މި އަހަރުގެ ފުރަތަމަ 6 މަސް ދުވަހު 389 މައްސަލަ ނިންމައިފި

15 Nov 2015

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި 389 މައްސަލަ ވަނީ ބަލާ ނިންމާފައެވެ. އެއީ، 2014 ވަނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހާ އަޅާ ބަލާއިރު 12 އިންސައްތައިގެ ކުރިއެރުމެކެވެ. 2014 ވަނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ކޮމިޝަނުން ބަލާ ނިންމާފައިވަނީ 348 މައްސަލައެވެ.
މި އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ކޮމިޝަނުން ބަލާ ނިންމި މައްސަލަތަކުގެ ތެރެއިން ޝަރީޢަތަށް ހުށަހެޅުމަށް ކޮމިޝަނަށް ފެންނަ 12 މައްސަލައެއް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާއިރު 2014 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ޝަރީޢަތަށް ހުށަހެޅުމަށް 15 މައްސަލައެއް ޕްރޮސެކިއުޓަރ ޖެނެރަލް ގެ އޮފީހަށް ފޮނުވާފައިވެއެވެ.
މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ބަލާ ނިންމި މައްސަލަތަކުގެ ތެރެއިން އެކަށީގެންވާ ވަރަށް ހެއްކާއި ޤަރީނާ ލިބެންނެތިގެން 329 މައްސަލައެއްވަނީ ކޮރަޕްޝަންގެ ޢަމަލެއް އެކުލެވިފައިވާ ކަމަށް ސާބިތު ކުރެވެން ނެތްކަމަށް ނިންމާފައެވެ. 2014 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި 292 މައްސަލައެއް އެކަށީގެންވާ ހެއްކާއި ޤަރީނާ ނެތިގެން ކޮރަޕްޝަންގެ ޢަމަލެއް އެކުލެވިފައި ވާކަމަށް ސާބިތު ކުރެވެން ނެތްކަމަށްވަނީ ނިންމާފައެވެ.
ކޮމިޝަނުން މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ބަލާ ނިންމި މައްސަލަތަކާ ގުޅިގެން ދައުލަތުގެ އެކި އިދާރާތަކަށް 125 އިދާރީ މައްސަލަ އިޞްލާޙް ކުރުމަށް އަންގާފައިވާއިރު 2014 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި 84 ކަމެއް އިޞްލާޙް ކުރުމަށް ދައުލަތުގެ އެކި އިދާރާތަކަށްވަނީ އަންގާފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×