ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނާ އޭސީސީން ބައްދަލުކޮށްފި

08 Nov 2015

ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނާއި، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނުގައި ހިމެނޭ ކަންތައްތައް ތަންފީޒު ކުރުމުގައި ދެފަރާތުން ގުޅިގެން މަސައްކަތް ކުރުމާއި މަޢުލޫމާތު ޙިއްޞާ ކުރުމުގެ ކަންތައްތައް ކުރިއަށް ގެންދާނެ ގޮތާ ބެހޭގޮތުން އެންއައިސީއާ އޭސީސީގެ ފަރާތުން ބައްދަލުކޮށް މަޝްވަރާ ކޮށްފިއެވެ. މި ބައްދަލުވުން ބޭއްވުނީ މިމަހުގެ 05 ވަނަ ދުވަހު އެންއައިސީގަވެ.
އެންއައިސީ އަށް ހުށަހަޅޭ މައްސަލަތަކުގެ ތެރެއިން ކޮރަޕްޝަނާ ގުޅުން ހުރި މައްސަލަތައް އޭސީސީއަށް ފޮނުވުމުން 30 ދުވަހުގެ ތެރޭގައި ތަޙްޤީޤުކޮށް ނިންމަންވާނެކަމަށާއި، އެންއައިސީގެ ޤާނޫނުގެ ދަށުން އެކޮމިޝަންގެ ބާރުހިނގާ ދާއިރާގެ ތެރޭގައި ހިމެނޭ މުވައްޒަފެއްގެ މައްސަލައެއް އޭސީސީން ބަލާނަމަ އެކަމެއްގެ މަޢުލޫމާތުވެސް އޭސީސީން އެންއައިސީއަށް ޙިއްޞާކުރަން ވާނެކަމަށް އެންއައިސީގެ ޤާނޫނުގައި ބަޔާންކޮށްފައިވާތީ، މިކަންކަން ތަންފީޒުކުރުމުގައި ދިމާވާނެ ގޮންޖެހުންތަކާއި، އެކަންކަން ޙައްލުކުރާނެ ގޮތާބެހޭގޮތުން ދެ ކޮމިޝަންގެ މެދުގައިވަނީ މަޝްވަރާކޮށްފައެވެ. އަދި އޭސީސީގެ ފަރާތުން އިސްނަގައިގެން ތައްޔާރު ކުރަމުންދާ ނެޝަނަލް އިންޓަގްރިޓީ ޕްލޭންގެ މަސައްކަތް ކުރިއަށްދާ ގޮތާބެހޭ މަޢުލޫމާތުވެސް މިބައްދަލުވުމުގައި އެންއައިސީއާ ޙިއްޞާ ކުރެވުނުވެ.
މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ އަލީގައި ދެމުއައްސަސާގެ މެދުގައި އެމްއޯޔޫއެއް ޤާއިމްކުރުމަށް ދެކޮމިޝަނުންވަނީ އެއްބަސްވެފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×