މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒުފައިދާ ހޯދައިދީފައިވާތީ، ގދ.ތިނަދޫ ކައުންސިލްގެ ކުރީގެ މެމްބަރުންގެ މައްޗަށް ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި

17 Nov 2015

ގދ.ތިނަދޫ ކައުންސިލްގެ އިދާރާއަށް އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ ވަޒީފާއަށް ވަގުތީ މީހަކު ބޭނުންވެގެން 26 ފެބުރުވަރީ 2013 ގައި ކުރި އިޢުލާނާ ގުޅިގެން ވަޒީފާއަށް ހޮވާފައިވާ ފަރާތަކީ ތަޢުލީމާއި ތަޖްރިބާއަށް ބަލާއިރު އެ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ނޫންކަމަށާއި، އަދި އޭނާ އެ ވަޒީފާއަށް ހޮވާފައިވަނީ އޭނާގެ ޢާއިލާގެ މީހުންނަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އަށް ނިސްބަތްވާ މީހުންނަށްވެފައި، ތިނަދޫ ކައުންސިލްގައި ތިބި އެމް.ޑީ.ޕީ އަށް ނިސްބަތްވާ ކައުންސިލަރުންގެ ބާރާއި ނުފޫޒުންކަމަށް ބުނެ ހުށަހެޅި މައްސަލަ މި ކޮމިޝަނުން ތަޙުޤީޤުކޮށް ބެލުމަށްފަހު މައްސަލަ ނިންމި ގޮތް ތިރީގައި މިވަނީއެވެ.

މިމައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ގދ.ތިނަދޫ ކައުންސިލްގެ އިދާރާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ) މަޤާމަށް މީހަކު ހޯދުމަށް 26 ފެބުރުވަރީ 2013 ގައި ގދ.ތިނަދޫ ކައުންސިލްގެ އިދާރާއިން ކުރި އިޢުލާނާ ގުޅިގެން އެ ވަޒީފާއަށް އެދި ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން، ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމަށް ބަލާނީ ލިބިފައިވާ ތަޢުލީމާއި ތަޖުރިބާއާއި އިންޓަވިއުއަށްކަމަށް އިޢުލާނުގައި ބަޔާންކޮށްފައި ވީނަމަވެސް، އެވަޒީފާއަށް މީހަކު ހޮވާފައިވަނީ އިޢުލާނުގައި ބުނެފައިވާ ތަޢުލީމާއި ތަޖުރިބާއާއި އިންޓަވިއުއަށް ބެލިގެން ނޫންކަމާއި،

ސިވިލް ސަރވިސް ކޮމިޝަނުގެ ހުއްދަ ހޯދުމަކާއި ނުލައި ވޭޖް އެމްޕްލޯއިމަންޓުގެ ދަށުން އެފަދަ ވަގުތީ މަޤާމުތަކުގައި މީހުން ގެންގުޅުމުގެ ބާރު ކައުންސިލަށް ލިބިގެންވީނަމަވެސް، އެވަޒީފާއަށް މީހަކު ހޮވާފައިވަނީ ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގައި ވަޒީފާއަށް ޢައްޔަންކޮށް ވަކިކުރުމުގައި ޢަމަލުކުރަންޖެހޭ ގަވާއިދުތަކާއި އުޞޫލުތަކާ ޚިލާފަށްކަމާއި،

މަތީގައި ދެންނެވުނު ވަޒީފާއަށް ކުރިމަތިލާފައިވާ މީހުންގެ މަޢުލޫމާތު ކަރުދާހުގައި ތަޢުލީމީގޮތުން އެންމެ ރަނގަޅު ފަރާތަށް ވަޒީފާ ހަމަޖެއްސުމަށް ފެންނަކަމަށް ބުނެ ގދ.ތިނަދޫ ކައުންސިލްގެ އޭރުގެ 5 މެމްބަރުން ސޮއިކޮށްފައިވާ ލިޔުމުގައި އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްކަމަށް ބުނެފައިވާ ފަރާތަކީ ވަޒީފާއަށް ހަމަޖައްސާފައިވާ ފަރާތްކަމުގައި ވީނަމަވެސް، އެ ފަރާތަކީ އެ ވަޒީފާއަށް އެދި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީގޮތުން އެންމެ ޤާބިލް ފަރާތް ނޫންކަމާއި،

އެ ވަޒީފާއަކީ އެ މަޤާމަށް މީހަކު ހޯދުމަށް ކޮށްފައިވާ އިޢުލާނާ އަދި ސިވިލް ސަރވިސްގެ ވަޒީފާ ދިނުމަށް ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ދީފައިވާ ވަޒީފާއަކަށްވާތީ، ޤާނޫނު ނަންބަރު 2008 / 13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން މި މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއް ކަމަށް ކަނޑައަޅައި، މަތީގައި ދެންނެވިފައިވާ ވަޒީފާ ދިނުމަށް ނިންމި ނިންމުމަކީ މުޅި ކައުންސިލްގެ ނިންމުމެއްކަން މައްސަލައިގެ ތަޙްޤީޤަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގޭތީ، އެ ނިންމުމުގައި ބައިވެރިވި، ގދ.ތިނަދޫ ކައުންސިލްގެ އޭރުގެ މެންބަރުންގެ މައްޗަށް ޤާނޫނު ނަންބަރު  2000 / 2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ކުރުމަށްޓަކައި މި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ނިންމީއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×