“އިމްތިޙާނު”

15 Dec 2015

 

އެންމެ ފަހުން ކަންކަން ނިމިގެންދިޔައިރު މުދައްރިސުން ނާދެއެވެ. އޭރު މާ ލަސްވެއްޖެއެވެ. އިމްތިޙާނާ ބެހޭ އޮފިސަރުން އިމްތިޙާން ކުރިޔަށް ދާގޮތް ބެލުމުގައި މަދަރުސާގައި އޭރު ޙަރަކާތްތެރިވާން ފަށައިފިއެވެ. އިމްތިޙާން ކަރުދާހުގެ ސުވާލުތަކުގެ ޖަވާބުތަށް ހޯދުނު ނަމަވެސް ދަރިވަރުންނަށް އެޖަވާބުތަށް ފޯރުކޮށްދޭނެ ފުރުޞަތެއް މުދައްރިސުންނަކަށް ނުލިބުނެވެ.

ގާނާގެ މަތީ ސާނަވީ މަދަރުސާއެއްގައި، ސްކޫލް ނިންމާ އެންމެ ފަހު އިމްތިޙާނުތަކުގައި ބައިވެރިވާ ދަރިވަރުން އަތުން، ދަރިވަރުން އިމްތިޙާނުން ފާސްވާން އެހީވުމުގެ ގޮތުން، 35 ޑޮލަރު، އެކުދީންގެ މުދައްރިސުން ރިޝްވަތުގެ ގޮތުގައި ނަގާތާ އެތަކެއް އަހަރެއް ވޭތުވެގެން ދިޔައީއެވެ. މަތީ ތަޢުލީމު ހޯދުމަށްޓަކައި ޔުނިވަރސިޓީ އަށް ވަދެވެން އޮންނަނީ މިއިމްތިޙާނުތަކުން ފާސްވެގެން ކަމުން ދަރިވަރުންނާއި އެކުދީންގެ ޢާއިލާތަކަށް މި ފައިސާ ދިނުމާ ދެކޮޅުހަދަން ވަރަށް އުނދަގޫވެއެވެ. ރިޝްވަތު ނެގުމުގެ މިނުބައި އާދަ މިގޮތަށް އަށަގެންފައި ވަނިކޮށް ކަންކަން އިތުރަށް ގޯސްވާން މެދުވެރިވީ މުދައްރިސުން އެމީހުން ހޯދަމުން އައި ފައިސާ އިތުރުކުރުމުގެ ގޮތުން ޚުދު މަދަރުސާގެ ވެރީންގެ އަތުން 5900 ޑޮލަރު ހޯދުމަށް އެދުމުންނެވެ. އެއީ އިމްތިޙާނު ހަދާ ދަރިވަރުންގެ ތެރެއިން ފާސްވާ ނިސްބަތް މަތިވުމުން މަދަރުސާއަށް ރީތިނަމާއި ޝަރަފު ލިބޭނެތީއެވެ.

ކޯފީ އަކީ އެމަދަރުސާގައި ހިސާބު ކިޔަވައިދޭތާ ވަރަށް ގިނަދުވަސްވެފައިވާ މުދައްރިސެކެވެ. އޭނާ ދެކޭ ގޮތުގައި ދަރިވަރުން އަތުން މިގޮތަށް ފައިސާ އަތުލުމަކީ ހަމައެކަނި ބޮޑު ގޯހެއް ނޫނެވެ. ހަމައެއާއެކު އެއީ މަދަރުސާއަށް އެކަން ކުރުމުގެ ޤާބިލިއްޔަތުކަން ލިބިފައިވާ ކަމެއްވެސް ނޫނެވެ. 5900 ޑޮލަރުގެ ފައިސާއަކީ ދައްކަން ދަތި ޢަދަދެކެވެ. އަދި އެއީ ގާތްގަނޑަކަށް 15 ދަރިވަރެއްގެ އަހަރީ ޓިއުޝަން ފީއަށްވެސް ޚަރަދުވާނެ ވަރެވެ.

ކޯފީ ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލްގެ މަރުކަޒަށް އައިއިރު މަދަރުސާގެ އަހަރީ އިމްތިޙާން ކުރިޔަށް ދަނީއެވެ. އެހެންކަމުން، މިމައްސަލައާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތްކުރަން ޖެހުނީ ވީހާވެސް ހަލުވިކޮށެވެ. އެގޮތުން ވަގުތުން ރަސްމީ ސިޓީއެއް އިމްތިޙާނާ ބެހޭ އިދާރާތަކަށް ފޮނުވިއެވެ. އަދި އެއިދާރާތަކުން، ޖެހިގެން އައި ދުވަހު އޮފިސަރުންތަކެއް އެ މަދަރުސާއަށް ފޮނުވިއެވެ.

ރިޝްވަތު އަތުލަން އުޅުނު މުދައްރިސުންނަށް، ދަރިވަރުންނަށް މަކަރު ހަދަން އެހީވާކަށް ފުރުޞަތެއް ނުލިބުނެވެ. އަދި އެމީހުންނަށް ރިޝްވަތު އަތުލުމުގެ ފުރުޞަތެއް ވެސް ނުލިބުނެވެ. އެންމެ މުދައްރިސެއް ކަމާ ގުޅޭގޮތުން ވާހަކަދައްކުމުގެ ސަބަބުންނާއި، ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލްގެ މަރުކަޒާއި ކަމާގުޅުންހުރި އިދާރާތަކުން މިކަމުގެ ތެރެއަށްވަދެ، ހުރަސްއެޅުމުގެ ސަބަބުން ރިޝްވަތު އަތުލުމުގެ މި ބޮޑު މައްސަލަ ހުއްޓިގެން ދިޔައެވެ. ނަމަވެސް މިއީ މިގޮތަށް ހިނަގަމުންދާ އެތައް ބައިވަރު ބޮޑެތި ޖަރީމާތަކެއްގެ ތެރެއިން ހަމަ އެންމެ މައްސަލައެކެވެ. އެހެންކަމުން ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލް އިން އަންނަނީ މަދަރުސާތަކާއި ތަޢުލީމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ގާނާ އަދި އެހެނިހެން ޤައުމުތަކުގެ ތަޢުލީމީ ނިޒާމްތަކުގެ ތެރޭގައި ހިނގާ ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުވައި ކޮރަޕްޝަނަށް މަގުފަހިވިޔަނުދިނުމަށް ގުޅިގެން މަސައްކަތް ކުރަމުންނެވެ.

*ނަންތައް ބަދަލުކުރެވިފައި

 

ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ، “True stories” ގެ ތެރެއިން ނަގާފައިވާ “cheat sheets” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ. މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” ދީގެން ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.
https://www.transparency.org/news/story/cheat_sheets



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×