ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން، ހުޅުމާލޭ މަގު ހެދުމުގެ ފޭސް 02 ގެ މަސައްކަތް އެކަށީގެންވާ ވަރަށްވުރެ ބޮޑު އަގެއްގައި ޙަވާލުކޮށްފައިވާކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅުނު މައްސަލައެއް މިކޮމިޝަނުން ބެލުމަށްފަހު އެމައްސަލަ ނިންމިގޮތް ތިރީގައި މިވަނީއެވެ.
ހުޅުމާލޭގެ މަގުހެދުމުގެ ފޭސް 02 ގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ކުރައްވާފައިވާ އިޢުލާނާ ގުޅިގެން 4 ފަރާތަކުން މަޢުލޫމާތު ސާފުކޮށްފައިވާ ކަމާއި، އޭގެތެރެއިން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅާފައިވަނީ 3 ފަރާތަކުން ކަމާއި، އެ 3 ފަރާތުގެ ތެރެއިން ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު ދީފައިވަނީ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާފައިވާ ދެފަރާތަށްކަމާއި، އެގޮތަށް ނިންމާފައިވަނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުންކަން ފާހަގަކުރެވެއެވެ.
އެމަސައްކަތަށް ކޯޓޭޝަން ހުށަހެޅި ދެފަރާތުގެ ތެރެއިން އެމަސައްކަތް ހަވާލުކޮށްފައިވަނީފައި ވަނީ އެމަސައްކަތަށް އެންމެ ކުޑައަގު ހުށަހެޅި އަދި މަގު ހެދުމުގެ މަސައްކަތުގެ ތަޖުރިބާގެ ގޮތުންވެސް އެންމެ ރަނގަޅު ފަރާތާކަން ފާހަގަކުރެވެއެވެ.
އެމަސައްކަތަށް ހުށަހެޅި ބިޑްތައް އިވެލުއޭޓް ކޮށްފައިވަނީ ކުންފުނީގެ ޕްރޮކިއުމެންޓް އުސޫލުތަކާ އެއްގޮތަށް އަދި ކުންފުނީގެ ބޯޑުން ނިންމައިގެން އެ ނިންމުން އިކޮނޮމިކް އެންޑް ޔޫތު ކައުންސިލަށް ހުށަހެޅުމަށްފަހު އެކައުންސިލްގެ ލަފަޔާ އިރުޝާދާ އެއްގޮތަށްކަމަށްވާނީ ފާހަގަކުރެވިފައެވެ.
މަތިގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ބަލާއިރު ހުޅުމާލޭ މަގު ހެދުމުގެ ފޭސް 02 ގެ މަސައްކަތް އެމް.އެމް އެކްސްޕޯޓާ ހަވާލުކުރައްވާފައިވަނީ އެކަށީގެންވާ ވަރަށްވުރެ ބޮޑު އަގެއްގައި ކަމަށް ބެލެވެން ނެތުމުންނާއި މިކަމުގައި އަމަލުކުރައްވާފައިވާ ގޮތަށް ބަލާއިރު ކޮރަޕްޝަނުގެ އަމަލެއް ހިންގާފައިވަކަމަށް ބެލެވެން ނެތުމުން، މިމައްސަލައިގައި ޤާނޫނު ނަންބަރު 2000 / 2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގައި ބަޔާންވެގެންވާފަދަ ކޮރަޕްޝަންގެ ޢަމަލެއް ހިނގާފައިވާކަމަށް ނުބެލެވޭތީ، ޤާނޫނު ނަންބަރު 2008 / 13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންނުވާ މައްސަލައެއް ކަމުގައި ކަނޑައަޅައި، މިކޮމިޝަނުން މައްސަލަ ނިންމައިފިއެވެ.