ބިތުފަންގިނަގާ ފުލުހުން

21 Dec 2015

މައުރީސް މެކޭބް އާއި ޖޯން ވިލްސަން އަކީ މުޖުތަމަޢުގައި އިޙްތިރާމާއި ޤަދަރުލިބިފައިވާ އަޔަލެންޑުގެ ދެފުލުހުންނެވެ. 2012 ގެ ތެރޭގައި، ޓްރެފިކުގެ ކުށާބެހޭ ބައެއް މައްސަލަތަކުގެ ރެކޯޑު ފުހެލައި އެފަދަ އެތައް މައްސަލަތަކުގެ އަސްލަށް ބަދަލު ގެނެސްފައިވާ ކަމުގެ ހެކި މި ދެ ފުލުހުންނަށް ފެނުނެވެ. މި ދެ ފުލުހުންނަކީ އިޚްލާސްތެރި އަދި ނަޒާހަތްތެރި ދެ ފުލުހުން ކަމުގައިވުމުން، ފާހަގަ ކުރެވުނު ކަންކަން ކަމާގުޅުންހުރި ފަރާތްތަކަށް ވަގުތުން ރިޕޯޓުކުރިއެވެ. މެކޭބް އާއި ވިލްސަން ބުނިގޮތުގައި ޓްރެފިކް ކުށްތަކާއި ގުޅިގެން ކުރެވިފައިވާ ޖޫރިމަނާތަކާ ދެވިފައިވާ އަދަބުތަކުގެ ރެކޯޑު ދިޔައީ ސިސްޓަމުން ފޮހެލަމުންނެވެ. އަދި މިއީ މުޅި އަޔަލެންޑުގެ އެކި އަވަށްތަކާއި ސިޓީތަކުގައި ހިންގަމުންދާ ޖަރީމާތަކެއްކަމުގައި އެމީހުންނަށް ޤަބޫލުކުރެވުނެވެ. މިކަންކަމުން ނާޖާއިޒު ފައިދާ ހޯދަމުންދިޔަ މީހުންގެ ތެރޭގައި މަޝްހޫރު ރަގްބީ ކުޅުންތެރިޔަކާއި، ފަނޑިޔާރަކާއި، މަޝްހޫރު ނޫސްވެރިޔަކާއި ފުލުހުންގެ އޮފިސަރުންތަކެއް ހިމެނެއެވެ.
ޤައުމުގެ މާލީ ޙާލަތު ދަށްވެފައިވާ އެ ދަނޑިވަޅުގައި، ދައްކަންޖެހޭ މިފަދަ ޖޫރިމަނާއާއި އެހެނިހެން ފައިސާ ނުދެއްކުމުގެ ސަބަބުން ގަވައިދުން ޓެކުސް ދައްކަމުންދިޔަ ފަރާތްތަކަށް، ގާތްގަނޑަކަށް 1.5 މިލިޔަން ޔޫރޯގެ ގެއްލުން ކޮންމެ އަހަރަކު ލިބެމުންދިޔައެވެ. އަދި ފަރުވާކުޑަކޮށް ދުއްވާ، ޓްރެފިކުގެ ކުށްތަކަށް އަރައިގަންނަ މީހުންނާމެދު ފިޔަވަޅު ނޭޅި ދޫކޮށްލެވިފައިވެއެވެ. މި މުއްދަތުގެ ތެރޭގައި އެފަދަ ޓްރެފިކުގެ ކުށްތަކަށް އަރައިގަންނަ މީހުންނާމެދު ފިޔަވަޅު އެޅި، ޤާނޫނާ ގަވާއިދުތަކަށް ޢަމަލުކުރެވުނުނަމަ، ނުރައްކާތެރި ހާދިސާތަކުގެ ތެރެއިން 7 ހާދިސާއެއް ހުއްޓުވުނީހެވެ.
ކަންކަން މިހެންހުރި ވަގުތެއްގައި، މެކޭބް އާއި ޖޯން ވިލްސަން މިމައްސަލަތައް ފެންމަތިކުރުވުމުން އެމީހުންގެ ހިތްވަރުގަދަކަމާއި ކެރުންތެރިކަން ފާހަގަ ކުރާނެ ކަމަށް ހީވެފައި އޮތްނަމަވެސް ކަންހިނގައި ދިޔައީ މިއާ މުޅީން ޚިލާފަށެވެ. އެމީހުންގެ ޝަކުވާތަކަށް ދެވުނީ ބީރު ކަންފަތެކެވެ. ފުލުހުންގެ އިސް ފަރާތްތަކުން އެކަމާމެދު އެއްވެސް ފިޔަވަޅެއް ނޭޅިއިރު، ޕޮލިސް ކޮމިޝަނަރާއި، ޖަސްޓިސް މިނިސްޓަރާއި، ޤައުމުގެ ބޮޑުވަޒީރުވެސް ޝަކުވާތަކަށް ދިނީ ބީރު ކަންފަތެކެވެ. އަދި މީގެ އިތުރުން، އެމީހުންގެ ވަޒީފާގެ މާހައުލުގައި ގޮންޖެހުންތަކާ ކުރިމަތިވެ، އެކަމާމެދު އެއްވެސް ފިޔަވަޅެއް ނޭޅި، ބަލަން ތިބެން ޖެހުނީއެވެ. އަދި އެ ދެ މީހުންނަށް ފުލުހުންގެ ޑޭޓާބޭސް ބޭނުންކުރުން މަނާކުރެވި، އެމީހުންގެ ވަޒީފާ ފުރިހަމައަށް އަދާކުރަން ދަތިވިއެވެ. އަދި، އެ ދެ މީހުންނަށް ޖެއްސުންކުރުމުގެ ގޮތުން، ގެޔަށް ހުއްދައާއި ނުލައި ވަނުމާއި، ޗުއްޓީގައި ތިބޭއިރު ފޯނަށް ގުޅުމާއި، ކޯޓު އަމުރަކާނުލައި އެ ދެ މީހުން ހިފަހަށްޓައި ބަލައި ފާސްކުރުމުގެ ޢަމަލުތައްވެސް ހިންގާފައިވެއެވެ. “އެކަމުގެ ސަބަބުން އަހަރެންނާއި، އަހަރެން ކުރަމުން އައި މަސައްކަތާއި އަދި އަހަރެންގެ ޢާއިލާއަށް ބޮޑެތި ގެއްލުންތައް ލިބެމުންދިޔަ” މެކޭބް ފަހުން ބުނެފައިވެއެވެ.
ވިލްސަން އެންމެފަހުން އޭނާގެ ވަޒީފާއިން ވަކިވިއެވެ. ނަމަވެސް މެކޭބް ފުލުސް އޮފީހުގައި މަސައްކަތް ކުރަމުން ގެންދިޔައީއެވެ. އަދި އޭނާ ކުރަމުންގެންދިޔަ ޝަކުވާއާ ގުޅިގެން ހެކިބަސް ދީފިނަމަ އޭނާޔާ މެދު ސުލޫކީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުދެމުން ގެންދިޔައެވެ.
އެމީހުންނަށް ކުރިމަތިވަމުން ދިޔަ އުނދަގޫތައް އިތުރުވެ، ކަންކަން ގޯހުންގޯހަށް ދާންފެށުމުގެ ސަބަބުން އެންމެ ފަހުން އައިރިޝް ވިސްޓްލްބްލޯވާ ހެލްޕްލައިން (މައްސަލަ ޖައްސާފަރާތްތައް ގުޅާ އެހީގެ ނަންބަރު) އަށް އެމީހުން ގުޅިއެވެ. މެކޭބް ބުނިގޮތުގައި މިފޯނު ކޯލުގެ ސަބަބުން މުޅި މައްސަލަ ބަދަލުވެގެން ދިޔައެވެ. އަދި އޭނާއާއި އޭނާގެ ޢާއިލާއަށް ލިބުނު އެހީތެރިކަމާއި އެއްބާރުލުމާ ނުލައި އަހަރުމެންނަށް މިކަމުން ސަލާމަތް ނުވެވުނީހެވެ.
މިކަންކަމުގެ ސަބަބުން މިދެފުލުހުންނަށާއި ޢާއިލާއަށް ލިބުނު ތަފާތު ގެއްލުންތައް ތަޙައްމަލުކުރުމަށް އެހީވުމާއެކު، ހުށަހަޅާފައިވާ މައްސަލަތައް، ހާމަކަންބޮޑުގޮތެއްގައި ތަޙްޤީޤުކޮށް މައްސަލަބެލުމަށް “އައިރިޝް ވިސްޓްލްބްލޯވާ ހެލްޕްލައިން” އިން ގޮވާލާފައިވެއެވެ. މި ހިސާބުން، ސަރުކާރުގެ ތަރުޖަމާނުންނާއި ބައެއް ނޫސްވެރިން އެދެފުލުހުން ޖައްސާފައިވާ މައްސަލަތަކަކީ، އެހެން ފަރާތްތަކުގެ ބޮލުގައި އަޅުވާ ދޮގު އިލްޒާމްތަކެއް ކަމަށް ހާމަކުރަންފެށިއެވެ. މީގެ އިތުރުން ޕޮލިސް ކަމިޝަނަރުވެސް ދިޔައީ އެމީހުންގެ ޢަމަލްތައް ކުށްވެރިކޮށް “މުޑުދާރު” ޢަމަލްތަކެއް ކަމަށް ބުނަމުންނެވެ. ނަމަވެސް، “އައިރިޝް ވިސްޓްލްބްލޯވާ ހެލްޕްލައިން” އިން މި ދެ ފުލުހުންނަށް އެހީވުމުގައި ސާބިތުކަންމަތީ ތިއްބެވެ.
ފަލަސުރުޚީ ތަކުގައި މި ވާހަކަތައް ދެކެވެން ފެށުމުން ދަޢުވާތަކާ ގުޅިގެން ރަސްމީ ރިޕޯޓުތައް މިކަމާ ގުޅޭގޮތުން ތައްޔާރުކުރެވެން ފެށުނެވެ. މިގޮތުން، ތައްޔާރުކުރެވިފައިވާ ރިޕޯޓުތަކުން ދައްކާގޮތުގައި ހަމައެކަނި 2011 ވަނަ އަހަރާއި 2012 ވަނަ އަހަރު ތެރޭގައިވެސް 9000 އަށް ވުރެ ގިނަ ޓްރެފިކް މައްސަލަ ސުވާލުއުފެދޭ ފަދަ ގޮތްތަކަކަށް ނުބަލައި ދޫކޮށްލާފައިވެއެވެ. ނަތީޖާއަކަށް ވެގެންދިޔައީ މި މައްސަލަތައް ތަޙްޤީޤުކުރުމަށް ކޮމިޝަނެއް އެކުލަވާލެވި އިތުރު މައްސަލަތައް ދިރާސާކުރަން ފެށުމެވެ. އަދި ހަމައެއާއެކު ޖަސްޓިސް މިނިސްޓަރާއި ޕޮލިސް ކޮމިޝަނަރު އިސްތިއުފާދީ ރިޓަޔާ ކުރިއެވެ. އަދި އަޔަލެންޑްގެ ސަރުކާރުން މެކޭބް އާއި ވިލްސަން ކިބައިން މަޢާފަށް އެދުނެވެ. މީގެއިތުރުން އަޔަލެންޑްގެ އާންމުން އެދެމީހުންގެ ކެރުމާއި ހިތްވަރަށް “ޕީޕަލް އޮފް ދަ އިޔަރ” ގެ އެވޯޑް އެދެފަރާތަށް ދިނެވެ. ހަމައެއާއެކު ފުލުހުންގެ އަދި މިނިސްޓްރީގެ އާ ލީޑަޝިޕުން ވަނީ ފުލުހުން ޝަކުވާކުރާނެ ހަރުދަނާ ދެފުށްފެންނަ ފުރިހަމަ ނިޒާމެއް ޤާއިމްކުރުމަށް ވަޢުދުވެފައެވެ. އެންމެފަހުން ނަޞްރު ލިބިގެންދިޔައީ މެކޭބް އާއި ޖޯން ވިލްސަން އަށެވެ.
މިހާރު “އައިރިޝް ވިސްޓްލްބްލޯވާ ހެލްޕްލައިން” އަންނަނީ އެހެން ފަރާތްތަކާމެދު އެފަދައިން މުޢާމަލާތު ނުކުރެވޭކަން ޔަޤީން ކުރުމަށް ގޮވާލަމުންނެވެ!

ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ،“True stories” ގެ ތެރެއިން ނަގާފައިވާ “Police Whistleblowers” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ. މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” ދީގެން ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.

https://www.transparency.org/news/story/police_whistleblowers



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×