މާދަމާއަކީ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް

08 Dec 2015

އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަފާތު ޙަރަކާތްތައް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މިއަހަރު މި ދުވަސް ފާހަގަކުރުމުގެ ގޮތުން ހިންގާ ޙަރަކާތްތަކުގެ ތެރޭގައި ދުވަހާގުޅޭ ޚާއްޞަ ސަޕްލިމެންޓެއް ޝާއިޢު ކުރުމާއި، ޕެނަލް ޑިސްކަޝަންއެއް ބޭއްވުމާއި ދުވަސް ފާހަގަކުރުމަށް ޚާއްޞަ ރަސްމިއްޔާތެއް ބޭއްވުން ހިމެނެއެވެ. މީގެ އިތުރުން ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހާ ގުޅުވައިގެން އެންޓި-ކޮރަޕްޝަން ފޮޓޯ މުބާރާތެއްވެސް ވަނީ ބާއްވާފައެވެ.

ދަރުބާރުގޭ ފާށަނާ މާލަމުގައި މާދަމާގެ ހެނދުނު 10:00ގައި ބޭއްވުމަށްހަމަޖެހިފައިވާ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ ޚާއްޞަ ރަސްމިއްޔާތުގައި ސިއްޙީ ދާއިރާގެ ކޮރަޕްޝަން ރިސްކް އެސެސްމެންޓް  ރިޕޯޓް  ހާމަކުރުމާއި، ކޮމިޝަނުން އަލަށް ނެރެންފަށާ ކުއަރޓަރލީ ބުލެޓިން “ބިތުފަންގި” ނެރުމަށް ހަމަޖެހިފައި ވެއެވެ. މީގެ އިތުރުން ކޮމިޝަނުން އިސްނަގައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ ވެބްސައިޓް ލޯންޗްކުރުމާއި ބައިނަލްއަޤުވާމީ އެންޓި-ކޮރަޕްޝަން ދުވަހާގުޅޭ ފޮޓޯ މުބާރާތުގެ ވަނަތައް އިއުލާނުކޮށް އިނާމްދިނުންވެސް މި ރަސްމިއްޔާތުގައި ކުރިޔަށްދާނެއެވެ.

ދުވަހުގެ ޙަރަކާތްތަކުގެ ތެރޭގައި ނަޒާހަތްތެރިކަން އާލާކޮށް ދެމެހެއްޓުމުގެ ގޮތުން މި ކޮމިޝަނުން ކުރިޔަށް ގެންދާ “ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދު” އާއްމުންނަށް ފެންނާނެހެން ހުރަވީ ބިލްޑިންގ ތިރީގައި ބެހެއްޓުމަށްވެސް ހަމަޖެހިފާވެއެވެ. ދާއިމީ ގޮތެއްގައި ބަހައްޓަން ތައްޔާރުކުރެވިފަވާ މި ވަޢުދު އިފްތިތާޙްކުރުމަށް ހަމަޖެހިފައިވަނީ 9 ޑިސެންބަރުގެ 2:00 ގައެވެ.

މީގެއިތުރުން “ނަޒާހާތްތެރި މުޖުތަމަޢަކަށް ރައްޔިތުން ކުރާ އުއްމީދު” ގެ ނަމުގައި ޕެނަލް ޑިސްކަޝަނެއް  ޕަބްލިކް ސަރވިސް މީޑިއާއާ ގުޅިގެން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު، ތަފާތު މީޑިއާތަކާ ގުޅިގެން އެކި އެކި ޚަބަރު ގަޑިތަކާއި ޕްރޮގްރާމްތަކުގައި ކޮމިޝަނުން ބައިވެރިވެ ދުވަހާގުޅޭ މަޢުލޫމާތު ގެނެސްދެވޭނެއެވެ. އަދި ދުވަހާއިގުޅޭ މެސެޖްތައް ރައްޔިތުންނާއި ޙިއްޞާކުރުމުގެ ގޮތުންނާއި ގިނަބަޔަކަށް ދުވަހުގެ މުހިއްމުކަމާއި ކޮރަޕްޝަނުގެ ނުރައްކާ ހާމަކޮށްދިނުމުގެ މަޤްސަދުގައި ދުވަހާގުޅޭ ޚާއްޞަ ސަޕްލިމެންޓެއް ޗާޕުކޮށް ޢާއްމުކުރުމަށް ހަމަޖެހިފައި ވާއިރު އިސްލާމިކް މިނިސްޓްރީގެ އެހީތެރިކަމާއެކު ޑިސެންބަރު 11 ވާ ހުކުރު ދުވަހުގެ ޚުތުބާވެސް ދުވަހާ ގުޅޭ މައުޟޫޢުއަކަށް ޚާއްސަކުރުމަށްވަނީ ހަމަޖެހިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×