ތެދުވެރިކަމާއެކީ ޑްރައިވިންގ ލައިސަންސް ހޯދުން

27 Dec 2015

ކާރޫބާރޫ ބޮޑު ހަލަބޮލި މަގެއްގައި މާޓިން (ނަން ބަދަލުކުރެވިފައި) އޭނާޔަށް ކާރު ދުވަން ދަސްކޮށްދޭ އިންސްޓްރަކްޓަރާއެކީ ކާރު ދުއްވަމުން ގެންދިޔައެވެ. އެއީ އޭނާގެ ލައިސަންސް ޓެސްޓުގެ އެތައް ދުވަހެއް ކުރިއެވެ. އަދި ލައިންސަންސް ލިބެން އުޅޭތީ މާޓިން ހުރީ ވަރަށް އުފަލުންނެވެ. ދުވަސްތައް މާޒީ ވަމުންގޮސް އޭނާގެ ޑްރައިވިންގ ކިލާސްތައް ނިމިއްޖެއެވެ. އެންމެ ފަހު ކިލާސް ނިމުމުން އޭނާގެ މުދައްރިސުގެ ފަރާތުން އެންމެ ފަހުގެ އިރުޝާދާއި ނަސޭޙަތަށް އެދުނެވެ. ނަމަވެސް އެނާގެ މުދައްރިސްގެ ފަރާތުން ލިބުނު އިރުޝާދުތަކަކީ އެނާ އެއްގޮތަކަށްވެސް އަޑުއަހަން ބޭނުންވި ވާހަކަތަކެއް ނޫނެވެ.
އޭނާގެ މުދައްރިސް ބުނިގޮތުގައި ޑްރައިވިންގ އިމްތިޙާނުން ފާސްވުމަށްޓަކައި މާޓިން އިމްތިޙާނުގެ ކަންކަމާ ޙަވާލުވެ ހުންނަ ފަރާތަށް 25،000 ހަންގޭރިޔަން ފޮރިންޓްސް (100 ޔޫ.އެސް.ޑޮލަރު) ގެ ރިޝްވަތެއް ދޭންޖެހޭނެއެވެ. އަދި އިމްތިޙާނު ފެށުމުގެ ކުރީން އިމްތިޙާނުކުރާ ފަރާތަށް އެފައިސާ ފޯރުކޮށްދޭން އެހީތެރިވެދާނެކަމަށް ވެސް މާޓިންގެ މުދައްރިސް އޭނާ ގާތުގައި ބުންޏެވެ. މާޓިން މިވާހަކަތައް އަޑުއިވިފައި ހުރީ މިކަމާމެދު ކުރާނެ ކަމެއް ނޭނގި ގޮތް ހުސްވެފައެވެ. އަދި މިއީ އޭނާ އެއްގޮތަކަށްވެސް ކުރަން ބޭނުން ކަމެއް ނޫނެވެ. އިމްތިޙާންގެ ކުރިން ފައިސާ ޙަވާލުކުރަންޖެހޭތީ ފައިސާ ނުދައްކާ ފަރުޖެއްސޭނެ ގޮތެއް ނުވަތަ އެޅިދާނެ ފިޔަވަޅެއް އިންޓަނެޓްގެ ޒަރިއްޔާއިން ހޯދަމުން ގެންދިޔައެވެ. އެގޮތުން އޭނާޔަށް ކޮރަޕްޝަނުގެ ޢަމަލުތަކުގެ ޝިކާރައަކަށްވާ ފަރާތްތަކުން ކަންކަން ކުރަންވީ ގޮތާބެހޭގޮތުން ތަފާތު އެކިއެކި ވާހަކަތައް ހިމެނޭ ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލް(ޓީ.އައި)ގެ ހަންގޭރީ މަރުކަޒުގެ ވެބްސައިޓް ފެނުނެވެ. އަދި އެނާޔަށް ދިމާވެފައިވާ މައްސަލަޔަށް ޙައްލެއް ހޯދުމުގައި ޓީ.އައިގެ މަރުކަޒަށް އެހީވެވިދާނެ ކަމަށް ބަލައި އިމްތިޙާން ފެށެން ގާތްގަނޑަކަށް 30 މިނެޓަށްވެފައި ވަނިކޮށް އޭނާ ޓީ.އައިގެ ހަންގޭރީ މަރުކަޒަށް ފޯނުން ގުޅިއެވެ. އަދި އެނާޔަށް ދިމާވެފައިވާ ހާދިސާގެ ވާހަކަތައް ޙިއްޞާކުރިއެވެ.
މަރުކަޒުގައި މަސައްކަތް ކުރާ ފަންނީ މުވައްޒަފެއް ކަމަށްވާ، މައިކްލޯސް ލެގެޓީ ބުނިގޮތުގައި “މިމައްސަލަ ވަގުތުން ވަގުތަށް ފުލުހުންނަށް ރިޕޯޓުކުރާނެ ވަގުތެއް އަހަރުމެންނަކަށް ނުލިބުނެވެ. އެހެންކަމުން، އަހަރުމެން މާޓިންއަށް ފައިސާ ނުލިބޭ ކަމަށް ބުނެ އޭނާގެ މުދައްރިސާ ފައިސާ ޙަވާލުކުރުން ފަސްކުރުމަށް އަހަރުމެން އިރުޝާދު ދިނީމެވެ. އަދި އިތުރު ވަގުތު ހޯދައި ވީހާވެސް އަވަހަށް އަހަރުމެން އެމައްސަލަ ފުލުހުންނަށް ރިޕޯޓުކުރީމެވެ”
ޓީ.އައިގެ ހަންގޭރީ މަރުކަޒުގެ އެހީތެރިކަމާއި އެއްބާރުލުމުގެ ސަބަބުން ފުލުހުންގެ ޚާއްޞަ އޮޕަރޭޝަނުގައި ބައިވެރިވުމަށް މާޓިން އެއްބަސްވިއެވެ. އަދި އޭނާގެ މުދައްރިސަށް ގުޅައި ފައިސާ ޙަވާލުކުރާނެ ގަޑިއާއި ތަނެއް ހަމަޖެއްސިއެވެ. މިވަގުތުކޮޅުގެ ބޭނުން ހިފައި ފުލުހުން ބޭންކު ނޫޓުތަކުގެ ސީރިއަލް ނަންބަރުތައް ރެކޯޑުކުރިއެވެ. މާޓިން އެނާގެ މުދައްރިސާ ފައިސާ ޙަވާލުކުރި ހިސާބުން ފެށިގެން ފުލުހުން އޭނާގެ މުދައްރިސަށް ފާރަލަމުން ގެންދިޔައެވެ. އަދި މާޓިންގެ މުދައްރިސް އިމްތިޙާންކުރާ ފަރާތާއި ފައިސާ ޙަވާލުކުރަނިކޮށް ވީޑިއޯ ހެކިނެގުމަށް ފަހު ދެމީހުން ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. އަދި ނޫޓުތަކުގައި ހުރި ސީރިއަލް ނަންބަރުތަކަކީ ހެކިކަމުގައި ބަލައި މާޓިންގެ ފައިސާ އަނބުރާ އެނާޔަށް ހޯދައިދެވުނެވެ. އަދި މާޓިންއަށް ކޮރަޕްޝަނުން އެއްކިބާވެގެންވާ އިމްތިޙާނެއް ހެދުމުގެ ފުރުޞަތު ލިބިގެންދިޔައެވެ.
މިޙާދިސާގެ ސަބަބުން ކޮރަޕްޝަނުގެ ޢަމަލުތަކަށް ނޫނެކޭ ބުނުމަށް އެހެންމީހުނަށް އިތުރު ހިތްވަރެއް ލިބިގެންދެއެވެ. “އަހަރުމެންގެ ވެބްސައިޓުގައި މިވާހަކަ ޝާޢިއު ކުރެވުމާއެކީ ރިޝްވަތުގެ އެކިއެކި ޢަމަލުތަކާބެހޭ ގޮތުން ރިޕޯޓުކުރާ މީހުންގެ އަދަދުވަނީ ވަރަށް ބޮޑަށް މަތިވެފައެވެ.” ހަންގޭރީ މަރުކަޒުގައި މަސައްކަތް ކުރަމުން އަންނަ މައިކްލޯސް ބުންޏެވެ. “ޕެޓީ ކޮރަޕްޝަނަކީ ހަންގޭރީގައި ޢާންމުވެފައިވާ ކަމެކެވެ. ނަމަވެސް މާޓިންގެ މިވާހަކަޔާއެކީ ޒަމާނުއްސުރެ ހަރުލާފައިވާ މިވިސްނުން މިހާރު އަންނަނީ ބަދަލުވަމުންނެވެ.”
ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ،“True stories” ގެ ތެރެއިން ނަގާފައިވާ “Honesty Test” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ. މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” ދީގެން ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ.

http://www.transparency.org/news/story/honesty_test



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×