ކައުންސިލަރުންގެ މުސާރައާއި ގަޑީލާރި އަދި ސަލާމް ބުނުމާގުޅޭގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ރ.މާކުރަތު ކައުންސިލްގެ ކުރީގެ ނާއިބު ރައީސްއާއި އެކައުންސިލްގެ ކުރީގެ މެމްބަރެއް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައި އަދި ހޯދައިދީފައިވާތީ، އެފަރާތްތަކުގެ މައްޗަށް ދަޢުވާކުރުމަށްޓަކައި ފޮނުވައިފި.

09 Nov 2015

ލޯކަލް ގަވަރމަންޓް އޮތޯރިޓީން ފޮނުވާފައިވާ ސާރކިއުލަރތަކުގައި ކައުންސިލަރުންގެ މުސާރައާއި ގަޑީލާރި ހާޒިރުނުވާ ދުވަސްތަކަށް ކެނޑޭނެކަމަށް އަންގާފައިވަނިކޮށް، އަދި ކައުންސިލްގެ ހިންގާ ގަވާއިދާ އެއްގޮތަށް މުސާރަދިނުމުގައި ޢަމަލުކުރަމުން ދަނިކޮށް، ރ.މާކުރަތު ކައުންސިލްގެ މެމްބަރަކު އޭނާގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ކައުންސިލްގައި މަސައްކަތްކުރާ ސިވިލްސަރވިސް މުވައްޒަފުންނަށް ބިރުދައްކައި، ގަޑިޖެހޭކަމަށް ނޯޓްކޮށް ގަޑީލާރި ކަނޑާނަމަ ފޮތްތައް ވީދާލާނެކަމަށް ބުނެ އިންޒާރުދީފައިވާ ކަމަށާއި، 2013 ވަނަ އަހަރުގެ މެދަކާ ހިސާބުން ފެށިގެން ގަޑިޖެހޭ ދުވަސްތަކާއި މަސައްކަތަށް ހާޒިރުނުވާ ދުވަސްތަކުގެ ފައިސާ ނަގަމުންދާކަމަށާއި، މިކަމުގައި ކައުންސިލްގެ ރައީސް ބައިވެރިވާކަމަށް ބުނެ މިކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ މިކޮމިޝަނުން ތަޙުޤީޤުކޮށް ބެލުމަށްފަހު މައްސަލަ ނިންމި ގޮތް ތިރީގައި މިވަނީއެވެ.
1. މިމައްސަލައިގެ ތަޙްޤީގުގައި ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، 25 ޑިސެމްބަރ 2012 ގައި ޤާނުނު އަސާސީގެ 102 ވަނަ މާއްދާއާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 100ވަނަ މާއްދާގެ (ހ)ގެ 10 ގެ ދަށުން މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރައިގެ އޮނިގަނޑު މާއްލިއްޔަތު ކޮމިޓީއިން އަލުން މުރާޖަޢާ ކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓާގުޅިގެން، 10 ޑިސެމްބަރ 2013ގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީ ނެރުނު ސާރކިއުލަރއިން “ކައުންސިލަރުންގެ މުސާރައިން އުނިކުރުމާއި ގުޅޭ އުޞޫލު” ގައި ވެސް ކައުންސިލަރުން ވަޒީފާއަށް ގަޑިޖެހިގެން ހާޒިރުވުމުންނާއި، ވަޒީފާއަށް ނުނިކުންނަ ދުވަސްތަކުގައި، ނުވަތަ ސަލާންބުނާ ދުވަސްތަކުގައި އަމަލުކުރަން ކަނޑައަޅާފައިވަނީ އެއްއުސޫލަކުންކަމަށް ވީނަމަވެސް، އެއުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވާކަމާއި، 2013 ވަނަ އަހަރުގެ އޮގަސްޓް 11 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް ރ.މާކުރަތު ކައުންސިލްގެ ކުރީގެ މެންބަރަކު ވަޒީފާއަށް ހާޒިރުވެފައިނުވާ ދުވަސްތަކަށް، ރަށުކައުންސިލްތަކުގެ ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތިން ސަލާމް ބުނާދުވަސްތަކުގެ އަދަދު ވިދިވިދިގެން 2 ދުވަހަށްވުރެ ގިނަވުމުން ހުށަހަޅަންޖެހޭ ރަޖިސްޓްރީ ކޮށްފައިވާ ޞިއްޚީ މަސައްކަތްތެރިއަކު މުއްދަތު ބަޔާންކޮށް ދޫކޮށްފައިވާ މެޑިކަލް ސެޓްފިކެޓް ހުށަހަޅާފައި ނުވަނީސް، އެމުއްދަތަށް ގަވާއިދާއި ޚިލާފަށް މުސާރާ ނަގާފައިވާކަމާއި،

އެމެމްބަރު އޭނާގެ ވަޒީފާ ބޭނުންކޮށްގެން ނުވަތަ މަޤާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިފައިވާކަން ތަގުޤީގަށް ލިބިފައިވާ ހެކިތަކުން ސާބިތުވާތީ، ޤާނޫން ނަންބަރު 2008/13، (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫން) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއް ކަމަށް ކަނޑައަޅައި، މިމައްސަލައިގައި ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން، މަތީގައި ދެންނެވުނު ރ.މާކުރަތު ކައުންސިލްގެ ކުރީގެ މެމްބަރުގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ކުށުގެ ދަޢުވާކުރުމަށްޓަކައި މި މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.

2. އަދި، މިދެންނެވުނު މެމްބަރު ވަޒީފާއަށް ހާޒިރުވެފައިނުވާ ދުވަސްތަކަށް، ރަށުކައުންސިލްތަކުގެ ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތިން ސަލާމް ބުނާދުވަސްތަކުގެ އަދަދު ވިދިވިދިގެން 2 ދުވަހަށްވުރެ ގިނަވުމުން ހުށަހަޅަންޖެހޭ ރަޖިސްޓްރީ ކޮށްފައިވާ ޞިއްޚީ މަސައްކަތްތެރިއަކު މުއްދަތު ބަޔާންކޮށް ދޫކޮށްފައިވާ މެޑިކަލް ސެޓްފިކެޓް ހުށަހަޅާފައި ނެތި އެމުއްދަތަށް މުސާރަނަގާފައިވަނީ ގަވާއިދާ ޚިލާފަށްކަން ތަހުޤީގަށް ސާބިތުވެފައިވާތީއާއި،
ވަޒީފާއަށް ހާޒިރުވެފައި ނުވާ ދުވަސްތަކަކަށް އެމެމްބަރަށް މުސާރަލިބޭ ގޮތަށް މުސާރަ ޝީޓް ތައްޔާރުކުރެވިފައި ވުމުން އެމުސާރަ ޝީޓްގައި ސޮއި ކުރުމަށް، މާކުރަތު ކައުންސިލް އިދާރާގެ މުސާރަ ޝީޓް އާންމުކޮށް ތައްޔާރުކޮށް ޗެކް ކުރާ މުވައްޒަފު ދެކޮޅު ހެދުމުން އެމަހުގެ މުސާރަ ޝީޓްގައި ސޮއި ކޮށްފައިވަނީ ހުއްދަދެއްވި ވެރިއެއްގެ ހައިސިއްޔަތުން ކައުންސިލްގެ އޭރުގެ ނައިބު ރައީސް ކަމަށްވުމުން، މިކަމަކީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި މީހަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ޢަމަލެއްކަމަށް މިކޮމިޝަންގެ ތަހުޤީގަށް ސާބިތުވާތީ، ޤާނޫން ނަންބަރު 2008/13، (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫން) ގެ 25ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމުގައި ކަނޑައަޅައި، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12ވަނަ މާއްދާގެ (ހ)ގެ ދަށުން، ރ.މާކުރަތު ކައުންސިލްގެ ކުރީގެ ނާއިބު ރައީސްގެ މައްޗަށް މަޤާމުގެ ނުފޫޒުބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ކުރުމަށްޓަކައި މިމައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×