މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން 2012 ވަނަ އަހަރު ހިންގާފައިވާ އިމާމުން ތާޒާކުރުމުގެ ކޯހުގައި ބައިވެރިކުރުމަށް، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް މަސައްކަތްކޮށްފައިވާތީ، ނ.ވެލިދޫ ކައުންސިލްގެ އޭރުގެ ރައީސް އާއި އެކައުންސިލްގެ އޭރުގެ ޒިންމާދާރުވެރިޔާގެ މައްޗަށް ދަޢުވާކުރުމަށްޓަކައި ފޮނުވައިފި.

12 Nov 2015

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ނޮވެމްބަރ 2012 ގައި ހިންގާފައިވާ އިމާމުން ތާޒާކުރާ ކޯހަށް ވެލިދޫ ކައުންސިލްގެ އިދާރާގެ އިމާމު ފޮނުވާފައި ނުވަނީ ވެލިދޫ ކައުންސިލްގެ ރައީސާއި އެ އިދާރާގެ ޒިންމާދާރުވެރިޔާގެ ފަސާދައިގެ ޢަމަލެއްގެ ސަބަބުންކަމަށް ބުނާ މައްސަލަ މިކޮމިޝަނުން ތަޙުޤީޤުކޮށް ބެލުމަށްފަހު މައްސަލަ ނިންމި ގޮތް ތިރީގައި މިވަނީއެވެ.
މިމައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ކީރިތި ޤުރުއާނާއިބެހޭ މަރުކަޒާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގުޅިގެން، 30 އޮކްޓޫބަރު 2012 އިން ފެށިގެން 01 މަސްދުވަހުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ އިމާމުން ތާޒާކުރާ ކޯހުގައި ބައިވެރިކުރާގޮތަށް ހަމަޖެހިފައިވަނީ، އިމާމުކަމުގެ ވަޒީފާގައި ތިބި ފަރާތްތަކުގެ ތެރެއިން 2010 ވަނަ އަހަރުން ފެށިގެން ހިންގި އިމާމުން ތާޒާކުރާ ކޯސްތަކުގައި ބައިވެރިނުވާ އަދި އިމާމުކަމުގެ ކޯސް ފުރިހަމަކުރިތާ 03 އަހަރު ވެފައިވާ އިމާމުންކަން، މިކަމާގުޅިގެން ނ.އަތޮޅު ކައުންސިލްގެ އިދާރާއިން ފޮނުވާފައިވާ ފެކްސް މެސެޖުން އެނގޭކަމާއި، އިމާމުން ތާޒާކުރާ ކޯހަށް މީހަކު ފޮނުވުމަށް ނ.އަތޮޅު ކައުންސިލްގެ އިދާރާއިން އެދުމުން، ނ.ވެލިދޫ ކައުންސިލްގެ އިދާރާއިން އެކަމުގައި ޢަމަލުކޮށްފައިވަނީ އަތޮޅު ކައުންސިލްގެ އިދާރާއިން އެދިފައިވާ ގޮތަށް ނޫންކަން، އަތޮޅު ކައުންސިލްގެ އިދާރާއިން ފޮނުވާފައިވާ ސިޓީން އެނގޭކަމާއި، ވަޒީފާގައި ތިބޭ އިމާމުންގެ ތެރެއިން އެއްވެސް ފަހަރަކު އިމާމުން ތާޒާކުރާ ކޯސް ނުހަދާ ކޮންމެ ފަރާތަކީ އެކޯހަށް ޝަރުޠުހަމަވާ ފަރާތެއްކަން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްގެ ސިޓީން އެނގޭކަމާއި، އިމާމުން ތާޒާކުރާ ކޯހުގެ ބައިވެރިންގެ ޙާޟިރީގައި، އެއްވެސް މުދިމެއް ބައިވެރިކުރިކަން އެނގެން ނެތްކަމާއި، ނ.ވެލިދޫގައި އިމާމުންގެ ގޮތުގައި 03 ފަރާތުން މަސައްކަތްކުރާކަން ތަޙްޤީޤްގައި ސުވާލުކުރެވުނު ފަރާތްތަކުގެ ބަޔާންތަކުން އެނގޭކަމާއި، އޭގެތެރެއިން މިކޯހަށް ޝަރުޠު ހަމަވަނީ 02 އިމާމުންކަމާއި، އެ ދެއިމާމުންގެ ތެރެއިން އެކަކު ޗުއްޓީގައި ހުރުމުން ދެން އެކޯހަށް ޝަރުޠު ހަމަވަނީ އަނެއް އިމާމުކަމާއި، އެއިމާމު އެދުވަސްވަރު ހުރީ ޗުއްޓީގައި ނޫންކަން ނ.ވެލިދޫ ކައުންސިލްގެ އިދާރާގެ 2012 ވަނަ އަހަރުގެ މުވައްޒަފުންގެ ޙާޟިރީ ރިޕޯޓުން އެނގޭކަމާއި، ނ.ވެލިދޫ ކައުންސިލްގެ އިދާރާއިން އިމާމުން ތާޒާކުރާ ކޯހަށް ފޮނުވި ފަރާތަކީ މުދިމެއް ކަމަށްވާތީއާއި، އެކޯހަކީ ހަމައެކަނި އިމާމުންނަށް ބޭއްވި ކޯހެއްކަމަށްވާތީ، އެފަރާތް އެކޯހުގައި ބައިވެރިކުރެވިފައި ނުވާކަން އެނގޭކަމާއި، އެކޯހަށް ޝަރުޠުހަމަވެފައި، އެފަހަރު އެ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ލިބެންވީ ފަރާތަށް އެފުރުޞަތު ގެއްލިފައިވަނީ އޭރުގެ ނ.ވެލިދޫ ކައުންސިލްގެ ރައީސް އާއި ޒިންމާދާރުވެރިޔާގެ މަޤާމުގެ ނުފޫޒުންކަން ތަޙްޤީޤަށް ލިބިފައިވާ ހެކިތަކުން އެނގެން އޮތަތީ، ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނުނު) ގެ 25 ވަނަ މާއްދާގެ (ހ)ގެ 2 ވަނަ ނަންބަރުގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، މިމައްސަލައިގައި އޭރުގެ ނ.ވެލިދޫ ކައުންސިލް އިދާރާގެ އޭރުގެ ރައީސް އާއި އެކައުންސިލުގެ އޭރުގެ ޒިންމާދާރުވެރިޔާ، ޤާނޫނު ނަންބަރު 02/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު)ގެ 12 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ފަދަ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށެއް ކުރަން އުޅުނުކަމަށް ތަޙްޤީޤަށް ފާހަގަކުރެވިފައިވާތީ، އެދެފަރާތުގެ މައްޗަށް، ޤާނޫނު ނަންބަރު 02/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު)ގެ 23 ވަނަ މާއްދާގެ ދަށުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށެއް ކުރަން އުޅުނުކަމުގެ ދަޢުވާ ކުރުމަށްޓަކައި މިމައްސަލަ ޕްރޮސެކިއުޓަރ ޖެނެރެލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×