އެންޓި-ކޮރަޕްޝަން ކޮމިޝަނުން ޞިއްޙީ ދާއިރާގެ ކޮރަޕްޝަން ރިސްކް އެސެސްމެންޓް ދިރާސާއެއް ހަދައި ރިޕޯޓު އާންމުކޮށްފި

10 Dec 2015

އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތައްޔާރުކުރި ޞިއްޙީ ދާއިރާގެ ކޮރަޕްޝަން ރިސްކް އެސެސްމެންޓް ދިރާސާގެ ރިޕޯޓު ނެރެފިއެވެ. މި ރިޕޯޓް ނެރެދެއްވީ، މި އަހަރުގެ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް، 9 ޑިސެމްބަރު 2015 ވީ ބުދަ ދުވަހު ހެނދުނު 10:00 ގައި، ދަރުބާރުގޭ ފާށަނާ މާލަމުގައި ބޭއްވުނު ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ހެލްތް އޮނަރަބަލް އަލްފާޟިލާ އިރުތިޝާމް އާދަމް އެވެ. މި ދިރާސާގެ މައިގަނޑު އަމާޒަކީ ޞިއްޙީ ދާއިރާއަށް ޑޮކްޓަރުން، ނަރުހުން އަދި އެހެނިހެން ފަންނީ ވަޒީފާތަކަށް މުވައްޒަފުން ހޯދާ ހަމަޖެއްސުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންކަން ހުރިތޯއާއި އެފަދަ ކަންކަން ހިނގުމުގެ ފުރުސަތު އޮތްތޯބެލުމާއި އަދި މެޑިކަލް ކޮންސިއުމަބަލްސްއާއި، ރީއެޖެންޓްސްއާއި އަދި މެޝިނަރީ ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ހުރިތޯއާއި އެފަދަ ކަންކަން ހިނގުމުގެ ފުރުޞަތުތައް އޮތްތޯ ބެލުމެވެ. މި ރިޕޯޓުގައި ފާހަކޮށްފައިވާ ކަންކަމުގެ ސަބަބުން ހާމަކަން ބޮޑު ގޮތެއްގައި މަސައްކަތްކުރުމަށް ބޭނުންވާ އުޞޫލުތައް ފުރިހަމަކުރުމަށް ބާރުއެޅިގެންދާނެއެވެ. މި ރަސްމިއްޔާތުގައި، މިނިސްޓަރ ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ޞިއްޙީ ދާއިރާއަކީ ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކުރެވޭ އެއް ދާއިރާކަމުގައާއި، އަދި 7000 އެއްހާ މުވައްޒަފުން މަސައްކަތްކުރާ ދާއިރާއެއްކަމުން ހުރިހާ ކަމެއް ވެސް ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދެވޭނެ އިންތިޒާމެއް ހަމަޖައްސަން ޖެހޭކަން ފާހަގަކުރެއްވިއެވެ. އަދި މި ދާއިރާއަކީ ރައްޔިތުން އިތުބާރުކުރާ ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދޭ ދާއިރާއަކަށް ވުމަށާއި ކޮރަޕްޝަންގެ އެއްވެސް ޢަމަލެއް ހިނގިޔަ ނުދޭން ބާރުއެޅުމަށް އިލްތިމާސްކުރެއްވިއެވެ. އޭސީސީން އިސްނަގައިގެން ކުރެއްވި މި ދިރާސާގެ މަސައްކަތް ފާހަގަކޮށް ކޮމިޝަންގެ ރައީސްއަށާއި މެންބަރުންނަށާއި އަދި ކޮމިޝަންގެ އެންމެހާ މުވައްޒަފުންނަށް މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ. އަދި އޭސީސީގެ މި އިސްނެންގެވުން ނަމޫނާއަކަށް ދެކިގެން އެހެން މުއައްސަސާތަކުން ސަރުކާރުގެ އެކި އޮފީސްތަކަށް ބޭނުންވާ “އިންޑިޕެންޑެންޓް އިންކުއަރީ” ހައްދަވާދެއްވައި ދައުލަތް ހިންގުން ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންކަން ހުށަހަޅައިދެއްވުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތްގެ އިތުރުން ޕްރޮސިކިއުޓަރ ޖެނެރަލާއި، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އާއި، ހިއުމަން ރައިޓްސް ކޮމިޝަންގެ ރައިސާއާއި، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސްއާއި، އިންފޮމޭޝަން ކޮމިޝަނަރ އާއި ބައެއް މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާއި އަދި ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×