ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފި

10 Dec 2015

ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފިއެވެ. ހެލްތު މިނިސްޓަރ އިރްތިޝާމް އާދަމް ޝަރަފުވެރި ކޮށްދެއްވި މިރަސްމިއްޔާތުގައި ދައުލަތުގެ ވުޒާރާތަކާއި ކުންފުނިތަކުގެ އިސް ވެރިންނާއި މިނިވަން މުއްސަސާތަކުގެ މެންބަރުން ބައިވެރިވެލެއްވިއެވެ.
ދުވަހާގުޅޭގޮތުން، ކޮމިޝަނުގެ ފަރާތުން ވާހަކަދެއްކެވީ ކޮމިޝަނުގެ މެންބަރު އާމިނަތު މިންނާއެވެ. މިންނާގެ ވާހަކަފުޅުގައި ތަރައްޤީގެ ކަންކަމަށް ހޭދަކުރަން ހުރި ފައިސާ ނަހަމަގޮތުގައި ގެއްލިގެން ދިޔަދީގެން ނުވާނެ ކަމަށާއި މިކަން ޙައްލު ކުރުމަށް މަޖިލީހާއި ދައުލަތުގެ މުއައްސަސާތަކުގެ އެއްބާރުލުން ބޭނުންވާ ކަމުގައި ވިދާޅުވިއެވެ. މި ރަސްމިއްޔާތުގައި ދުވަހާ ގުޅުވައިގެން ސިއްޙީ ދާއިރާގެ ކޮރަޕްޝަން ރިސްކް އެސެސްމެންޓް ރިޕޯޓެއް ނުރުނެވެ. ރިޕޯޓް ނެރެދެއްވީ މިނިސްޓަރ އޮފް ހެލްތު އިރްތިޝާމް އާދަމްއެވެ. އެސިސްޓެންޓް ރިސަރޗް އޮފިސަރ އާދަމް ޝާމިލް ޚުލާޞާކޮށް ހުށަހަޅައިދެއްވި މި ރިޕޯޓުގައި ސިއްޙީ ދާއިރާއަށް ފަންނީ މުވައްޒަފުން ހޯދާ ހަމަޖެއްސުމުގައާއި ޕްރޮކިޔުމަންޓްގެ ކަންކަމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންކަން ހުރިތޯބަލާ އެފަދަ ކަންކަން ރަނގަޅު ކުރުމަށް ލަފާ ދެއްވާފައި ވެއެވެ.
ހެލްތު މިނިސްޓަރގެ ވާހަކަފުޅުގައި ސިއްޙީ ދާއިރާއިން ކޮރަޕްޝަން ނައްތާލުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތައްޔާރުކޮށަފައިވާ ސިއްޙީ ދާއިރާގެ ކޮރަޕްޝަން ރިސްކް އެސެސްމެންޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކަންތައްތައް ރަނގަޅު ކުރުމަށް އިސްކަން ދެއްވާ ރަނގަޅު ކުރައްވާނެކަމުގެ ކަށަވަރުކަން ދެއްވިއެވެ.
މިރަސްމިއްޔާތުގައި ކޮމިޝަނުން އަލަށް ނެރެންފަށާ ކުއަރޓަރލީ ބުލެޓިން “ބިތުފަންގި” ނެރެދެއްވީ ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސާ އާމިނަތު އީނާސް އެވެ. މީގެ އިތުރުން ކޮމިޝަނުން އިސްނަގައިގެން ތައްޔާރުކުރަމުންދާ ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ ވެބްސައިޓް ލޯންޗްކުރުމާއި ބައިނަލްއަޤުވާމީ އެންޓި-ކޮރަޕްޝަން ދުވަހާގުޅޭ ފޮޓޯ މުބާރާތުގެ ވަނަތައް އިއުލާނުކޮށް އިނާމްދިނުންވެސް މި ރަސްމިއްޔާތުގައި ކުރިޔަށްދިޔައެވެ. އިންޓެގްރިޓީ ޕްލޭންގެ ވެބްސައިޓް ލޯންޗްކޮށްދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން، އަލްފާޟިލް ޔަޒީދު މުޙައްމަދެވެ. ފޮޓޯ މުބާރާތުގެ ވަނަތަކަށް އައި ފަރާތްތަކަށް އިނާމު ބައްސަވައިދެއްވީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ އައިޝަތު ބިޝާމެވެ.
ދަރުބާރުގޭ ފާށަނާ މާލަމުގައި އިއްޔެ ބޭއްވުނު މި ޚާއްޞަ ރަސްމިއްޔާތުގައި ރާއްޖޭގެ ކޮރަޕްޝަނުގެ ޙާލަތާގުޅޭގޮތުން ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓެއްވެސް ދެއްކިއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×