މިނިވަން ފަންސާސް އާގުޅިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވި ރިޔާސީ ޖާފަތުގެ ކޭޓަރިންގ ކަންތައްތައް ޙަވާލުކުރުމާގުޅޭ މައްސަލައާގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އޭރުގެ މިނިސްޓަރުގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދަޢުވާ ކުރުމަށްޓަކައި ފޮނުވައިފި

02 Dec 2015

މިނިވަން ފަންސާސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޙަރަކާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ދެއްވި ރިޔާސީ ޖާފަތުގެ ކޭޓަރިންގގެ ކަންތައް ޙަވާލުކޮށްފައިވަނީ ގަވާއިދުތަކާއި އުޞޫލުތަކާ ޚިލާފަށް ކޮރަޕްޝަނަށް މަގުފަހިވާގޮތަކަށްކަމަށާއި، ރިޔާސީ ޖާފަތުގެ މަސައްކަތް ޙަވާލުކުރުމުގައި ރިޝްވަތުގެ މުއާމަލާތެއް ހިމެނޭކަމަށް ބުނާ މައްސަލަ މިކޮމިޝަނުން ތަޙްޤީޤުކުރުމަށްފަހު މައްސަލަ ނިންމި ގޮތް ތިރީގައި މިވަނީއެވެ.

މިނިވަން ފަންސާސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޚަރަކާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ދެއްވި ރިޔާސީ ޖާފަތުގެ ކޭޓަރިންގގެ ކަންތައް ޙަވާލުކޮށްފައިވަނީ ގަވާއިދުތަކާއި އުޞޫލުތަކާ ޚިލާފަށް ކޮރަޕްޝަނަށް މަގުފަހިވާގޮތަކަށް ކަމަށް ބުނާ މައްސަލަ. 

މިމައްސަލައިގެ ތަހުޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު،

  • މިނިވަން ފަންސާހުގެ ރަސްމީ ޖާފަތަށް ކޭޓަރކޮށްދިނުމަށްއެދި މިމަސައްކަތް ޙަވާލުކޮށްފައިވާ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ޕްރޮޕޯސަލް ހުށަހަޅާފައިވާއިރު، މި ޕްރޮޕޯސަލްއަކީ ކޮންފަރާތަކުން އަންގައިގެން ކިހިނެއް ހުށަހަޅާފައިވާ ޕްރޮޕޯސަލެއްކަން އެނގެންނެތުމާއި މި ޖާފަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިސްވެ، ޕްރޮޕޯސަލެއް ހުށަހެޅުމަށް އެފަރާތަށް އަންގާފައިވާކަން އެނގެންނެތްކަމާއި؛
  • މިނިވަން 50ގެ މުނާސަބަތުގައި ޖުލައި 26 ވަނަ ދުވަހުގެރޭ ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޖާފަތް ކޭޓަރ ކުރުމުގެ މަސައްކަތް 3,726,960.00 (ތިން މިލިއަން ހަތްސަތޭކަ ސައްބީސް ހާސް ނުވަސަތޭކަ ފަސްދޮޅަސް) ރުފިޔާއަށް މިމަސައްކަތް ޙަވާލުކޮށްފައިވާ ފަރާތާ މި މަސައްކަތް ޙަވާލުކުރުމަށް ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އޭރުގެ މިނިސްޓަރު ކަމަށްވާތީއާއި؛
  • މަސައްކަތް ޙަވާލުކޮށްފައިވާ ފަރާތާ މި މަސައްކަތް ޙަވާލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިކަމަށް، ބުނެ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ފައިނޭންސް ސެކްޝަނަށް ފޮނުވާފައިވާ ނޯޓުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އޭރުގެ މިނިސްޓަރު ވިދާޅުވެފައި ވީނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން އެފަދަ ހުއްދައެއް ހޯދާފައިވާކަން އެނގެންނެތުމުންނާއި، މިމައްސަލައިގެ ތަޙުޤީޤުގައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން އެފަދަ ހުއްދައެއް ހޯދާފައި ނުވާނެކަމަށް އެމިނިސްޓަރު އިޢުތިރާފްވެފައިވާތީއާއި؛
  • ރަސްމީ ޖާފަތުގެ ކޭޓަރިންގ މަސައްކަތް ޙަވާލުކޮށްފައިވާ ފަރާތާ އެމަސައްކަތް ޙަވާލުކުރަން ފެންނަކަމަށް އެމަސައްކަތުގެ ކޯޑިނޭޝަން ކޮމިޓީގައި ހިމެނޭ ހުރިހާ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އޭރުގެ މިނިސްޓަރު ގާތުގައި ބުނެފައިވާކަމަށް ތަޙުޤީޤުގައި މިނިސްޓަރު ބުނެފައިވީނަމަވެސް އެފަރާތްތަކުން އެކަމަށް އިންކާރުކޮށްފައިވުމާއި؛
  • ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ރޫހަކީ އަދި ޕްރޮކިއުމެންޓްގެ ބެސްޓް ޕްރެކްޓިސްއަކީ ޕްރޮކިއުމެންޓްގެ މަސައްކަތްތައް، ޚާއްޞަކޮށް އަގު ބޮޑެތި މަސައްކަތްތައް ޙަވާލުކުރުމުގައި، މަސައްކަތް ޙަވާލުކުރާ ފަރާތަކީ އެމަސައްކަތެއް ކުރުމުގެ ޤާބިލްކަން ހުރި ފަރާތެއްކަން ޔަޤީންކުރުމަށްފަހު އެމަސައްކަތެއް ހަވާލުކުރުންކަމަށްވާއިރު ރަސްމީ ޖާފަތުގެ މަސައްކަތް ޙަވާލުކުރަން ނިންމިއިރު މަސައްކަތް ޙަވާލުކުރެވުނު ފަރާތަކީ މިމަސައްކަތް ކުރެވިދާނެ ފެންވަރުގެ ބައެއްތޯ ޔަޤީންކޮށްފައި ނުވުމާއި، އެފަރާތަކީ މިފަދަ މަސައްކަތެއް ކުރުމުގެ ތަޖުރިބާ ހުރި ފަރާތެއްކަމުގައި ނުވާތީއާއި؛
  • މިނިވަން 50 ގެ ޚާއްޞަ ދަރުބާރާ ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އެހެން ފަރާތްތަކާއެކު ވެވޭ އެއްބަސްވުމުގެ ޖުމްލަ އަގުގެ 50 އިންސައްތައާ ހަމައަށް އެޑްވާންސް ފައިސާ ދެވޭނެ ހުއްދައެއް ހަމަޖައްސަވައިދެއްވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިކަމަށް ބުނެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިނިސްޓްރީ އޮފް ފިނޭންސް އެންޑު ޓްރެޜަރީއަށް ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށްފައިވީނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން އެފަދަ ހުއްދައެއް ހޯދާފައިވާކަން އެނގެންނެތުމުނާއި، މިމައްސަލައިގެ ތަޙުޤީޤުގައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން އެފަދަ ހުއްދައެއް ހޯދާފައިނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އޭރުގެ މިނިސްޓަރު އިޢުތިރާފްވެފައިވާތީއާއި؛
  • މިމަސައްކަތް ޙަވާލުކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ފަރާތްތަކާ އަދި އޭރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރާ ގުޅުން އޮންނަ ފަރާތަކާ ކަމަށްވާތީއާއި؛
  • ރަސްމީ ޖާފަތުގެ މަސައްކަތް ޙަވާލުކުރުމުގެކުރިން މިމަސައްކަތް ކުރުވާނެ ފަރާތެއް ހޯދުމުގެގޮތުން އިތުރު ދެފަރާތަކާ މުއާމަލާތްކޮށް އޭގެތެރެއިން އެއްފަރާތަކުން ކޯޓޭޝަންތަކެއް ހޯދާފައިވީނަމަވެސް، މިމަސައްކަތް ކުރުމަށް މަސައްކަތް ޙަވާލުކޮށްފައިވާ ފަރާތުން ހުށަހަޅާފައިވާގޮތަށް، 300 ވީވީއައިޕީ ބޭފުޅުންނަށް ބެންކްއެޓް ސްޓައިލަށް ސާވްކޮށްދިނުމަށާއި 500 ބޭފުޅުންނަށް ބުފޭ ސްޓައިލަށް ސާވްކޮށްދިނުމަށް، އަގު ހުށަހެޅުމަށް ކުރިން ދެންނެވުނު ކޯޓޭޝަން ހޯދާފައިވާ ފަރާތަށް ފުރުޞަތު ދީފައިނުވާތީއާއި؛
  • މަސައްކަތް ޙަވާލުކުރެވުނު ފަރާތުން ހުށަހަޅާފައިވާގޮތަށް، 300 ވީވީއައިޕީ ބޭފުޅުންނަށް ބެންކްއެޓް ސްޓައިލަށް ސާވްކޮށްދިނުމަށާއި 500 ބޭފުޅުންނަށް ބުފޭ ސްޓައިލަށް ސާވްކޮށްދިނުމަށް ކުރިން ކޯޓޭޝަން ހޯދާފައިވާ ފަރާތަށް ފުރުޞަތު ދިންނަމަ އެފަރާތުން ހުށަހަޅާފައިވާ އަގުތަކަށްވުރެ އަގު ކުޑަވާނެކަމަށް ޤަބޫލުކުރެވޭތީއާއި، ރަސްމީ ޖާފަތުގެ ކޭޓަރިންގެ މަސައްކަތުގެ އަގަކަށް ރައީސް އޮފީހާއި މަސައްކަތް ޙަވާލުކުރެވުނު ފަރާތާ ދެމެދު އެއްބަސްވެފައިވާ އަގު ކަމުގައިވާ ޖީއެސްޓީ ނުހިމަނައި ބޮލަކަށް 285.00 (ދުއިސައްތަ އަށްޑިހަ ފަހެއް) ޔޫއެސްޑޮލަރު އަކީ މި މަސައްކަތް ކުރުމަށް ދީފައިވާ ރިކުއަރމެންޓަށް ބަލާއިރު ކުރިން ކޯޓޭޝަން ހޯދާފައިވާ ފަރާތުން ހުށަހަޅާފައިވާ ރޭޓަށްވުރެ ބޮޑު އަގެއްކަމަށް ބެލެވޭތީއާއި؛
  • އާންމުގޮތެއްގައި ކޭޓަރިންގެ އަގުގެ ތެރޭގައި ހިމެނޭނެކަމަށް ނުބެލޭ ބައެއް ކަންތައްތަކަށް މަސައްކަތް ޙަވާލުކުރެވުނު ފަރާތާއެކު ހަދާފައިވާ އެއްބަސްވުމުގައި ހިމަނާފައިވުމާއި އެއްބަސްވުމުގެ ދަށުން އެ ޚަރަދުތަކުގެ ފައިސާ އެފަރާތަށް ރައީސް އޮފީހުން ދައްކަންޖެހޭކަމާއި، މިކަންތައްތަކުގެ ޚަރަދު ހިމަނާފައިވަނީ ބޮލަކަށް ކަނޑައަޅާފައިވާ އަގުގެތެރޭގައިކަން ފާހަގަކުރެވޭތީއާއި؛
  • ރަސްމީ ޖާފަތުގެ މަސައްކަތް ޙަވާލުކުރުމަށްފަހު، މަސައްކަތް ޙަވާލުކުރެވުނު ފަރާތުގެ ބޭނުމަށް ވޭޓަރުން ހޯދުމުގެ މަސައްކަތްފަދަ ބައެއް ކަންތައްތައް ހަމަޖައްސައިދިނުމަށްޓަކައި ބައެއް މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކޮށްދީފައިވާކަން ފާހަގަކުރެވޭތީއާއި؛
  • ވީ.ވީ.އައި.ޕީ ބޭފުޅުންނަށް ތައްޔާރުކުރި މެނޫގައި ބަޔާންކޮށްފައިވާ ސޯރބެޓް ތައްޔާރުކުރުމަށް ބޭނުންވާ މެޝިނެއް ގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އޭރުގެ މިނިސްޓަރު އަންގައިގެން މަސައްކަތް ޙަވާލުކުރެވުނު ފަރާތާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވުމާއި، ސޯރބެޓްއަކީ މެނޫގައި ކުރިއްސުރެވެސް ހިމަނާފައިވާ އައިޓަމެއް ކަމަށްވާއިރު މިކަންކޮށްފައިވަނީ ފައިސާއާބެހޭ ސެކްޝަނަށް މިނިސްޓަރު ނޯޓަކުން އެގޮތަށް އެންގެވުމުން ކަމަށް ވާތީއާއި؛
  • ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭނުންވި ގޮތަށް އަދި ބޭނުންވި ފެންވަރަށް ރަސްމީ ޖާފަތުގެ ކަންތައް މަސައްކަތް ޙަވާލުކުރި ފަރާތުން ކުރިއަށް ގެންދެވިފައި ނުވާތީއާއި މިމަސައްކަތުގެ އަގާ އެކަށީގެންވާ ޚިދުމަތެއް ލިބިފައިނުވާކަމަށް މިމައްސަލައާ ގުޅިގެން ބަޔާންނެގުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުން ބުނެފައިވާތީ؛

މިކޮމިޝަންގެ ތަޙުޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، މިނިވަން ފަންސާސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޚަރަކާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ދެއްވި ރިޔާސީ ޖާފަތުގެ ކޭޓަރިންގގެ މަސައްކަތް ޙަވާލުކޮށްފައިމިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އޭރުގެ މިނިސްޓަރު އޭނާގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ބަޔަކަށް ނާޖާއިޒު މަންފާ ލިބޭގޮތަށް ކަމަށްވާތީ، މިމައްސަލައިގައި ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނުނު) ގެ 12 ވަނަ މާއްދާގައި ބުނާފަދަ ކޮރަޕްޝަނުގެ ޢަމަލެއް ހިންގާފައިވާކަން، ސާބިތުވާމިންވަރަށް ހެއްކާއި ޤަރީނާހުރުމުން، ޤާނޫނު ނަންބަރު 13/2008 (އެންޓިކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން މިމައްސަލައަކީ ކޮރަޕްޝަނުގެ ކުށް އެކުލެވިގެންވާ މައްސަލައެއްކަމުގައި ކަނޑައަޅައި، ޤާނޫނު ނަންބަރ 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެދަށުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އޭރުގެ މިނިސްޓަރުގެ މައްޗަށް ދަޢުވާކުރުމަށް ޕޮރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މިމައްސަލަ ވަނީ ފޮނުވިފައެވެ.

 

ރިޔާސީ ޖާފަތުގެ މަސައްކަތް ޙަވާލުކުރުމުގައި ރިޝްވަތުގެ މުއާމަލާތެއް ހިމެނޭކަމަށް ބުނާ މައްސަލަ.

މިމައްސަލައިގެ ތަޙުޤީގަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ރިޔާސީ ޖާފަތުގެ މަސައްކަތް ޙަވާލުކުރުމުގައި ރިޝްވަތުގެ މުއާމަލާތެއް ހިންގާފައިވާކަމަށް ސާބިތުކުރެވޭވަރަށް ހެއްކާއި ގަރީނާ ތަޙްޤީޤަށް ލިބިފައިނުވާތީ،  ޤާނޫނު ނަންބަރު 2008/13، (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫން) ގެ 25ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ މައްސަލައެއް ކަމަށް ކަނޑައަޅައި މި މައްސަލަ ނިންމީއެވެ.

ނޯޓް: މިނިވަން 50ގެ މުނާސަބަތުގައި ޖުލައި 26 ވަނަ ދުވަހުގެރޭ ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޖާފަތުގެ ކޭޓަރިންގ އަށާއި ރަސްމީ ޖާފަތުގެ ކޭޓަރިންގއާ ސީދާގުޅުންހުރި އެކި ކަންކަމަށް ތަފާތު އެކި ފަރާތްތަކާ ޙަވާލުކޮށްގެން ރައީސް އޮފީހުން ކުރުވާފައިވާ މަސައްކަތްތަކާއެކު ޖުމްލަ 7,873,238.85 (ހަތްމިލިއަން އަށްސަތޭކަ ހަތްދިހަ ތިންހާސް ދުއިސައްތަ ތިރީސް އަށްރުފިޔާ އަށްޑިހަ ފަސްލާރި) ރުފިޔާ ޚަރަދުވާނެކަމަށް ބެލެވޭއިރު، މީގެތެރެއިން މިހާތަށް އެކިފަރާތްތަކަށް ޖުމްލަ 3,899,943.43 (ތިންމިލިއަން އަށްސަތޭކަ ނުވަދިހަ ނުވަހާސް ނުވަސަތޭކަ ސާޅީސް ތިން ރުފިޔާ ސާޅީސް ތިންލާރި) ރުފިޔާ ޙަވާލުކޮށްފައިވެއެވެ.

 

ރަސްމީ ޖާފަތް ކޭޓަރ ކުރުމުގެ މަސައްކަތާއި ގުޅުންހުރި މަސައްކަތްތަކެއްގެ ގޮތުގައި ކުރުވާފައިވާ ރަސްމީ ޖާފަތުގެ މޭޒާއި ގޮޑިއާއި މޭޒު މައްޗާއި ހޯލްތެރެ ޒީނަތްތެރިކުރުމުގެ މަސައްކަތާއި، ރަސްމީ ޖާފަތާ ގުޅިގެން ބަދިގޭގެ ގޮތުގައި ބޭނުންކުރުމަށް ޓެންޓެއް ހެދުމުގެ މަސައްކަތާއި، ޓެންޓެއް ކުއްޔަށް ހިފުމުގެ މަސައްކަތާ ގުޅޭ މައްސަލަތައް މިކޮމިޝަނުން ތަހުޤީގުކުރަމުންގެންދާ އެހެން ތިންމައްސަލައެއްގައި ދަނީ ބަލަމުންނެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×