މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދާފައިވާތީ، ރ.އިންނަމާދޫ އޮފީހުގެ ކުރީގެ ކަތީބުގެ މައްޗަށް ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި.

18 Nov 2015

ރ.އިންނަމާދޫ އޮފީހުގެ 2008 ވަނަ އަހަރާއި 2009 ވަނަ އަހަރުގެ ހިސާބުތައް އޮޑިޓް ކުރުމުގައި ގިނަ ޢަދަދެއްގެ ފައިސާއަށް ވެފައިވާގޮތެއް އެއޮފީހުގެ ލިޔެކިޔުންތަކުން އެނގެން ނެތްކަމަށާއި، އަދި އެއޮފީހުގެ ފައިސާއާބެހޭ ބައެއް ލިޔެކިޔުންތައް ގެއްލިފައިވާކަމަށް ބުނާ މައްސަލަ މިކޮމިޝަނުން ތަޙުޤީޤުކޮށް ބެލުމަށްފަހު މައްސަލަ ނިންމި ގޮތް ތިރީގައި މިވަނީއެވެ.
1. 2005 އަހަރުން ފެށިން 2009 ވަނަ އަހަރުގެ ނިޔަލަށް ރ.އިންނަމާދޫ އޮފީހަށް މުދަލު ޒަކާތުގެ ގޮތުގައި ބަލައިގެންފައިވާ ފައިސާގެ ތެރެއިން 22,754.50 (ބާވީސްހާސް ހަތްސަތޭކަ ފަންސާސް ހަތަރު ރުފިޔާ ފަންސާސް ލާރި) އެއޮފީހުގެ ޕޭމަންޓް ވައުޗަރއިން، ރ.އަތޮޅު އޮފީހަށް ޖަމާކުރުމަށް ނަގާފައިނަމަވެސް، އެފައިސާ ރ.އަތޮޅު އޮފީހަށް ޖަމާކޮށްފައި ނުވާކަމާއި، އެޕޭމަންޓް ވައުޗަރ އިންނަމާދޫ އޮފީހުން ފެންނަން ނެތްއިރު، އެފައިސާވެސް އަނބުރާ އިންނަމާދޫ އޮފީހަށް ގެނެސްފައި ނުވާކަމާއި، އެފައިސާ ނެގުމަށް ތިޖޫރީ ބާކީގައި ހުއްދަ ދީފައިވަނީ ރ.އިންނަމާދޫ އޭރުގެ ކަތީބް ކަމާއި، އެފައިސާ ޚަރަދު ކުރުމަށް ތައްޔާރުކުރި ޕޭމަންޓް ވައުޗަރ ތައްޔާރުކުރީވެސް އަދި އެފައިސާއާ ޙަވާލުވީވެސް އެފަރާތުން ކަމާއި، ޢާއްމު ގޮތެއްގައިވެސް އަތޮޅު އޮފީހަށް ޖަމާކުރާ ފައިސާ ޖަމާކުރުމަށް ދަނީ ވެސް އޭނާ ކަމާއި، އެފައިސާ އަތޮޅު އޮފީހަށް ޖަމާކުރިކަމުގެ އެއްވެސް ލިޔެކިޔުމެއް ފެންނަން ނެތްއިރު، އެފައިސާ އަތޮޅު އޮފީހަށް ޖަމާކުރުމަށް ގެންދިޔައީ، ތައްޔާރު ކުރަންޖެހޭ ލިޔެކިޔުން ތައްޔާރުނުކޮށް ކަމަށްވާތީ އެފައިސާ ބަލައިނުގަނެ ރ.އަތޮޅު އޮފީހުން ފޮނުވާލާފައިވާ ކަމާއި، އޭގެފަހުން އެފައިސާ ޖަމާކުރުމަށް އަތޮޅު އޮފީހަށް ގެންގޮސްފައި ނުވާކަމާއި، އެދުވަސްވަރު އިންނަމާދޫ އޮފީހުގެ ފައިސާއާ ބެހޭ އެންމެ އިސްފަރާތެއްގެ ގޮތުގައި މަސައްކަތް ކުރީވެސް މަތީގައި ދެންނެވުނު ރ.އިންނަމާދޫ ކުރީގެ ކަތީބުކަން ތަޙްޤީޤަށް ފާހަގަކުރެވިފައިވާތީއާއި،

2. މީގެއިތުރުން، ތެލުގެ އަގުބޮޑުވުމާ ގުޅިގެން ރަށްރަށުގެ އިންޖީނުގެތަކަށް ދިމާވެފައިވާ ދަތިތައް ޙައްލުކޮށްދިނުމުގެ ގޮތުން ސަބްސިޑީޒްގެ ގޮތުގައި ސަރުކާރުން އިންނަމާދޫ އޮފީހަށް ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން 22 މާރޗް 2009 ވަނަ ދުވަހާ ހިސާބަށް އެއޮފީހުގެ ސަބްސިޑީޒް އައިޓަމުގައި ހުރި 165,545.00 (އެއްލައްކަ ފަސްދޮޅަސް ފަސްހާސް ފަސްސަތޭކަ ސާޅީސް ފަސް ރުފިޔާ) އާއި، އިންނަމާދޫ ރައްޔިތުންގެ ރުއްގަހުގެ ބަދަލަށް އެކި ފަރާތްތަކުން ދައްކާފައިވާ 17,838.66 (ސަތާރަހާސް އަށްސަތޭކަ ތިރީސް އަށްރުފިޔާ ފަސްދޮޅަސް ހަލާރި) ޚަރަދުކުރުމަށް ތައްޔާރުކޮށްފައިވާ ރ.އިންނަމާދޫ އޮފީހުގެ ދެ ޕޭމަންޓް ވައުޗަރއިން، 22 މާރޗް 2009 ވަނަ ދުވަހު ނަގާފައިވާއިރު، އެފައިސާ އިންނަމާދޫ އޮފީހުގެ އެއްވެސް އެކައުންޓަކަށް ޖަމާކޮށްފައިނުވާކަމާއި، އެދެވައުޗަރުވެސް އިންނަމާދޫ އޮފީހުގައި ފެންނަން ނެތްކަމާއި، އެފައިސާ ތިޖޫރީން ނެގުމަށް ހުއްދަ ދީފައިވަނީ މަތީގައި ދެންނެވުނު ރ.އިންނަމާދޫ އޭރުގެ ކަތީބު ކަމާއި، އެފައިސާ ތިޖޫރީން ނެގިކަމަށް އެދުވަސްވަރު ފައިސާއާ ބެހޭ މަސައްކަތް ކުރި މުވައްޒަފު ސޮއިކޮށްފައިވާއިރު، އެމުވައްޒަފު އެފޮތުގައި ސޮއިކޮށްފައިވަނީ އެފޮތުގައި ސޮއިކުރަންޖެހެނީ އިދާރީ މަސައްކަތް ކުރާ ފަރާތްތަކުން ކަމަށް ކުރީގެ ކަތީބު ބުނުމުން ކަމާއި، ނަމަވެސް އެފައިސާއާއި އޭނާ ޙަވާލު ނުވާކަމާއި، އެފައިސާއާއި އެޕޭމަންޓް ވައުޗަރުތަކަށް ވީގޮތެއް ނޭނގުނު ހިސާބުން އެމުވައްޒަފު އޭނާ ކޮށްފައިވާ ސޮއި ކަނޑާލާފައި ވާކަމާއި، އެ ދެ ވައުޗަރުގައިވާ ފައިސާ ޖަމާކުރުމަށް ގެންދިޔައީ ރ.އިންނަމާދޫ ކުރީގެ ކަތީބު ކަމާއި، އެފައިސާތައް ހުރީ އޭނާގެ ޒިންމާގައި ކަމާއި، އެދުވަސްވަރުވެސް އިންނަމާދޫ އޮފީހުގެ ފައިސާއާ ބެހޭ އެންމެ އިސްމީހެއްގެ އިތުރުން ތިޖޫރީއާ ޙަވާލުވެ ހުރީވެސް ކުރީގެ ކަތީބު ކަމަށް މިކޮމިޝަންގެ ތަހްޤީޤަށް އެނގިފައިވާތީއާއި،

އިސްވެ ބަޔާން ކުރެވުނު ތިން ޕޭމަންޓް ވައުޗަރުގައިވާ ޖުމްލަ 206,138.16 (ދެލައްކަ ހަހާސް އަށްސަތޭކަ ތިރީސް އަށްރުފިޔާ ސޯޅަލާރި) ރ.އިންނަމާދޫ ކުރީގެ ކަތީބު އޭނާގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން އަމިއްލަ ބޭނުމަށް ބޭނުންކޮށްފައިވާކަން މިކޮމިޝަންގެ ތަޙްޤީޤަށް ސާބިތުވާތީ، ޤާނޫނު ނަންބަރ 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ (2) ގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއް ކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރ 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން ރ.އިންނަމާދޫ، ކުރީގެ ކަތީބުގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ކުށުގެ ދަޢުވާ ކުރުމަށް މިމައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.

އަދި މީގެ އިތުރުން، ރ.އިންނަމާދޫ ކުރީގެ ކަތީބު އޭނާގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ބޭނުންކޮށްފައިވާ 206,138.16 (ދެލައްކަ ހަހާސް އަށްސަތޭކަ ތިރީސްއަށްރުފިޔާ ސޯޅަލާރި) ޝަރީޢަތް މެދުވެރިކޮށް ދައުލަތަށް އަނބުރާ ހޯދުމުގެ މައްސަލަވެސް ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×