ފެނަކީ ދިރިހުރުމަށް ބޭނުންވާ އަސާސީ ވަޞީލަތްތަކުގެ ތެރެއިން އިންސާނުން ނަހަމަ ގޮތުގައި ބޭނުންކުރާ އެއްވަޞީލަތެވެ. ދެކުނު އެފްރިކާގެ ގިނަ އަވަށްތަކަކީ ފަޤީރުން ގިނަ މުޖުތަމަޢެއް ކަމަށްވެފައި މި ސަރަޙައްދުގެ ގިނަ ގެތަކުގައި ސާފު ފެން ލިބޭނެ ގޮތެއް ޤާއިމް ކުރެވިފައެއް ނުވެއެވެ. މީގެ ސަބަބުން ދިރިހުރުމަށް ބޭނުންވާ ސާފު ބޯފެން ލިބިގަތުމަށް މަސައްކަތް ކުރުމަކީ މިއަވަށްތަކުގެ ރައްޔިތުން ކޮންމެ ދުވަހަކުވެސް ކުރިމަތިލާންޖެހޭ ހަނގުރާމައަކަށް ވަނީ ވެފައެވެ.
މިކަމަށް ޙައްލެއް ހޯދުމުގެ ގޮތުން ރައްޔިތުން ކެއްކުމަށާއި ސާފު ތާހިރުވުމަށް ބޭނުން ކުރެވޭނެހެން ސާފު ވާރޭފެން ތާނގީތަކަށް ނަގައި ގޭގެއަށް ފޯރުކޮށް ދިނުމުގެ މަޤްޞަދުގައި ދެކުނު އެފްރިކާގެ ސަރުކާރުން މަލްޓި-މިލިޔަން ޑޮލަރުގެ ޕްރޮޖެކްޓެއް ވަނީ ފަށާފައެވެ. ނަމަވެސް ޤައުމުގެ ބައެއް ހިސާބުތަކުގައި އުޅޭ އިސް އޮފިޝަލުން އަމިއްލަ މަސްލަޙަތަށް އިސްކަން ދިނުމުގެ ސަބަބުން މަސައްކަތް މަޑުޖެހޭ ގޮތް ދިމާވެއެވެ.
މިގޮތުން ކުވާޒުލޫ-ނަތާލް ޕްރޮވިންސާގުޅޭ މައްސަލައެއް ދެކުނު އެފްރިކާގައި ހުންނަ ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލްގެ އެންޓި-ކޮރަޕްޝަން ސެންޓަރަށް ހުށަހެޅުނެވެ. ކުވާޒުލޫ-ނަތާލް ޕްރޮވިންސަކީ ސާފު ފެން ލިބުމުގެ ދަތިކަން އެންމެ ބޮޑަށް ކުރިމަތި ވެފައިވާ ސަރަޙައްދެވެ. މިތަނުގެ އާބާދީގެ 14 އިންސައްތަ މީހުން ދިރިއުޅެމުން އަންނަނީ ސާފު ބޯފެނާ ނުލައެވެ.
ހުށަހެޅުނު ޝަކުވާގައި ވާގޮތުން ޕްރޮވިންސުގައި ބަހައްޓަންޖެހޭ ފެންތާނގީތައް ހަރުކޮށްފައިވަނީ ރަނގަޅަކަށް ނޫނެވެ. މީގެ ސަބަބުން ބައެއް ފެންތާނގީތަކުގެ ބޭނުން އެއްވެސް ގޮތަކަށް ނުކުރެވި ރައްޔިތުން ސާފު ފެން ލިބުމުގެ ޙައްޤުން މަޙްރޫމްވެގެން ދިއައެވެ. އަދި މަސައްކަތް ކުރާ ފަރާތްތަކުން ދަނީ އެމީހުން ކޮށްފައިނުވާ މަސައްކަތްތަކަށްވެސް އުޖޫރަ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލްގެ އެންޓި-ކޮރަޕްޝަން ސެންޓަރުން ތަޙްޤީޤުފަށައި ކުރިޔަށް ގެންދިޔުމުން އިނގުނު ގޮތުގައި ވާރޭފެން ތާނގީތައް ހަރުކުރުމަށް ސަރުކާރުން ކޮންޓްރެކްޓް ޙަވާލުކޮށްފައިވާ ފަރާތަކީ މި މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވާ ފަރާތެއް ނޫންކަމުގެ ހެކި ލިބިގެންދިޔައެވެ.
އަދި ކޮންޓްރެކްޓް ޙަވާލު ކުރެވިފައިވާ ފަރާތްތަކުގެ ތެރޭގައި ސަރުކާރުގެ އޮފިޝަލެއްގެ ގޮތުގައި ކުރީގައި މަސައްކަތް ކުރި ފަރާތެއް ހިންގަމުންދާ ކުންފުންޏެއް ހިމެނޭކަންވެސް ފާހަގަ ކުރެވުނެވެ. އަދި މިއޮފިޝަލަކީ މީގެ އަހަރެއްހާ ދުވަސްކުރިން ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކާ ދެމެދު މިފަދަ ކޮންޓްރެކްޓްތައް ހަދާ، ކޮންޓްރެކްޓް ދިނުމުގެ މަސްއޫލިއްޔަތު ޙަވާލުކުރެވިފައިވާ އޮފިޝަލެއްކަންވެސް އެނގި ހާމަވިއެވެ.
މިއީ ހަމައެކަނި މިފަދައިން ހިންގާފައިވާ ޢަމަލަކަށް ނުވިނަމަވެސް، ދެކުނު އެފްރިކާގެ ހިއުމަން ރައިޓްސް ކޮމިޝަނުން ބުނާ ގޮތުގައި ކުވާޒުލޫ-ނަތާލް ޕްރޮވިންސުގައި ބޯފެނުގެ ދަތިކަން ދިމާވެފައިވަނީ ހިންގުމާއި މާލީ ނިޒާމު ފެއިލް ވެފައިވުމުންނެވެ. ޚާއްސަ ގޮތެއްގައި ޕްރޮޖެކްޓްތަކަށް ޚަރަދު ކުރުމާއި މަސައްކަތް ހިންގުމުގައި ނިޒާމީ މައްސަލަތައް ހުރިކަން އެކޮމިޝަނުން ފާހަގަ ކުރެއެވެ.
އެހެންކަމުން ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލްއިން އަންނަނީ ކަމާބެހޭ ފަރާތްތަކުން ޖަވާބުދާރީ ވުމަށް ބާރު އަޅަމުންނެވެ. އަދި މިކަން ޙައްލު ކުރުމަށް މަސައްކަތް ފެށުމުގެ ގޮތުން، އޮފިޝަލުން ވަނީ ޕްރޮވިންސުގެ އެކިއެކި ގޭގެއަށް ގޮސް މަސައްކަތް ކުރާ މީހުން ލައްވާ އެމީހުންގެ އަމިއްލަ ޚަރަދުގައި ފެންތާނގީތައް ހަރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.
މިއީ ރަނގަޅު ފެށުމެއް ނަމަވެސް ސާފުބޯފެން ފޯރުކޮށްދިނުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހެއެވެ. ސާފުބޯފެން ކޮންމެ މީހަކަށް ލިބުމަކީ އިންސާނީ ޙައްޤެއްގެ ގޮތުގައި ކަނޑައެޅާފައިވާއިރު މިފަދަ ބިޔަ ޕްރޮޖެކްޓްތައް ފެށިގެން ކުރިޔަށް ގެންދަންވާނީ ފުރަތަމަ ދުވަހުން ފެށިގެން ދުރާލާ ރޭވި ރަނގަޅަށް ކަންކަން ހިނގާތޯ ބެލޭނެ ނިޒާމެއްގެ ދަށުންނެވެ.
ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ، “True stories” ގެ ތެރެއިން ނަގާފައިވާ “Water crisis” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ. މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” ދީގެން ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.
https://www.transparency.org/news/story/water_crisis