުމުގައި އޭދަފުށީ ކައުންސިލްގެ އިދާރާގެ ފަރާތުން ސޮއިކޮށްފައިވަނީ އޭރުގެ ކައުންސިލްގެ ރައީސް ކަން އެނގެން އޮތުމުން،
ބ.އޭދަފުށީ މަލްޓި-ޕަރޕަސް ޢިމާރާތުގެ ކަރަންޓް މައްސަލަ ހައްލުކުރުމުގެ މަސައްކަތް ޙަވާލުކުރުމުގައި ބ.އޭދަފުށީ ކައުންސިލްގެ އޭރުގެ ރައީސް އާއި އަދި އޭރުގެ އިވެލުއޭޝަން ކޮމިޓީގައި ބައިވެރިވި އިތުރު މެމްބަރުން ޢަމަލުކޮށްފައިވަނީ ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށްކަމަށް މިކޮމިޝަންގެ ތަޙުޤީޤަށް ފާހަގަކުރެވިފައިވާތީ، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، އޭދަފުށީ ކައުންސިލްގެ އޭރުގެ ރައީސް އާއި އަދި އިވެލުއޭޝަން ކޮމިޓީގައި ބައިވެރިވި އިތުރު މެމްބަރުންގެ މައްޗަށް ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާއާއި އެޤާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތަށް ލިބެންއޮތް ފައިދާއަކަށް އުނިކަން ލިބޭގޮތަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާ ޝަރީޢަތަށް ހުށަހެޅުމަށްޓަކައި، މިމައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.