ޤަވާޢިދާ ޚިލާފަށް ދެއުޅަނދެއްގެ ސަލާމަތީ ސެޓްފިކެޓް ހަދާދީފައިވާތީ، ތ.ތިމަރަފުށީ ކައުންސިލްގެ ކުރީގެ ރައީސްގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށްޓަކައި ފޮނުވައިފި.

10 Nov 2015

ކަނޑުދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ސެޓްފިކެޓުގެ މުއްދަތު ހަމަވުމުން ނަގަންޖެހޭ ޖޫރިމަނާ ފައިސާ ނުނަގައި ތިމަރަފުށީ ކައުންސިލްގެ ރައީސްގެ ނުފޫޒާއި ބާރުން ދެ ދޯންޏެއްގެ ސަލާމަތާބެހޭ ސެޓްފިކެޓް ހަދާދީފައިވާ ކަމަށާއި، މީގެތެރެއިން އެއް ދޯނީގެ ސަލާމަތާބެހޭ ސެޓްފިކެޓް ހަދާދީފައިވަނީ އުޅަނދު ރަށުގައި ނެތީސްކަމަށް ބުނެ ހުށަހެޅި މައްސަލަ މިކޮމިޝަނުން ތަޙުޤީޤުކޮށް ބެލުމަށްފަހު މައްސަލަ ނިންމިގޮތް ތިރީގައި މިވަނީއެވެ.
މިމައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، މިމައްސަލައިގެ ޝަކުވާގައި ބަޔާންކޮށްފައިވާ ދެ ދޯނީގެ ސަލާމަތާބެހޭ ސެޓްފިކެޓް ހެއްދުމަށް ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާއަށް ހުށަހަޅާފައިނުވަނީސް، އެ ދެ އުޅަނދުގެ ސަލާމަތާބެހޭ ސެޓްފިކެޓް ހެއްދުމަށް އެއިދާރާއަށް ހުށަހަޅާފައިވާކަމުގެ ލިޔުމެއް އެއިދާރާގެ ރައީސް ސޮއިކޮށް، އެއިދާރާއިން ދޫކޮށްފައި ވުމާއި،
އުޅަނދުގެ ސަރވޭ ކުރުމަކާއިނުލައި ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ ރައީސް އެދެދޯންޏަށް ސަލާމަތާބެހޭ ސެޓްފިކެޓް ހައްދާދީފައި ވާތީއާއި،
އެދެދޯނީގެ ސަލާމަތީ ކަންތައްތަކާބެހޭ ސެޓިފިކެޓް ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާއިން ހައްދާދިނުމުގައި “ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރުމާއި ކަނޑުދަތުރުފަތުރުކުރާ އުޅަނދުފަހަރާބެހޭ ގަވާއިދު” ގެ 11.4 އަދި 11.5 ވަނަ މާއްދާގެ ދަށުން އެދެއުޅަނދަށް ނަގަންޖެހޭ ޖޫރިމަނާ ފައިސާ ނެގުމަކާނުލައި އެދެދޯނީގެ ސަލާމަތާބެހޭ ސެޓްފިކެޓް ހައްދާދީފައި ވާތީއާއި،
ކޮޅުމަޑުލު އަތޮޅު ކައުންސިލް އިދާރާއިން ކަނޑުދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ސެޓްފިކެޓް ހެއްދުމުގެ މަސައްކަތް ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލް އިދާރާއަށް ޙަވާލުކޮށްފައިވަނީ 30 އޭޕްރީލް 2013 ވަނަދުވަހު ކަމަށްވާއިރު، އެތާރީޚުގެ ކުރިން 2012 ވަނައަހަރު ތެރޭގައި ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލުން މަތީގައި ދެންނެވުނު ދެދޯނީގެ ސަލާމަތާބެހޭ ސެޓްފިކެޓް ހައްދައިދީފައިވާތީއާއި، އެކަން ކޮށްފައިވަނީ ސަލާމަތާބެހޭ ސެޓްފިކެޓް ހެއްދުމުގެ މަސައްކަތްކުރަމުން ދިޔަ ކޮޅުމަޑުލު އަތޮޅު ކައުންސިލުން، ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލަށް އެހުއްދަ ދޫކުރުމުގެ ކުރިންކަން ލިޔެކިޔުންތަކުންނާއި މިމައްސަލައިގައި ތަޙްޤީޤަށް ބަޔާން ދީފައިވާ ފަރާތްތަކުގެ ބަހުން އެނގޭތީއާއި،
އެދެދޯނީގެ ސަލާމަތާބެހޭ ސެޓްފިކެޓް ހައްދައިދީފައިވަނީ، ސަލާމަތާބެހޭ ސެޓްފިކެޓް ހައްދައިދިނުމުގެ ޤާނޫނީބާރުވެރިކަން ނެތި، ގަވާއިދާ ޚިލާފަށްކަމަށް މިކޮމިޝަންގެ ތަޙްޤީޤަށް ފާހަގަކުރެވިފައިވާތީ، ޤާނޫނު ނަންބަރު 13/2008 (އެންޓިކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން މިމައްސަލައަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމުގައި ކަނޑައަޅައި، ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12ވަނަ މާއްދާގެ (ހ)ގެ ދަށުން ތ.ތިމަރަފުށީ ކައުންސިލްގެ ކުރީގެ ރައީސްގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށް މިމައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.
އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރުމާއި ކަނޑުދަތުރުފަތުރުކުރާ އުޅަނދުފަހަރާބެހޭ ގަވާއިދުގެ 11.4 އަދި 11.5 ވަނަ މާއްދާގައި، ކަނޑު ދަތުރުފަތުރު ކުރާ އުޅަނދުފަހަރުގެ ސަލާމަތާއިބެހޭ ސެޓްފިކެޓް ހެއްދުމަށް ހުށަހަޅާއިރު އެ ސެޓްފިކެޓްގެ މުއްދަތު ހަމަވެފައިވާނަމަ ޖޫރިމަނާ ނަގަންޖެހޭނެކަމަށް ބަޔާންކޮށްފައި އޮތްނަމަވެސް، ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާއިން އެއްވެސް ޖޫރިމަނާ ފައިސާއެއް ނެގުމަކާއިނުލައި މަތީގައި ދެންނެވުނު ދެއުޅަނދުގެ ސަލާމަތީ ކަންތައްތަކާބެހޭ ސެޓިފިކެޓް ހަދާދީފައިވާތީ، މިކަމަކީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް ޢަމަލުކުރުން ކަމުގައި ނިންމައި، މި މައްސަލައިގައި، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުން ތ.ތިމަރަފުށީ ކައުންސިލްގެ އިދާރާގެ ކުރީގެ ރައީސްގެ މައްޗަށް ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާ ޝަރީޢަތަށް ހުށަހެޅުމަށްޓަކައި މިމައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.
އަދި، ގެ މި ޢަމަލުގެ ސަބަބުން ދަޢުލަތަށް ގެއްލުންވެފައިވާ ފައިސާ އަނބުރާ ދަޢުލަތަށް ހޯދުމުގެ މައްސަލަވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×