އޭސީސީން ތަޙުޤީޤުކޮށްފައިވާ މައްސަލަތަކާއި ގުޅިގެން ދައުލަތަށް އަނބުރާ ހޯދަންޖެހޭކަމަށް ފެންނަ ފައިސާ އަނބުރާ ހޯދުމުގެ ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލަތަކުގެ މަޢުލޫމާތާއި، ދައުލަތަށް ފައިސާ އަނބުރާ ހޯދުމަށް އެދި ދައުލަތުގެ އެކި އިދާރާތަކަށް އަންގާފައިވާ މައްސަލަތަކުގެ މަޢުލޫމާތު، އޭސީސީގެ ފަރާތުން ބަންޑާރަ ނާއިބާ މިއަދު ޙިއްޞާކޮށްފިއެވެ.
01 ޖެނުއަރީ 2009 ން ފެށިގެން 30 ނޮވެންބަރު 2015 ގެ ނިޔަލަށް މިކޮމިޝަނުން ތަޙުޤީޤުކޮށްފައިވާ އެކިއެކި މައްސަލަތަކާއި ގުޅިގެން ދައުލަތަށް އަނބުރާ ހޯދަންޖެހޭކަމަށް ފެންނަ ފައިސާ އަނބުރާ ހޯދުމުގެ ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލަތަކުގައި ހިމެނޭ 511,733,422.52 (ފަސްސަތޭކަ އެގާރަ މިލިއަން ހަތްސަތޭކަ ތިރީސް ތިންހާސް ހަތަރުސަތޭކަ ބާވީސް ރުފިޔާ ފަންސާސް ދެ ލާރި) އާއި، ދައުލަތަށް އަނބުރާ ހޯދުމަށް އެދި ދައުލަތުގެ އެކި އިދާރާތަކަށް އަންގާފައިވާ މައްސަލަތަކުގައި ހިމެނޭ 125,432,817.85 (ސަތޭކަ ފަންސަވީސް މިލިއަން ހަތަރުސަތޭކަ ތިރީސް ދެހާސް އައްސަތޭކަ ސަތާރަ ރުފިޔާ އައްޑިހަ ފަސް ލާރި) އާއެކު މި މުއްދަތުގެ ތެރޭގައި ޖުމްލަ 637,166,240.37 (ހަސަތޭކަ ތިރީސް ހަތްމިލިއަން އެއްސަތޭކަ ފަސްދޮޅަށް ހަ ހާސް ދުއިސައްތަ ސާޅީސް ރުފިޔާ ތިރީސް ހަތް ލާރި) ދައުލަތަށް އަނބުރާ ހޯދައިދިނުމަށް އެދިފައިވާނެއެވެ.