ރެހެންދި ފްލެޓުން ސަރުކާރަށް ދީފައިވާ ފްލެޓްތައް ދޫކުރުމުގެ މައްސަލަ ތަޙުޤީޤުކޮށް ނިންމައިފި

31 Dec 2015

އެފް.ޑަބްލިއު ރެސިޑެންސް، ރެހެނދި ފްލެޓް 2 ން ސަރުކާރަށް ދޫކޮށްފައިވާ ފްލެޓްތައް ޙަވާލުކުރުމާ ބެހޭގޮތުން މިކޮމިޝަނަށް ހުށަހެޅިފައިވާ ޝަކުވާއެއް ބެލިބެލުމުގައި މާލޭ 363 ނަންބަރު ކޮށީގައި އިމާރާތްކުރާ 108 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ފަރާތާ ސަރުކާރާއި ދެމެދު ވެފައިވާ އެއްބަސްވުމުގައި މާލޭގެ 363 ނަންބަރު ކޮށީގައި ޢިމާރާތްކޮށްފައިވާ ރެހެންދި ފްލެޓްގައި ހިމެނޭ 30% ހައުސިން ޔުނިޓަކީ ސަރުކާރުން ކަނޑައަޅާ ފަރާތްތަކަކަށް ވިއްކުމަށް ދޫކުރެވޭ ހައުސިން ޔުނިޓުތަކަކަށް ވާންވާނެކަމަށް ބަޔާންކޮށްފައިވާކަމާއި،

އެ ފްލެޓްތަކުގެ ތެރެއިން ސަރުކާރަށް ވިއްކާ ފްލެޓެއްގެ އަގު 938,630.00 (ނުވަލައްކަ ތިރީސް އަށްހާސް ހަސަތޭކަތަ ތިރީސް) ރުފިޔާ އަށް ވުރެ ބޮޑުވެގެން ނުވާނެކަމަށާއި، އެޑްވާންސް ފައިސާގެ ގޮތުގައި ފްލެޓަކަށް 187,726.00 (އެއްލައްކަ އަށްޑިހަ ހަތްހާސް ހަތްސަތޭކް ސައްބީސް) ރުފިޔާ ޢިމާރާތްކުރާ ފަރާތަށް ދައްކަންވާނެކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާކަމާއި،

ސަރުކާރުގެ ހައުސިންގ ސްކީމްގެ ދަށުން މާލެއާއި ހުޅުމާލޭގައި އިމާރާތްކުރާ 1680 ހައުސިންގ ޔުނިޓް ވިއްކުމުގެ އެންމެހައި ޙައްޤު ތަކާއި ޒިންމާތައް ސަރުކާރުގެ ފަރާތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އަށް ބަދަލުކޮށްފައިވާކަމާއި،

އެޗް.ޑީ.ސީ އާއި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި ދެމެދު ވެފައިވާ އެއްބަސްވުމުގައި ރެހެންދި ފްލެޓްތަކުގެ ތެރެއިން ސަރުކާރަށް ލިބޭ ފްލެޓްތައް 1,500,000.00 (އެއްމިލިޔަން ފަސްލައްކަ) ރުފިޔާ އަށްވުރެ ކުޑަނުވާގޮތަށް އަދި 2,000,000.00 (ދެ މިލިއަން) ރުފިޔާއަށް ވުރެ ބޮޑުނުވާ ގޮތަށް ވިއްކުމަށް އެއްބަސްވެފައިވާކަމާއި،

މާލޭގެ 363 ނަންބަރު ކޮށީގައި (ޓީވީ ކޮށި) ޢިމާރާތްކޮށްފައިވާ ރެހެންދި ފްލެޓްގެ ބްލޮކް 1A ފްލެޓްތަކުގެ ތެރެއިން ސަރުކާރުން ވިއްކުމަށް ނިންމާފައިވާ ފްލެޓްތައް ގަތުމުގެ ފުރުސަތު ދިނުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އުޞޫލެއް އެކުލަވާލާފައިވާކަމާއި އެ އުޞޫލާ އެއްގޮތަށް ފްލެޓް ގަތުމުގެ ފުރުސަތު ދޭނެ ފަރާތްތައް ކަނޑައަޅާފައިވާކަމާއި،

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެކުލަވާލާފައިވާ އުޞޫލުގައިވާގޮތުގެ މަތިން ފްލެޓް ގަތުމުގެ ފުރުސަތު ދީފައިވަނީ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި މިނިވަން މުޢައްސަސާތަކުގެ އިސްވެރިންނަށްކަމާއި،

މިނިވަން މުއައްސަސާތަކުގެ އިސްވެރިންނަށް ފްލެޓް ގަތުމުގެ ފުރުޞަތު ދީފައިވަނީ މާލޭގައި އެމީހެއްގެ ނަމުގައި އެއްވެސް ބިމެއްނެތް އަދި ޢާއިލާގެ ފަރާތުންވެސް މާލޭގައި ބިމެއް ލިބުމުގެ ފުރުޞަތު ތަނަވަސްވެފައިނުވާ މީހުންނަށް ކަމަށްވެސް އެ އުޞޫލުގައި ބަޔާންކޮށްފައިވާކަމާއި،

ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރެހެންދި ފްލެޓްތައް ވިއްކުމަށް ހަމަޖައްސާފައިވަނީ ސްޕްރީމް ކޯޓުގެ އިމާރާތް އެޅުމަށް ދަޢުލަތުން ހަމަޖައްސާފައި އޮތް ބިމުގައި ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އެކަމަޑޭޝަން ހިމެނޭގޮތަށް އެ ބިން ޕްލޭންކޮށްފައި އޮތުމާއެކު، އެ ބިން މިހާރު ސަރުކާރުގެ ބޭނުމަށް ނަގާފައިވާތީއާއި، މާލޭގެ ބިމަކީ ވަރަށް އަގުބޮޑު އެއްޗަކަށްވެފައި، ސްޕްރީމް ކޯޓަށް އަލުން ބިން ހަމަޖައްސާއިރު، ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އެކޮމަޑޭޝަން ނުހިމަނައި، ބިން ހަމަޖެއްސުމުގެ ފުރުސަތު ފަހިވެގެންދާއިރު، ކުރިން ހަމަޖައްސަން ކަނޑައަޅާފައިވާ ވަރަށްވުރެ ކުޑަކޮށް ބިން ހަމަޖެއްސުމުގެ ފުރުސަތު ތަނަވަސްވުމާއި، ސްޕްރީމް ކޯޓުގެ ފަނޑިޔާރުން އެއް ޢިމާރާތެއްގައި ތިބުމުން، ފަނޑިޔާރުންގެ ސަލާމަތީކަންކަން ބެލެހެއްޓުމަށް ދަޢުލަތަށް ފަސޭހަވެގެން ދާނެތީ ކަމަށް ބަޔާންކޮށްފައިވާކަމާއި،

މަތީގައި ބަޔާންކުރެވުނު ފަރާތްތަކަށް ރެހެންދި ފްލެޓްތަކުން އެޕާރޓްމަންޓް ގަތުމުގެ ފުރުޞަތު ދީފައިވަނީ އެފަރާތްތަކުން ފަރުދީ ހައިސިއްޔަތުން ފްލެޓަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ދައްކާ ގޮތަށް ކަމަށްވެސް އެ އުޞޫލުގައި ބަޔާންކޮށްފައިވާކަމާއި،

މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ ތެރެއިން ފްލެޓް ގަތުމުގެ ފުރުސަތު ދޭނެ ފަރާތްތައް ކަނޑައެޅުމުގައި، އެ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބަލާފައިވާކަމާއި އެގޮތުން، މާލޭގައި ދިރިއުޅެމުންދަނީ ކުއްޔަށްތޯއާއި، މާލެއިން ގޯއްޗެއް ލިބިފައިވޭތޯއާއި، އަނބިކަނބަލުން، ފިރިކަލުން، މަންމަ އާއި ބައްޕަ އަށް މާލެއިން ލިބިފައިވާ ގޯތި ގެދޮރުގެ މަޢުލޫމާތު ހޯދާފައިވާކަމާއި،

ދިރިއުޅުމުގެ ޙާލަތު ބަލައި ދިރާސާކުރުމަށްފަހު މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ ތެރެއިން ރެހެންދި ފްލެޓް ގަތުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވަނީ ތިމާގެ އަމިއްލަ ނަމުގައި މާލެއިން ގޯއްޗެއް ނެތް ފަރާތްތަކަށާއި، މައިންބަފައިންގެ މާލޭގެ ގޯތި ގެދޮރު ނެތް ފަރާތްތަކައްކަމާއި،

މިގޮތުން މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ ތެރެއިން ރެހެންދި ފްލެޓް ގަތުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާ 4 ފަރާތަކަށާއި، ސްޕްރީމް ކޯޓުގެ 5 (ފަހެއް) ފަނޑިޔާރުންނަށްކަމާއި،

ސަރުކާރުން ފްލެޓް ވިއްކަން ކަނޑައެޅި 9 (ނުވައެއް) ފަރާތްތަކާއި އެޗް.ޑީ.ސީ އާއެކު ފްލެޓް ވިއްކުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމާއި މި އެއްބަސްވުމުގައި ވާގޮތުން ސަރުކާރުން ފްލެޓްތައް ވިއްކާފައިވަނީ އެފަރާތްތަކުން ފަރުދީ ޙައިސިއްޔަތުން ފްލެޓްތަކަށް ފައިސާ ދައްކާގޮތަށްކަމާއި، މިގޮތުން ފްލެޓެއް ވިއްކާފައިވަނީ 1,600,00.00 (އެއްމިލިޔަން ހަލައްކަ) ރުފިޔާ އަށްކަމާއި،

ފްލެޓަކަށް 938,630.00 (ނުވަލައްކަ ތިރީސް އަށްހާސް ހަސަތޭކަތަ ތިރީސް) ރުފިޔާ ފްލެޓް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ފަރާތަށް ސަރުކާރުން ދައްކަންޖެހޭއިރު، ސަރުކާރުން އެ ފްލެޓްތައް ގަތުމުގެ ފުރުސަތު ދިން ފަރާތްތަކަށް ވިއްކާފައިވަނީ 1,600,00.00 (އެއްމިލިޔަން ހަލައްކަ) ރުފިޔާ އަށްކަމާއި،

އެހެންކަމުން، ސަރުކާރުން ފްލެޓްތައް ގަތުމުގެ ފުރުސަތު ދިން ފަރާތްތަކަށް ވިއްކާފައިވަނީ، ސަރުކާރަށް ފްލެޓެއް ލިބިފައިވާ އަގަށްވުރެ 661,370.00 (ހަލައްކަ ފަސްދޮޅަށް އެއްހާސް ތިންސަތޭކަ ހަތްދިހަ) ރުފިޔާ ބޮޑު އަގެއްގައިކަމާއި މިއީ ދައުލަތަށް ފައިދާވާގޮތަށް ކޮށްފައިވާކަމެއްކަން މިކޮމިޝަނަށް ފާހަގަކުރެވިފައިވާތީ، އަދި އެކަންތައްތަކަށް ބަލާއިރު، މި މައްސަލައިގައި ޤާނޫނު ނަންބަރު 2/2000: (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގައި ބުނާފަދަ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމަށް ފާހަގަކުރެވިފައިނުވާތީ، މި މައްސަލައަކީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން ކޮރަޕްޝަންގެ ކުށެއް ހިމެނިފައިނުވާ މައްސަލައެއް ކަމަށް ކަނޑައަޅައި، މިކޮމިޝަނުން މި މައްސަލަ ވަނީ ނިންމާފައެވެ.

ނަމަވެސް، މިފަދަ ތުޙުމަތެއް ކުރެވިފައިވަނީ އެ ކަމުގައި ޢަމަލުކުރައްވާފައިވާ ގޮތް ހާމަކަން ބޮޑުގޮތެއްގައި ރައްޔިތުންނާ ޙިއްސާކޮށްފައި ނުވާތީކަމަށް މިކޮމިޝަނުން މި މައްސަލަ ބެލިބެލުމުގައި، ފާހަގަކުރެވޭތީ، ކުރިއަށް އޮތްތާނގައި މިފަދަ ކަންތައްތަކުގައި ސަރުކާރުން ޢަމަލުކުރުމަށް ނިންމަވާ އުޞޫލުތައް ވީހާވެސް ތަފްޞީލްކޮށް ރައްޔިތުންނަށް ހާމަކުރުމަށާއި، އަދި ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން ޕްރޮސެސް ނިންމި ގޮތުގެ ތަފްޞީލް މަޢުލޫމާތު ހާމަކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ދަންނަވާފައިވާނެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×