ސުވަރުގޭގެ އަނދިރިފަރާތް

03 Jan 2016

ސުވަރުގެއެއްފަދަ ޗާލު ރަށްތަކެއްގައި، ދުނިޔޭގެ ނަން މަޝްހޫރު އަގުބޮޑު ހޮޓާތައް ހިމެނޭ ދިވެހިރާއްޖޭގައި، 10 ވަރަކަށް މީހުންނަށް ހަމަޖެހިލައިގެން ނިދާލެވޭ ވަރުގެ ތަންކޮޅެއްގައި 50 އަށްވުރެ ގިނަމީހުން ނިދާހަދައެވެ.

އެތަނުގައި އެކަށީގެންވާ މިންވަރަކަށް އެނދެއް ނެތެވެ. އެމީހުން ނިދަންޖެހެނީ ދަންފަޅި ބަހައިގެން ކަމުން އެމީހުންނަށް އަރާމުކުރަން ލިބެނީ ވަރަށް މަދު ވަގުތު ކޮޅެކެވެ. އެމީހުންނަށް ދުވާލަކު 13 ގަޑިއިރު މަސައްކަތް ކުރަންޖެހޭއިރު މުސާރަކޮޅު ނުލިބޭތާ 6 މަސް ދުވަހަށްވުރެ ގިނަދުވަސް ވެފައިވާތީ މަސައްކަތް ނިންމުމަށްފަހު އޭގެފަހުން އޮންނަ ވަގުތުގައިވެސް އެހެން މަސައްކަތްތައް ކުރަން އެމީހުންނަށްވަނީ މަޖުބޫރު ވެފައެވެ.

ފަތުރުވެރިންގެ ތަޖުރިބާއާއި ދުރުގައިވާ މިދެންނެވި ދުނިޔޭގައި، އިންސާނީ ޙައްޤުތަކަށް އަރައިގަތުމާއި އިންސާނީ ކަރާމާތް ނަގައިލުމުގެ މިފަދަ ޢަމަލުތަކަކީ، ދިވެހިރާއްޖޭގައި އުޅެމުންދާކަމަށް ލަފާކުރާ 200،000 ބިދޭސީ މަސައްކަތު މީހުންނަށް ކޮންމެ ދުވަހަކު ކުރިމަތިވާ ޙަޤީޤަތްތަކެވެ.

ބަނގްލާދޭޝްއާއި އިންޑިއާ ފަދަ ޤައުމުތަކުން ހިޖުރަކޮށްފައިވާ މީހުންގެ ތެރެއިން ބައެއް މީހުންނަކީ އެމީހުންގެ ދަތުރަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި އެމީހުންގެ އަތުގައިވާ ހުރިހާ އެއްޗެއް ވިއްކާލުމަށްފަހު އެމީހުންނާއި އެމީހުންގެ ޢާއިލާގެ ބަނޑުފުރާނަ މުއްތި ކުރުމަށްޓަކައި ހަމައެކަނި އެމީހުންނަށް ވަޒީފާދޭ ފަރާތަށް ބަރޯސާވެފައިވާ މީހުންނެވެ. އަނެއްބައި މީހުންނަކީ ހިއުމަން ޓްރެފިކިންގެ ތެރެއިން ގަދަކަމުން އެތެރެކޮށް ވަޒީފާދޭފަރާތާއި ޙަވާލުކުރެވިފައިވާ ބައެއްކަމުން އެމީހުން ފިލާފާނެ ކަމުގެ ބިރަށްޓަކައި، އެމީހުންގެ ޕާސްޕޯޓާއި އަދި އެހެނިހެން ޓެރެވަލް ޑޮކިއުމަންޓްސްވަނީ ވަޒީފާދޭ ފަރާތުގެ ބެލުމުގެ ދަށުގައި ރައްކާކުރެވިފައެވެ.

މިއިން ކޮންމެ ގޮތެއްގައިވެސް ބާރު އޮންނަނީ ވަޒީފާދޭ ފަރާތުގައި ކަމަށްވުމުން، ނަހަމަގޮތުގައި އެމީހުންގެ ބޭނުން ހިފުމާމެދު އެއްޗެއް ބުނަނީ ވަރަށް މަދު މީހެކެވެ.

އެހެންނަމަވެސް ބައެއް މީހުންވަނީ އެކަން ކޮށްފައެވެ. އެމީހުން އެންމެފުރަތަމަ ޝަކުވާހުށަހެޅީ އެމީހުންނަށް ވަޒީފާދިން ފަރާތަށެވެ. އެގޮތުން ރަށުގައިވާ އެމީހުންގެ ޢާއިލާތަކަށް ފޮނުވުމަށް އިންތިހާއަށް ލާރި ބޭނުންވާކަން ވަޒީފާދިން ފަރާތަށް އޮޅުންފިލުވައި ދެވޭތޯ މަސައްކަތް ކުރިއެވެ.

އެހެންނަމަވެސް ކުންފުނިން އެމީހުންނަށް މުސާރަދެވެން ނެތްކަމަށް ބުނެ، އެފަރާތުން އެމީހުން ފޮނުވާލީއެވެ. ދެން އެމީހުން އެމައްސަލަ ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް ހުށަހެޅިއެވެ. އެމީހުން ބުނާގޮތުން އެ މައްސަލަ އެމީހުން ހުށަހެޅިކަން ވަޒީފާދިން ފަރާތަށް އެނގުމުން، އޭނާ އެމީހުންނާއި ކުރިމަތިލައި އެމީހުންތިބޭ ތަނުން އެންމެފަހުން ކަރަންޓް ކަނޑާލީއެވެ.

އެއީ އަހަރުމެންގެ އެހީއަށް އެދި އެމީހުން އައި ހިސާބެވެ. ދިވެހިރާއްޖޭގައި ހުންނަ އަހަރުމެންގެ އެންޓި-ކޮރަޕްޝަން ލީގަލް އެޑްވައިސް ސެންޓަރުން ސީދާގޮތެއްގައި ބިދޭސީ މަސައްކަތު މީހުންނާއެކު ދަނީ މަސައްކަތް ކުރަމުންނެވެ. މާލީ ދަތިތަކާއި މުޢާމަލާތު ކުރުމަށް ބޭނުންވާ ބަސް ނޭގުމުގެ ސަބަބުން ޢަދުލު އިންސާފު ނުލިބިވާ އެތައް ސަތޭކަ ބަޔަކަށް މިދެންނެވި ލީގަލް ސެންޓަރުން ދަނީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.

އެމީހުންގެ ވާހަކަ އަޑު އެހުމަށްފަހު، އެމީހުންގެ ފަރާތުން ހިއުމަން ރައިޓްސް ކޮމިޝަނާ އެމީހުންނާއި ގުޅުވާދެވުނެވެ. އަދި އެމީހުން ތިބީ އެކަނި ނޫންކަން އެނގުމާއިއެކު، 24 ގަޑިއިރުވެސް ނުވަނީސް އެމީހުންނަށް ވަޒީފާދިން ފަރާތުން އަލުން ކަރަންޓް ގުޅައިދީފައި ވެއެވެ.

މިހާރު އެ މައްސަލަ ދަނީ ތަޙުޤީޤު ކުރަމުންނެވެ. އަދި އަހަރުމެން މިދަނީ އެމީހުންނާއި މުޢާމަލާތުކޮށް، އެމީހުންގެ މުސާރަ އެއްކޮށް އެމީހުންނަށް ލިބޭތޯ ޔަޤީން ކުރަމުންނެވެ.

މިއީ އަހަރުމެންނަށް މިހާތަނަށް ލިބިފައިވާ 500 އަށްވުރެ ގިނަ މައްސަލަތަކުގެ ތެރެއިން ހަމަ އެންމެ މައްސަލައެއްގެ ވާހަކައެވެ. އެހެން މައްސަލައެއްގައި އަހަރުމެންވާނީ، އިންޑިއާގެ ބިދޭސީ މަސައްކަތު މީހުންގެ ގްރޫޕަކަށް ލިބެންޖެހޭ 8 މަސްދުވަހުގެ މުސާރަ އެމީހުންނަށް ހޯދައިދީ، އެނބުރި އެމީހުންގެ ޢާއިލާ ގާތަށް ދިއުމުގައި އެހީތެރިކަން ފޯރުކޮށް ދީފައެވެ.

 

ނޯޓު: މި ލިޔުމަކީ ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އެ ޖަމާޢަތުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ،“True stories” ގެ ތެރެއިން ނަގާފައިވާ “Paradise’s Darkside” މި ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ. މި ލިޔުން ޢިލްމީ، އަދި ކިޔަވައިދިނުމާއި އަދަބީ ބޭނުންތަކަށް، ދޭންޖެހޭ “ކްރެޑިޓް” ދީގެން ބޭނުންކުރުމަކީ އަދި ޝާއިޢުކުރުމަކީ ތަރުހީބުދެވިފައިވާ ކަމެކެވެ

http://www.transparency.org/news/story/paradises_dark_side



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×