ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިސްނަގައިގެން ޕަބްލިކް ސަރވިސް މީޑިއާއާއި، ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގެ އެހީތެރިކަމާއެކު، “ނަޒާހާތްތެރި މުޖުތަމަޢަކަށް ރައްޔިތުން ކުރާ އުއްމީދު” ގެ ނަމުގައި ޕެނަލް ޑިސްކަޝަނެއް ބާއްވައިފިއެވެ. މި ޙަރަކާތުގެ މައިގަނޑު މަޤްޞަދަކީ، ނަޒާހަތްތެރިކަމާމެދު އާންމުން ހޭލުންތެރިކުރުވުމާއި، އޭސީސީއިން ދައުލަތުގެ އިދާރާތަކާ ގުޅިގެން ތަރައްޤީކުރަމުންދާ ޤައުމީ ނަޒާހަތްތެރިކަމުގެ ޕްލޭނުގެ މުހިންމުކަން އަންގައިދިނުމާއި، ރާއްޖޭގައި ނަޒާހަތްތެރިކަމުގެ ޤައުމީ ނިޒާމުގައި ހުރި މައްސަލަތަކަކީ ބަހުސްކުރެވި އެކަންކަމާމެދު ވާހަކަދެކެވޭ ކަންކަމަށް ހެދުމެވެ. މި ޕެނަލް ޑިސްކަޝަންގައި މަޝްވަރާކުރެވުނު މައުޟޫޢުތަކަށް މަޢުލޫމާތު ދެއްވެވީ އޭސީސީގެ ނައިބުރައިސް އަލްއުސްތާޛު މުޢައްވިޒް ރަޝީދާއި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ރައީސް އަލްފާޟިލް މުޙައްމަދު ފަރުހާދާއި، ހިއުމަންރައިޓްސް ކޮމިޝަންގެ މެމްބަރު، އަލްފާޟިލާ ނައިވީން ޢަބްދުﷲ ގެ އިތުރުން އާންމު ފަރުދުން ތަމްޞީލުކުރާ ފަރާތެއްގެ ގޮތުން އަލްފާޟިލް މުޙައްމަދު ޝިހާބެވެ. މި ޕްރޮގްރާމްގައި އޭސީސީއިން މުޅިން އަލަށް ތައްޔާރުކުރި “ގޭމް ހާސާ” ތަޢާރަފްކޮށްފައިވެއެވެ. މި ޕެނަލްޑިސްކަޝަންގައި އޯޑިއަންސްގެ ސުވާލުތަކާއި ޚިޔާލުތަކާ ގުޅޭގޮތުން ޕެނަލިސްޓުން ޖަވާބުދެއްވައި މަޝަވަރާކުރެވުނެވެ.