ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްއިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއަށް ސަޕްލައިކޮށްދިނުމަށް އެއްބަސްވެފައިވާ ޓަގު ބޯޓުގެ މައްސަލައިގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން އަންގާފައިވާ އެންގުމަކީ ހެޔޮ ނިޔަތެއް ނެތި، ޤާނޫނުން ލިބިދޭ ބާރުގެ ދާއިރާއިން ބޭރުން ޒިންމާދާރުކަމެއް ނެތި އަންގާފައިވާ އެންގުމެއްކަން ޝަރީޢަތަށް ސާބިތުނުވާކަމަށް ޙުކުމްކޮށްފި

10 Nov 2015

މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ޓަގްބޯޓެއް ގަތުމަށް ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ކުރަމުންދިޔަ މަސައްކަތާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުނު ޝަކުވާއަކާ ގުޅިގެން އެ މައްސަލަ ތަޙުޤީޤުކޮށް ބެލިބެލުމުން އެއްބަސްވުމާ އެއްގޮތަށް އެ މަސައްކަތް ސެންޓަރ އެންޓަރޕްރައިސަސްއިން ކުރަމުންނުދާކަން ފާހަގަކުރެވިފައިވާތީ، ޓަގުބޯޓުގެ މަސައްކަތް މުޅިން ނިމި އެ ބޯޓު އެމް.ޕީ.އެލް އާ ޙަވާލުކުރުމުގެ ކުރިން އެ މަސައްކަތަށް އިތުރު ފައިސާ ދޫނުކުރުމަށް 17 ޖެނުއަރީ 2012 ގައި އެމް.ޕީ.އެލް އަށް އޭ.ސީ.ސީ އިން އަންގާފައިވެއެވެ.
މި އެންގުން އޭސީސީއިން އަންގާފައިވަނީ، އޭސީސީއިން ތަޙުޤީޤުކުރަމުންދިޔަ މައްސަލައަށާއި، ސެންޓަރ އެންޓަރޕްރައިސަސް ޕވޓ ލޓޑ އިން އެމް.ޕީ.އެލް އަށް 17 ޓަނުގެ ބޮލާޑް ޓަގް ބޯޓެއް ސަޕްލައިކޮށްދިނުމަށް 18 ނޮވެމްބަރ 2008 ގައި އެއްބަސްވުމުގައި ސޮއިކުރީއްސުރެން އެހާތަނަށް ސެންޓަރ އެންޓަރޕްރައިސަސްއާއި އެމް.ޕީ.އެލް އާ ދެމެދު ކޮށްފައިވާ މުޢާމަލާތްތަކަށް ރިޢާޔަތްކޮށެވެ.
ނަމަވެސް، މި އެންގުމާ ގުޅިގެން، ސެންޓަރ އެންޓަރޕްރައިސަސް ޕވޓ ލޓޑ އަށް ދޭންޖެހޭ ފައިސާ ދިނުމާއި، އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުން އޭ.ސީ.ސީ އިން ހުއްޓުވައި، އަދި އެ ކުންފުންޏަށް މަސައްކަތް ފުރިހަމަ ނުކުރެވޭނެކަން ދޭހަވާ ފަދަ ގޮތަކަށް ޢާއްމުކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޙަޤީޤަތާ ޚިލާފަށް މަޢުލޫމާތު ހާމަކޮށްފައިވާކަމަށް ބަޔާންކުރުމުގެ ސަބަބުން ސެންޓަރ އެންޓަރޕްރައިސަސް ޕވޓ ލޓޑގެ ވިޔަފާރިއަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި 85,913,266/94 (އަށްޑިހަފަސްމިލިއަން ނުވަސަތޭކަތޭރަހާސް ދުއިސައްތަފަސްދޮޅަސްހައެއް ރުފިޔާ ނުވަދިހަ ހަތަރުލާރި) ހޯދުމަށާއި، އޭ.ސީ.ސީ އިން އެންގި އެންގުމަކީ އޭ.ސީ.ސީއަށް ލިބިދީފައިވާ ޤާނޫނީ ބާރުގެ ބޭރުން އަންގާފައިވާ އެންގުމެއްކަމަށް ބުނެ، 21 އޭޕްރީލް 2013 ގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މައްޗަށް ސެންޓަރ އެންޓަރޕްރައިސަސް ޕވޓ ލޓޑ އިން ދަޢުވާކުރުމުން، ސިވިލް ކޯޓުން ބަލާފައިވާ އެ ކޯޓުގެ ނަންބަރު 832/Cv-C/2013 ޤަޟިއްޔާ ގައި، އެމް.ޕީ.އެލް އާއި ސެންޓަރ އެންޓަރޕްރައިސަސް ޕވޓ ލޓޑއާ ދެމެދު ވެފައިވާ އެއްބަސްވުމުގައިވާ ގޮތަށް އެ މަސައްކަތް ނުނިމި ދެފަރާތުގެ މެދުގައި ދެބަސްވުމެއް އުފެދިފައިވަނިކޮށް، ޓަގްބޯޓް ބަނުމުގެ މަސައްކަތް މުޅިން ނިމި އެ ބޯޓު މޯލްޑިވްސް ޕޯޓްސް ލިމިޓެޑާ ޙަވާލުކުރުމުގެ ކުރިން އެ މަސައްކަތަށް އިތުރު ފައިސާ ދޫނުކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަންއިން 17 ޖެނުއަރީ 2012 ގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް އަންގާފައިވާ އެންގުމަކީ ހެޔޮ ނިޔަތެއް ނެތި، ޤާނޫނުން ލިބިދޭ ބާރުގެ ދާއިރާއިން ބޭރުން، ޒިންމާދާރުކަމެއް ނެތި އަންގާފައިވާ އެންގުމެއްކަން ޝަރީޢަތަށް ސާބިތުނުވާކަމަށް ޙުކުމް ކޮށްފައިވެއެވެ. މި ޤަޟިއްޔާގެ ޙުކުމް ކޮށްފައިވަނީ 21 އޮކްޓޯބަރ 2015 ގައެވެ.
މި މައްސަލައިގައި ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްއިން ހޯދުމަށް ދަޢުވާކޮށްފައިވާ ގެއްލުމުގެ ބަދަލުގެ ބައި އެ ކުންފުނިން ފަހުން ވަނީ ދޫކޮށްލާފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×