ޔޫ.އެން ކޮންވެންޝަން އެގެއިންސްޓް ކޮރަޕްޝަންއާ ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ދިވެހިރާއްޖެއާ ބެހޭ ކަންޓްރީ ރިވިއު ރިޕޯޓުގެ އެގްޒެކެޓިވް ސަމަރީ ޝާއިޢުކޮށްފި

15 Nov 2015

ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް ކޮރަޕްޝަން (އުންކެކް) ގެ 3 ވަނަ ބާބު އާއި 4 ވަނަ ބާބު ގައި ބަޔާންކޮށްފައިވާ ކަންތައްތައް ދިވެހިރާއްޖޭގައި ތަންފީޒުކުރެވެމުންދާގޮތް ދެނެގަނެ، ރިވިއުކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޤާނޫނީ އޮނިގަނޑު އެސެސްކުރުމުގެ މަސައްކަތް ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ) އިން ވަނީ ފުރިހަމަކޮށްފައެވެ.
އަދި މި އެސެސްމަންޓާ ގުޅޭގޮތުން ޔޫ.އެން.އޯ.ޑީ.ސީއިން އެކުލަވާލަމުންދާ ކަންޓްރީ ރިވިއު ރިޕޯޓުގެ އެގްޒެކެޓިވް ސަމަރީ ވަނީ މި ހިނގާ ނޮވެންބަރު މަހުގެ 3 އިން 5 އަށް ރަޝިޔާގެ ސެއިންޓް ޕީޓަސްބަރގްގައި ކުރިއަށް ދިޔަ އުންކެކްގެ 6 ވަނަ ކޮންފަރެންސް އޮފް ދަ ސްޓޭޓްސް ޕާޓީޒް ގައި ބަލައިގަނެފައެވެ. މި އެގްޒެކެޓިވް ސަމަރީ ވަނީ ޔޫ.އެން.އޯ.ޑީ.ސީގެ ވެބްސައިޓްގައި ޝާއިޢުކޮށްފައެވެ.
މި އެގްޒެކެޓިވް ސަމަރީގައި، އުންކެކްގެ 3 ވަނަ ބާބާއި 4 ވަނަ ބާބު ދިވެހިރާއްޖޭގައި ތަންފީޒުކުރުމުގައި ފާހަގަކުރެވިފައިވާ ކަންތައްތަކާއި، ދިވެހިރާއްޖޭގެ ޤާނޫނީ އޮނިގަނޑުގެ ތެރެއިން ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، އެ ކަންކަން ޙައްލު ކުރެވިދާނެ ގޮތްތައް ޚުލާޞާކޮށް ބަޔާންކޮށްފައިވެއެވެ. އުންކެކްގެ 3 ވަނަ ބާބުގައި ބަޔާންކޮށްފައިވަނީ ކުށް ކަނޑައެޅުމާއި ބެހޭ މާއްދާތަކެވެ. 4 ވަނަ ބާބުގައި ބަޔާންކޮށްފައިވަނީ ބައިނަލްއަގްވާމީ އެހީތެރިކަމާ ގުޅުންހުރި މާއްދާތަކެވެ.
އުންކެކްއާ ގުޅޭ މި ދިރާސާ ކުރިއަށް ގޮސްފައިވަނީ މުޢާހަދާގައިވާ ތަންފީޒު ކުރެވެނީ ކިހާމިންވަރަކަށްތޯ ދިރާސާކުރުމަށްޓަކައި މުޢާހަދާގެ ބައިވެރިން ބަލައިގަނެފައިވާ ނިޒާމު، [ރިވިއު އޮފް އިމްޕްލިމެންޓޭޝަން އޮފް އުންކެކް] ގެ ދަށުންނެވެ.
އެގޮތުން، މި މަސައްކަތުގައި ދިވެހިރާއްޖެއިން ފޯރުކޮށްދޭންޖެހޭ މަޢުލޫމާތުތަކުގެ މަސައްކަތް 2013 ވަނަ އަހަރުގެ ތެރޭގައި ނިންމައި ޔޫ.އެން.އޯ.ޑީ.ސީއާ ޙިއްޞާކުރެވިފައިވެއެވެ. އަދި ޔޫ.އެން.އޯ.ޑީ.ސީ ގެ ތަޖްރިބާކާރުންނާއި ދިވެހިރާއްޖޭގެ ރިވިއުގައި ބައިވެރިވި ދެ ގައުމު ކަމުގައިވާ، ޕަލާއޯ އާއި ކޭޕް ވަރޑްގެ ތަޖުރިބާކާރުންގެ ވަފްދެއް ދިވެހިރާއްޖެއަށް ޒިޔާރަތްކުރައްވައި ދިވެހިރާއްޖޭގެ ކަމާގުޅުންހުރި އެކިއެކި މުއައްސަސާތަކާއި ދާއިރާތަކުން އިތުރަށް ސާފުކުރަންޖެހޭ ކަންކަމުގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް މި އަހަރުގެ މާރިޗް މަހުގެ 23 އިން 28 ގެ ނިޔަލަށް، ވަނީ ފުރިހަމަ ކުރައްވާފައެވެ.
މި މަސައްކަތްކުރިއަށް ގެންގޮސްފައިވަނީ މި މުޢާހަދާގެ ދިވެހިރާއްޖޭގެ ފޯކަލް ޕޮއިންޓުކަމުގައިވާ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ބެލުމުގެ ދަށުންނެވެ.
އުންކެކްގައި ބަޔާންކޮށްފައިވާ ކަންތައްތައް ދިވެހިރާއްޖޭގެ ޤާނޫނީ އޮނިގަނޑުގެ ތެރޭގައި ފުރިހަމަވެފައިވާ މިންވަރާއި، އެ ކަންކަން ތަންފީޒުކޮށް ހިންގުމުގައި ދިވެހިރާއްޖެއަށް ޤާނޫނީ ގޮތުންނާއި މުއައްސަސާތަކުގެ ފެންވަރުގައި ދިމާވެފައިވާ ގޮންޖެހުންތައް ދެނެގަނެ، އުންކެކްގައި ބަޔާންކޮށްފައިވާ ހަމަތަކާއި އުޞޫލުތަކާ އެއް ހަމައަކަށް ދިވެހިރާއްޖޭގެ ޤާނޫނީ އޮނިގަނޑު ގެނައުމަށްޓަކައި އިތުރަށް ކުރަންޖެހޭ، ކަންކަމުގެ ލަފަޔާއި އިރުޝާދާއި، ދިވެހިރާއްޖެއަށް ފަންނީ އެހީތެރިކަން ބޭނުންވާ ދާއިރާތައް ފާހަގަކޮށް، މިކަމާ ގުޅޭ ތަފްޞީލު ރިޕޯޓު އެކުލަވާލުވުމުގެ މަސައްކަތް ޔޫ.އެން.އޯ.ޑީ.ސީ އިން މިހާރު ގެންދަނީ ކުރަމުންނެވެ.
ދިވެހިރާއްޖެއިން އުންކެކްގައި ބައިވެރިވެފައިވަނީ 22 މާރިޗް 2007 ގައެވެ.
ކަންޓްރީ ރިވިއު ރިޕޯޓުގެ އެގްޒެކެޓިވް ސަމަރީ ތިރީގައިވާ ލިންކުން ފެނިވަޑައިގަންނަވާނެއެވެ.

ޑައުންލޯޑް



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×