މި އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ދައުލަތުގެ އިދާރާތަކަށް 339 ލަފާ ދީފި

09 Dec 2015

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ކޮމިޝަންގެ ފަރާތުން ދައުލަތުގެ އެކި އިދާރާތަކަށް 339 ލަފާ ވަނީ ދެވިފައެވެ. ކޮމިޝަނުން ދައުލަތުގެ އިދާރާތަކަށް ދެ ހާލަތެއްގައި ލަފާއާއި އިރުޝާދުދެއެވެ. ފުރަތަމަ ގޮތަކީ ދަޢުލަތުގެ އިދާރާތަކުން ލަފަޔަށް ނުވަތަ ހުއްދައަށް އެދުމުންނެވެ. ދެވަނަ ގޮތަކީ ކޮމިޝަނުން ތަޙުޤީޤުކުރާ މައްސަލަތަކާ ގުޅިގެން ފާހަގަކުރެވޭކަންތައްތައް އިސްލާހުކުރުމަށް އެކަމާ ގުޅުންހުރި ދައުލަތުގެ އިދާރާތަކަށް އެންގޭ އެންގުންތަކާއި ދެވޭ ލަފަޔާ އިރުޝާދެވެ. އެގޮތުން، ދައުލަތުގެ އިދާރާތަކުން ހުއްދައަށް ނުވަތަ ލަފަޔަށް އެދި ހުށަހަޅާފައިވާ ކަންކަމާ ގުޅިގެން 2015 ވަނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހު 129 އިދާރާއަކަށް 224 ހުއްދައާއި ލަފާ ދީފައިވާއިރު 2014 ވަނަ އަހަރު ތެރޭގައި ޖުމްލަ 145 އިދާރާއަކަށް 388 ހުއްދައާއި ލަފާ ދީފައިވެއެވެ.
ހަމައެއާއެކު، ކޮމިޝަނުން ތަޙުޤީޤުކުރާ މައްސަލަތަކާ ގުޅިގެން ފާހަގަކުރެވޭކަންތައްތައް އިސްލާހުކުރުމަށް 2015 ވަނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހު 115 އެންގުމެއް 116 އިދާރާއަކަށް އެންގިފައިވެއެވެ. އަދި 2014 ވަނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހު 56 އިދާރާއަކަށް 56 އެންގުމެއް އަންގާފާއިވެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×