ދަރިވަރުންގެ މުޒާހަރާ

08 Nov 2015

މަތީތަޢުލީމު ހާސިލްކުރުމަށްޓަކައި ފިޖީއަށް ނިސްބަތްވާ ތިންކުދިން ކޯހެއްގައި ބައިވެރިވީ މުސްތަޤްބަލުގައި ލިބޭނެ ވަޒީފާގެ ފުރުޞަތުތައް ތަނަވަސްކުރުމުގެ މަޤްޞަދުގައެވެ.
ވޭތުވެދިޔަ 10 އަހަރުތެރޭ ފިޖީގައި މަތީ ތަޢުލީމުގެ ފެންވަރުވަނީ ވަރަށް ބޮޑަށް ކުރިއަރައިގެން ގޮސްފައެވެ. ހަމައެއާއެކު އިޤްތިޞާދީ ދުވެލީގައި ދުނިޔޭގެ އެހެން ޤައުމުތަކާ އެއްފެންވަރެއްގައި ފައިހަމަކުރުމަށް ފިޖީއަށް އެންމެ މުހިންމު އެއްކަމަކީ، ތަޢުލީމު ކުރިއެރުވުންކަން ފާހަގަ ކުރެވިފައިވެއެވެ. ނަމަވެސް 2008 ގައި ހިނގި މިހާދިސާއަކީ ޤައުމަށް އަންނަ މިފަދަ ކުރިއެރުންތަކާ ގުޅިގެން ނަހަމަ ގޮތުގައި ފައިދާ ނެގިދާނެކަމުގެ މިސާލެކެވެ. ކޯހުގައި ބައިވެރިވި މި ތިންކުދީންނަށް އެތައްމަހެއް ވަންދެން މަދަރުސާއިން ބޭއިންސާފުން ކަންކަން ކުރާކަމާއި އޮޅުވާލާފައި ވާކަން އެކުދީންނަށް ޝައްކު ކުރެވެން ފެށިއެވެ.
އެންމެ ފުރަތަމަ މައްސަލަތައް ކުރިމަތިވާންފެށީ ކޯސްފެށިތާ ކުރީކޮޅުގައެވެ. ޓިއުޝަން ފީ ދައްކާފައިވި ނަމަވެސް، އެކުދީންނަށް މަދަރުސާގެ ފަރާތުން ލިބެންޖެހޭ އެހީތެރިކަމާ އެއްބާރުލުން ލިބިފައެއް ނުވެއެވެ. އަދި ކިޔެވުމާ ގުޅޭ ގިނަ ކަންތައްތައް ކުރަމުން އައިސްފައިވަނީ މަދަރުސާގެ އެހީއާނުލާ އަމިއްލަ މަސައްކަތުންނެވެ. ކަންތައްތައް އިތުރަށް ގޯސްވާންފެށީ ކޯސް ނިމުމަށްފަހުގައެވެ. ކޯސްނިމުނުތާ އެތައް މަސްދުވަހެއް ފާތިއުވެގެން ދިޔައިރުވެސް، ކޯހުގެ ނަތިޖާ އަދި ދަސްވެނިވާ ޖަލްސާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ދަރިވަރުންނަށް ލިބިފައެއް ނުވެއެވެ. އެންމެފަހުން އެކުދީންނަށް ކޯހުން ފެއިލްވެފައިވާކަމަށް އެންގުނެވެ. އެކޯސް އެހެން މަދަރުސާއެއްގައި ފުރިހަމަކުރުމަށް ފުރުޞަތު ލިބުނު ނަމަވެސް ކުރީގައި ހޭދަ ކުރިފައިސާގެ އިތުރުން އެތައްސަތޭކަ ޑޮލަރެއް އިތުރަށް ކޯސް އަލުން ފުރިހަމަކުރުމަށް ހޭދަކުރަންޖެހެއެވެ.
ފިޖީގައި ކުރި ދިރާސާއެއް ދައްކާގޮތުން، ނުވަދިހަ ހަތެއް އިންސައްތަ މީހުން ކޮރަޕްޝަންގެ ޢަމަލުތައްކަމަށް ތުހުމަތުކުރެވޭ ކަންކަން ރިޕޯޓުކުރާނެކަމަށް ބުނެފައިވެއެވެ. ހަމަ މިބީދައިން މަދަރުސާއަށް ލިބިފައިވާ ބާރުތަކުގެ ނާޖާއިޒް ފައިދާ ނަގައި، އޭގެ ބޭނުން ނަހަމަގޮތުގައި މަދަރުސާއިން ނަގަމުން ދާކަމަށް ޝައްކު ކުރެވުމުން އެކަމާ ދެކޮޅަށް މިކުދީން ތެދުވިއެވެ.
ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލްގެ “ކޮރަޕްޝަނާ ދެކޮޅު ޤާނޫނީ ލަފާދޭ މަރުކަޒު” (އެންޓި-ކޮރަޕްޝަން ލީގަލް އެޑްވައިޒް ސެންޓަރ) ގެ އެހީއަށް މިކުދީން އެދުމާ ގުޅިގެން އެމައްސަލަ މި މަރުކަޒުން ފިޖީގެ ތަޢުލީމާބެހޭ ވުޒާރާއަށް ހުށަހެޅިއެވެ. އަދި އެމައްސަލައާ ބެހޭ ގޮތުން މަތީތަޢުލީމާ ބެހޭ ކޮމިޝަނުން މަދަރުސާގެ އިސްވެރީންނާއެކީ މަޝްވަރާ ކުރަމުން އަންނަ ކަމަށް އެވުޒާރާއިން އެންގިއެވެ.
ދަރިވަރުންގެ މައްޗަށް އެހެންފަރާތްތަކުގެ ތާއީދުއޮތްކަން ޔަޤީންވުމާއެކު މަދަރުސާގެ އެންމެ އިސްފަރާތުން ދަރިވަރުންނަށް ކުރިމަތިވި މައްސަލަ ޙައްލުކޮށްދިނުމަށް ސްކޫލުން ފިޔަވަޅުއެޅިއެވެ. އަދި އެދަރިވަރުންނަށް އިތުރު ފައިސާ ދެއްކުމަކާ ނުލައި އަލުން އިމްތިޙާން ހެދުމުގެ ފުރުޞަތު ދިނެވެ. މީގެ އިތުރުން، ފައިސާ ދެއްކުމަކާ ނުލައި މަދަރުސާގެ ފަރާތުން އެހީތެރިކަން ލިބޭނެ އިންތިޒާމްވެސް ހަމަޖެއްސިއެވެ.
މއީ ކުޑަ މައްސަލައެއްކަމަށް ދެކެވުނު ކަމުގައިވިޔަސް ހަމައެކަނި ތިން ކުދިންނަށް ވުރެ މާގިނަ ބަޔަކު ޝާމިލްވާ މައްސަލައެކެވެ. ސަބަބަކީ ތިންބައި ކުޅައެއްބައި ފަޤީރުކަމުގައި އުޅޭ ޤައުމެއްގައި އިތުރަށް ފައިސާ ދައްކަން ޖެހުން މިއީ ފަޤީރުން ތަޢުލީމް ހާސިލް ކުރުމުން މަޙްރޫމް ވެގެންދާނެކަމެކެވެ. މިފަދަ ކަންކަމަކީ އެކަމާ އަޅާނުލެވި، ދޫކޮށްލެވިގެންވާނެ ކަންތައްތަކެއް ނޫނެވެ.

ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ، “True stories” ގެ ތެރެއިން ނަގާފައިވާ “Student protest” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ. މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” ދީގެން ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×