މުދަލުގެ ޒަކާތުގެ ގޮތުގައި ކ.ގުޅީ ކައުންސިލްގެ އިދާރާއަށް ބަލައިގެންފައިވާ ފައިސާއާގުޅޭ ކޮރަޕްޝަންގެ މައްސަލައަކާގުޅިގެން، ކ.ގުޅީ ކައުންސިލް އިދާރާގެ ކުރީގެ ނާއިބު ރައީސްގެ މައްޗަށް ދަޢުވާ ކުރުމަށްޓަކައި ފޮނުވައިފި.

15 Nov 2015

ކ.ގުޅީން 2013 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ކައުންސިލްގެ އިދާރާއަށް ބަލައިގަނެފައިވާ ބައެއް ފައިސާ ތިޖޫރީއަށް ވައްދާފައިނުވާ ކަމަށާއި، ކައުންސިލުން މުދަލު ޒަކާތުގެ ގޮތުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އަށް ފޮނުވާފައިވާ ފައިސާގެ ތެރޭގައިވެސް މިދެންނެވުނު ފައިސާ ނުހިމެނޭކަން ފާހަގަކުރެވޭ ކަމަށާއި، ކައުންސިލްގެ ‘އެކިއެކި ފަރާތްތަކާ ޙަވާލުކުރުމަށް މުވައްޒިފުންނާ ފައިސާ ޙަވާލުކުރާ’ ފޮތުން އެފައިސާ އޭރު ތިޖޫރީއާ ޙަވާލުވެހުރި ކައުންސިލްގެ ނައިބުރައީސް އާ ޙަވާލުކޮށްފައިވާކަން އެނގޭކަމަށް ބުނާ މައްސަލަ މިކޮމިޝަނުން ތަޙުޤީޤުކޮށް ބެލުމަށްފަހު މައްސަލަ ނިންމިގޮތް ތިރީގައި މިވަނީއެވެ.
1. މިމައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، “މުދަލު ޒަކާތް ބަލައިގަނެފައިދޭ ރަސީދު” އިން ބަލައިގެންފައިވާ ބައެއް ފައިސާ ކ.ގުޅީ ކައުންސިލްގެ އިދާރާއަށް ބަލައިގަތުމަށްފަހު ‘ދުވަހު ފޮތަށް’ އަރުވާފައިނުވިނަމަވެސް، ތިޖޫރީއަށް ލުމަށް އެދުވަސްވަރު ތިޖޫރީ އާ ޙަވާލުވެހުރި، ކ.ގުޅީ ކައުންސިލްގެ ކުރީގެ ނާއިބު ރައީސް އާ ޙަވާލުކުރުމުން އެ ފައިސާ ލިބުނުކަމަށް ކ.ގުޅީ ކައުންސިލްގެ އިދާރާގެ “އެކިއެކި ފަރާތްތަކާ ޙަވާލުކުރުމަށް މުވައްޒަފުންނާ ފައިސާ ޙަވާލުކުރާ” އެފޮތުގައި އެފަރާތުން ސޮއިކޮށްފައިވާކަމާއި، އެސޮޔަކީ އެ ފައިސާ އާ ޙަވާލުވިކަމަށް ކ.ގުޅީ ކައުންސިލްގެ ކުރީގެ ނާއިބު ރައީސް ކޮށްފައިވާ ސޮއެއްކަމަށް އެފަރާތުން ބުނެފައިވާކަމާއި، ތިޖޫރީއަށް ލުމަށް އެފައިސާ ޙަވާލުކޮށްފައިވީނަމަވެސް، އެ ފައިސާ ތިޖޫރީއަށް ލާފައިވާކަން “ތިޖޫރީގައިހުރި ފައިސާގެ ހަފްތާގެ ހިސާބު” ފޮތުން އަދި “ތިޖޫރީ ބާކީ” ފޮތް ނުބަލަހައްޓާތީ އެފޮތުން އެނގެން ނެތްކަމާއި، ކ.ގުޅީ ކައުންސިލްގެ އިދާރާ އިން 1433 ވަނަ އަހަރާއި 1434 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ކ.ގުޅީ ކައުންސިލްގެ އިދާރާއަށް ބަލައިގަނެފައިވާ ފައިސާ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އަށް ފޮނުވާފައިވާއިރު، އޭގެ ތެރޭގައި ކުރިން މިދެންނެވުނު ފައިސާ ނުހިމެނޭކަމާއި، އެފައިސާ ތިޖޫރީގައި ހުރިކަމަށް “ތިޖޫރީގައި ހުރި ފައިސާގެ ހަފްތާގެ ހިސާބު” ފޮތުން ނުދައްކަނީ އެފައިސާ ދުވަހުފޮތަށް އަރުވާފައިނުވާތީކަމާއި، އަދި އެފައިސާ ތިޖޫރީއަށް ލާފައިނުވާތީކަން މިކޮމިޝަންގެ ތަޙްޤީޤަށް އެނގިފައިވާތީއާއި،
2. ކ.ގުޅީ ކައުންސިލްގެ އިދާރާއަށް ބަލައިގަނެފައިވާ ފައިސާ ތިޖޫރީއަށް ލުމަށް އެދުވަސްވަރު ތިޖޫރީ އާ ޙަވާލުވެހުރި ގުޅީ ކައުންސިލްގެ ކުރީގެ ނާއިބު ރައީސް އާ ޙަވާލުކުރިފަހުން އެ ފައިސާ ތިޖޫރީއަށް ލީކަން އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފްއަރޒްއަށް ފޮނުވިކަން އެނގެން ނެތްއިރު، އެ ފައިސާ އާ ޙަވާލުވުމަށްފަހު އެ ފައިސާ އާމެދު އެފަރާތުން ޢަމަލުކޮށްފައިވަނީ ކިހިނެއްކަން އެނގެން ނެތުމުންނާއި އަދި، މިކަމުގައި ކ.ގުޅީ ކައުންސިލްގެ އޭރުގެ ނާއިބު ރައީސް އޭނާގެ މަޤާމުގެ ނުފޫޒު ބޭނުން ކޮށްގެން ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގައި އެނޫން ގޮތަކަށް ޢަމަލުކޮށްފައިވާތީ، މި މައްސަލައަކީ ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައިވާ ފަދައިން ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއް ކަމަށް ކަނޑައަޅައި، ކ.ގުޅީ ކައުންސިލްގެ ކުރީގެ ނާއިބު ރައީސްގެ މައްޗަށް ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާ ގެ ދަށުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމުގެ ކުށުގެ ދަޢުވާ އަދި 13 ވަނަ މާއްދާ ގެ ދަށުން ދައުލަތަށް ފައިދާއެއް ވާންއޮތް ކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ދަޢުވާ ޝަރީޢަތަށް ހުށަހެޅުމަށްޓަކައި މިމައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަން ނިންމީއެވެ.
3. އަދި، މަތީގައި ދެންނެވުނު ކ.ގުޅީ ކައުންސިލްގެ އިދާރާއަށް ބަލައިގަނެފައިވާ ފައިސާ އަކީ ދައުލަތަށް ލިބެންޖެހޭ ފައިސާ ކަމަށްވާތީ، އެ ފައިސާ އަނބުރާ ދައުލަތަށް ހޯދުމަށް ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން ކ.ގުޅީ ކައުންސިލްގެ އިދާރާއަށް ވަނީ އެންގިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×