ކޮރަޕްޝަންގެ މައްސަލަތައް ތަޙްޤީޤު ކުރުމާއި ދަޢުވާ އުފުލުމުގެ ނިޒާމް ހަރުދަނާކުރުމަށް މަޝްވަރާ ކޮށްފި

22 Dec 2015

އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހިންގާ ތަޙްޤީޤުތައް ހަލުއިކޮށް ހަރުދަނާ ކުރުމުގައި ޕީޖީ އޮފީހުގެ ފަރާތުން ބޭނުންވާ އެހީތެރިކަން ހޯދުމާ ބެހޭގޮތުންނާއި، ތަޙްޤީޤު ނިންމުމަށް ފަހު ދަޢުވާ އުފުލުމަށް ޕީޖީ އޮފީހަށް ފޮނުވާ މައްސަލަތަކުގައި ދަޢުވާ އުފުލުމުގެ މަރްޙަލާ ހަލުއިކުރާއި، ކޮރަޕްޝަންގެ މައްސަލަތަކުގެ ޝަރީޢަތް ކޯޓުތަކުގައި ކުރިއަށްދާއިރު، ޤާނޫނީ އިމުގެ ތެރެއިން ދެމުއައްސަސާއިން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުންނާއި، ދެމުއައްސަސާގެ ފަންނީ ޤާބިލުކަން ޙިއްޞާކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުން މަޝްވަރާ ކުރުމަށް ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި އޭސީސީގެ ފަރާތުން ޕީޖީ އޮފީހަށް ފޮނުވާ މައްސަލަތަކުގައި ދަޢުވާ އުފުލުމާމެދު ޕީޖީން ނިންމަވާގޮތެއް ނިންމެވުން މިހާރަށްވުރެ އަވަސްވާނެ ގޮތަކާމެދުއާއި، އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ޙާލަތުގައި އޭސީސީއަށް ޕީޖީން ފޮނުވާ މައްސަލަތަކުގައި އެކަންކަން ސާފުކޮށްދިނުން އަވަސް ކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި، ކޮރަޕްޝަންގެ މައްސަލަތައް ޝަރީޢަތަށް ސާބިތު ކުރުމުގައި ކުރިމަތިވާ ގޮންޖެހުންތައް ދެމުއައްސަސާއިން ގުޅިގެން ޙައްލުކުރުމާބެހޭގޮތުން ފުޅާދާއިރާއެއްގައިވަނީ މަޝްވަރާކުރެވިފައެވެ. އަދި ކުރިއަށް އޮތްތަނުގައި ކޮރަޕްޝަންގެ މައްސަލަތައް ތަޙްޤީޤު ކުރުމާއި ޝަރްޢީ މަރްޙަލާގައި ދެމުއައްސަސާއިން މިހާރަށް ވުރެ ފުޅާދާއިރާއެއްގައި ގުޅިގެން ޤާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރުމަށް ދެމުއައްސަސާއިންވަނީ އެއްބަސްވެފައެވެ.

މިބައްދަލުވުމުގައި، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ބައެއް މެމްބަރުންނާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ބައެއް އިސްވެރިން ބައިވެރިވިއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×