ފޮރުވިފައިވާ އަގުތައް

29 Nov 2015

 

ފޯނު ރިންގު ވީއިރު އަނެއްކޮޅުން ވާހަކަ ދެއްކި ފަރާތް ހުރީ ވަރަށް ބިރުގެންފައި ކަމާމެދު އެއްވެސް ޝައްކެއްވެސްނެތެވެ. އޭނާ ބުނިގޮތުގައި އޭނާއަކީ ދައުލަތުގެ އިދާރާއެއްގައި މަސައްކަތްކުރާ މީހެކެވެ. އަދި ބޮޑު ޕަބްލިކް ޓެންޑަރ އަކާ ބެހޭ ގޮތުން ޙިއްޞާ ކުރަން ބޭނުންވާ މަޢުލޫމާތުތަކެއް ހުރި ކަމަށް އޭނާ ބުންޏެވެ. އޭނާގެ އިސްވެރިންގެ ގާތުގައި ބިޑު ހުށަހެޅުމުގައި ހުރި މައްސަލަތަކާ ބެހޭ ގޮތުން ޝަކުވާކުރުމުން މި ތުހުމަތުތަކަށް ފުރަގަސް ދިން ކަމަށްވެސް އޭނާ ބުންޏެވެ. އެހެންކަމުން އޭނާގެ ޝަޚްސީ މަޢުލޫމާތު ސިއްރު ކުރުން ޝަރުޠުކޮށް، މިހާރު އޭނާ ބޭނުންވަނީ އެވާހަކަތައް ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއާ ޙިއްސާކުރާށެވެ.

ޗެކް ރިޕަބްލިކްގައި ހުރި ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލްގެ އޮފީހަށް ފޯނުކުރި މީހާ ވާހަކަދެއްކީ “ދަ އިކޯ ޓެންޑަރ”  ނުވަތަ ތިމާވެށި ސާފުކޮށް ކުނިބުނި ނައްތާލުމުގެ ޢާއްމު އެއްބަސްވުމާގުޅޭ ގޮތުންނެވެ. އިރުމަތީ ޔޫރަޕާއި ސެންޓްރަލް ޔޫރަޕްގެ ހިސާބުތަކެކޭ އެއްފަދައިން އަލަށް އުފަންވި ޗެކް ރިޕަބްލިކްއަށްވެސް ވަނީ 1990ގައި ކޮމިޔުނިޒަމް އުވިގެން ދިއުމާގުޅިގެން ތިމާވެށްޓަށް ބޮޑެތި ގެއްލުންތަކެއް ކުރުވާފައެވެ. ދިހަ އަހަރު ވަންދެން ސަރުކާރުންވަނީ ސާފުކުރުމުގެ ކުދި ކޮންޓްރެކްޓްތަކުގެ ދަށުން ތިމާވެއްޓަށްލިބޭ ގެއްލުންތައް ފޫބެއްދޭތޯ މަސައްކަތް ކޮށްފައެވެ. އެހެނަސް، މި މަޝްރޫޢުތައް ނުފެށި ލަސްވުމާއި އަދި މި ކޮންޓްރެކްޓްތަކުގެ އަގު އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށްވެއެވެ. އެހެންކަމުން، 2008 ވަނަ އަހަރު ސަރުކާރުން ޤަސްދުކުރީ ބިޔަ އެއް ޓެންޑަރގެ ޒަރީޢާއިން ބާކީ ހުރި ހުރިހާ ސަރަޙައްދުތަކުގެ ކުނިބުނި ނައްތާލާ ސާފުކޮށް ނިންމާލުމަށެވެ. ސަރުކާރުން އަންދާޒާކުރާގޮތުން، މި ބިޔަ މަޝްރޫޢުގެ އަގަކީ 4.5 ބިލިއަން ޔޫރޯއެވެ. ނަމަވެސް، ފޯނު ކުރި މީހާ ބުނާގޮތުން މިއީ ރަނގަޅު ޢަދަދެއް ނޫނެވެ.

މި ވިސްލްބްލޮވާ އާއި ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލްގެ މުވައްޒަފަކު ޝޮޕިންގް މޯލެއްގެ ކާރު ޕާކު ކުރާ ސަރަޙައްދުން ބައްދަލުކުރެވޭ ގޮތްވިއެވެ. އޭނާ ކާރުން ނުފައިބައި ކާރުގެ ކުޑަދޮރުން ބައިވަރު ލިޔެކިޔުންތައް ދިއްކޮލިއެވެ. އެ ލިޔެކިއުންތަކުގައި ހުރީ ވަރަށް ހައިރާންކުރުވަނިވި މަޢުލޫމާތު ތަކެކެވެ. އޭގައި ސަރުކާރުން ދީފައިވާ އަންދާޒާ ޚަރަދުގެ އަގު އަޞްލު ޚަރަދުގެ އަގަށްވުރެ މާ ބޮޑުކަން ސާފުކޮށް އެގެން ހުއްޓެވެ.

އެ ލިޔެކިޔުންތަކުގެ ބޭނުން ކޮށްގެން ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް އިން ޗެކް ރިޕަބްލިކްގެ ސަރުކާރުން ބިޑްކުރުމުގެ އުޞޫލު ގެންދިޔަގޮތާ ބެހޭގޮތުން އާންމުކޮށް ލޮބީކޮށް މަޢުލޫމާތު ދިނުމަށް އެދި ކުރެވުނު ސުވާލުތަކުގެ ސަބަބުން ސަރުކާރުގެ ފަރާތުން ޖަވާބުދާރީވާން ތިބި ފަރާތްތައް ހާސްކުރުވިއެވެ. ޕްރެސް ކޮންފަރެންސްގައި ނޫސްވެރިންނާ މުޚާތަބުކުރަމުން ފިނޭންސް މިނިސްޓަރ ތުހުމަތުގެ އިނގިލި ދިއްކުރެއްވީ މުވައްޒަފުންނާ ދިމާލަށެވެ. އެމީހުންނަކީ ޤާނޫނަށް ކަމޭނުހިތާ އަދި ވަގަށް ދުންފަތުގެ ބާވަތްތައް އެތެރެ ކުރާމީހުން ކަމަށް ބުންޏެވެ.

‘އެމީހުން ބިރުގަތީ’ ޓްރާންސްޕޭރެންސީގެ މުވައްޒަފަކު ބުންޏެވެ. ބަހުސްކުރެވެމުން ދިޔައީ ފައިސާގެ ބޮޑު ކޮންޓްރެކްޓަކާގުޅޭ ގޮތުންކަމުން ޗެކް ރިޕަބްލިކްގައި އެކަންވީ ސިޔާސީ އަދި މާލީ ބޮޑު މައްސަލައަކަށެވެ. މި ތުހުމަތުތަކާ ގުޅިގެން، އެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ބިޑުތައް ބާޠިލްކުރެވުނެވެ.

އަނެއްކާވެސް 2010 ވަނަ އަހަރު އެ މަޝްރޫޢު އަލުންފެށުމަށް ސަރުކާރުން ޤަސްދުކުރިއެވެ. ބިޑަށް ހުޅުވާލުމަށްޓަކައި ބިޑު ކުރިޔަށް ގެންދެވޭނެ އަންދާޒާ އަގު ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީއިން ގިނަ ޢަދަދެއްގެ އޮޑިޓް ފާމްތަކަށް އެންގިއެވެ.  އެހެނަސް، އަލަށް ހުށަހެޅުނު ބިޑުތަކުގެ އަގުތަކަށްބަލާއިރު އެންމެ ދަށް އަގުވެސް 2.3 ބިލިޔަން ޔޫރޯއަށް އެރިއެވެ. އެއީ 2008 ވަނަ އަހަރަށް ވުރެ 2 ބިލިޔަން ޔޫރޯ ދަށް އަގެކެވެ. މިއީ އޮޑިޓަރުންގެ ހިސާބުތަކުން ދެއްކި އަގަށްވުރެ ބޮޑު ޢަދަދެކެވެ. ރައްޔިތުންގެ ސަމާލުކަން ސަރުކާރަށް އަމާޒުވެފައިވުމުން އެ ޓެންޑަރ އަނެއްކާވެސް ސަރުކާރުން ބާޠިލު ކޮށްލިއެވެ.

އެހާ ހިސާބަކުން ނިމުނީއެއް ނޫނެވެ. މި ޖަރީމާއާ ގުޅިގެން ޕަބްލިކް ޕްރޮކިޔޯމަންޓް ޤާނޫނައް ބޮޑެތި އިސްލާޙްތައް ގެނެވި، ހާމަކަމާއި ހަލުވިކަމާއެކީ މަޝްރޫޢުތައް ކުރިޔަށް ގެންގޮސް އަދި މިކަހަލަ ހާދިސާއެއް ތަކުރާރު ނުވާނޭފަދަ ގޮތަކަށް ސަރުކާރުން ބަދަލުތައް ގެނައެވެ.

………………………………………………………………………………………………………

ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ، “True stories”  ގެ ތެރެއިން ނަގާފައިވާ “Hidden Costs” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ. މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” ދީގެން ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.

 

https://www.transparency.org/news/story/hidden_costs



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×