ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުން ފްލެޓް ދޫކުރުމާއި ގުޅޭ މައްސަލަ ތަޙުޤީޤުކޮށް، ފްލެޓްތަކަށް އެދި ފޯމު ހުށަހެޅި ހުރިހާ ފަރާތްތަކެއްގެ ފޯމްތަކަށް އަލުން ޕޮއިންޓް ދިނުމަށް އަންގައިފި

20 Jan 2016

ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުން ފްލެޓް ދޫކުރުމާއި ގުޅޭގޮތުން މިކޮމިޝަނަށް ހުށަހެޅިފައިވާ ޝަކުވާތަކަކާ ގުޅިގެން އެމައްސަލަތައް މިކޮމިޝަނުން ބެލިބެލުމުގައި ތިރީގައި މިދަންނަވާ ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

1. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހުޅުމާލެއިން ފްލެޓްތައް ދޫކުރުމަށް 2015 ވަނަ އަހަރު އާންމު ކޮށްފައިވާ އުޞޫލުގެ ދަށުން ފްލެޓަށް އެދި ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ދީފައިވަނީ ހަމައެކަނި “ޙާލަތު ބަލާ ފޯމު” ގައި ހުރި މަޢުލޫމާތުތަކަށް ބުރަވެ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިން ދީފައިވާ މަޢުލޫމާތަކަކީ ސައްހަ މަޢުލޫމާތުތަކެއް ކަމުގައި ބަލައިގެން ކަމުގައިވާއިރު، ހަމައެކަނި ބެލެނިވެރިން ދީފައިވާ މަޢުލޫމާތަށް ބިނާކޮށް ޕޮއިންޓް ދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުބެލެވޭކަމާއި، އެންމެ ރަނގަޅު ގޮތުގައި ޕޮއިންޓް ދެވޭނީ ބެލެނިވެރިން ދީފައިވާ މަޢުލޫމާތު ޔަގީންކުރުމަށް އެކަމަށް ބާރުދޭނެ އިތުބާރު ހުރި ފަރާތްތަކުގެ ލިޔެކިޔުންތަކަށް ބަލައިގެންކަމާއި؛

2. ޕޮއިންޓް ދިނުމުގައި އަސާސެއްކަމުގައި ބަލާފައިވަނީ “ޙާލަތު ބަލާ ފޯމު” އަށް ކަމަށް މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ އިން މަޢުލޫމާތު ދީފައިވާއިރު، “ޙާލަތު ބަލާ ފޯމު” ތަކުގެ ތެރެއިން ބައެއް ފޯމުތަކުގައި ފުރިހަމަ ކޮށްފައިނުވާ މަޢުލޫމާތުތަކަށް ޕޮއިންޓް ދީފައިވުމުން، ފޯމުތަކަށް ޕޮއިންޓް ދީފައިވަނީ “ޙާލަތު ބަލާ ފޯމު” ގައިވާ މަޢުލޫމާތާ އެއްގޮތަށް ކަމަށް ބެލެވެން ނެތްކަމާއި؛

3. 26 އޮކްޓޫބަރ 2015 ގައި މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ އިން ފްލެޓްތަކަށް ޝޯޓް ލިސްޓްވި 15 ފަރާތް ޢާންމުކޮށްފައިވާއިރު، އެ 15 ފަރާތުގެ ތެރެއިން އެންމެ ދަށުން ޕޮއިންޓް ލިބިފައިވާ ފަރާތަށް ލިބިފައިވަނީ 62.75 ޕޮއިންޓް ކަމަށް ވީނަމަވެސް، 62.75 އަށްވުރެ މަތިން ޕޮއިންޓް ލިބިފައިވާ ބައެއް ފަރާތްތައް ޝޯޓް ލިސްޓް ކޮށްފައި ނުވުމުން، ޝޯޓް ލިސްޓް ކޮށްފައިވަނީ އެންމެ މަތިން ޕޮއިންޓް ލިބުނު ފަރާތްތައް ކަމަށް ބެލެވެން ނެތްކަމާއި؛

4. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޙާއްސަކޮށް ހުޅުމާލެއިން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓަށް އެދޭ ފޯމާއެކު ހުށަހަޅާފައިވާ މެޑިކަލް ސެޓްފިކެޓްގައި ބަޔާންކޮށްފައިނުވާ ނުކުޅެދުންތެރިކަމަށްވެސް ޕޮއިންޓް ދޭ ފޯމުގައި ޕޮއިންޓް ދީފައިވާކަމާއި؛

5. ނުކުޅެދުންތެރިކަން ހުންނަ އެއްކުއްޖަކަށްވުރެ ގިނަ ކުދިން ބަލާކަމަށް “ޙާލަތު ބަލާ ފޯމު” ގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައި، ފްލެޓަށް އެދޭ ފޯމާއެކު ހުށަހަޅާފައިވަނީ ހަމައެކަނި ފްލެޓަށް އެދޭ ކުއްޖާގެ ނުކުޅެދުންތެރިކަމުގެ ޙާލަތު އެނގޭނެ ލިޔުންތައްކަމަށް ވާތީ، ދެން ބާކީ ތިބި ކުދިންގެ ނުކުޅެދުންތެރިކަމުގެ ޙާލަތު އެނގޭނެ ލިޔުމެއް ނެތްއިރު، އެކުދިންނަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިން ކަމަށް ހަމައެކަނި ބެލެނިވެރިޔާ ދޭ މަޢުލޫމާތުގެ މައްޗަށް ބަރޯސާވެ ބެލެހެއްޓުންތެރިކަމުގެ ބަޔަށް ޕޮއިންޓް ދީފައިވާކަމާއި؛

6. ނުކުޅެދުންތެރިކަން ހުންނަ ފަރާތަށް ނުވަތަ އެފަރާތުގެ މައިންބަފައިންނަށް މާލެ، ހުޅުމާލެ އަދި ވިލިމާލެ އިން 600 އަކަފޫޓް ހަމަވާ ނުވަތަ އެއަށްވުރެ ބޮޑު ގޯއްޗެއް ނުވަތަ ފްލެޓެއް ލިބިފައި ނެތުމަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހުޅުމާލެއިން ދޫކުރުމަށް 2015 ވަނަ އަހަރު ޢާއްމުކުރައްވާފައިވާ އުޞޫލުގައި ހިމެނޭ ޝަރުތަކަށްވީ ނަމަވެސް، އެކަން ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކުން ޔަޤީންކުރުމަކާ ނުލައި ބެލެނިވެރިން ދީފައިވާ މަޢުލޫމާތުގެ މައްޗަށް ބަރޯސާވެ ޕޮއިންޓް ދީފައިވާކަމާއި؛

7. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ސިއްޙީ އަދި ތަޢުލީމީ ޚިދުމަތް ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ލިބެނީ މާލެއިން ކަމަށްވާއިރު މާލޭގައި ދިރިއުޅޭ ފަރާތްތަކުންވެސް ދިރިއުޅޭ ރަށުން ސިއްޙީ އަދި ތަޢުލީމީ ޚިދުމަތް ލިބެން ނެތްކަމަށް “ޙާލަތު ބަލާ ފޯމު” ގައި ބަޔާންކޮށްފައިވާނަމަ، އެފަރާތްތަކަށްވެސް އެބަޔަށް ޕޮއިންޓް ދީފައިވާކަމާއި؛

8. “ޙާލަތު ބަލާ ފޯމު” ގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތަށް ސިއްޙީ ގޮތުން ލިބިދޭންޖެހޭ ފަރުވާ އެފަރާތެއް ދިރިއުޅޭ ރަށުން ލިބޭ ކަމަށް ބަޔާންކޮށްފައިވާއިރު، ދިރިއުޅޭ އަތޮޅުން އެފަރުވާ ލިބެން ނެތްކަމަށް ބަޔާންކޮށްފައިވާނަމަ، ދިރިއުޅޭ އަތޮޅުން އެފަރުވާ ލިބެން ނެތްކަމަށް ބަލައި އެބަޔަށް ޕޮއިންޓް ދީފައިވާކަމާއި؛

9. ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ އާއިލާއަށް މަހެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި ލިބޭ މިންވަރު އެނގޭނެ އެއްވެސް ލިޔުމެއް ހުށަހަޅާފައި ނެތް ޙާލަތްތަކުގައި، ބެލެނިވެރިޔާ ދީފައިވާ މަޢުލޫމާތުގެ ސައްޙަކަން ޔަޤީންކުރުމަކާ ނުލައި ހަމައެކަނި ބެލެނިވެރިޔާ ދީފައިވާ މަޢުލޫމާތަށް ބުރަވެ ޕޮއިންޓް ދީފައިވާކަމާއި؛

10. “ޙާލަތު ބަލާ ފޯމު” ގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތް މިހާރު ދިރިއުޅޭ އެޑްރެސްގެ ގޮތުގައި މާލޭގެ އެޑްރެހެއް ދީފައިވާނަމަ، އެފަރާތަކީ މާލޭގައި ދިރިއުޅޭ ފަރާތެއްކަމަށް ބަލައި، އެބަޔަށް ޕޮއިންޓް ދީފައިވަނީ، އެފަރާތަކީ މާލޭގައި ދިރިއުޅޭ ފަރާތެއްކަން އެއްވެސް ލިޔެކިޔުމަކުން ޔަޤީންކުރުމަކާ ނުލައިކަމާއި؛

11. ނުކުޅެދުންތެރިކަން ހުންނަ ފަރާތް ބެލެހެއްޓުމުގައި ހޭދަވި މުއްދަތައް ޕޮއިންޓް ދޭން ކަނޑައަޅާފައިވާއިރު، ބައެއް ފަރާތްތަކަށް އެބަޔަށް ޕޮއިންޓް ދީފައިވަނީ، އެބަޔަށް ޕޮއިންޓް ދޭން ކަނޑައަޅާފައިވާ އުޞޫލާ އެއްގޮތަށް ނޫންކަމާއި؛

12. “ޕޮއިންޓް ދޭ ފޯމު” އެއްކޮށް ފުރިހަމަ ކޮށްފައިވަނީ އަދި “ޙާލަތު ބަލާ ފޯމު” ގެ ބައެއް ބައިތައް ފުރިހަމަކޮށްފައިވަނީ ފަންސުރުން ކަމަށްވުމުން، އެފޯމުތަކުގައި ލިޔެފައިވާ މަޢުލޫމާތާއި ދީފައިވާ ޕޮއިންޓް ބަދަލުކުރުމުގެ ފުރުޞަތު އޮތްކަން.

މަތީގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ރިޢާޔަތްކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޙާއްސަކޮށްގެން ހުޅުމާލެއިން ފްލެޓް ދޫކުރުމަށް 2015 ވަނަ އަހަރު ޢާއްމު ކުރައްވާފައިވާ އުޞޫލުގައިވާ ގޮތުގެމަތިން، ފްލެޓްތަކަށް އެދި ފޯމު ހުށަހެޅި ހުރިހާ ފަރާތްތަކެއްގެ ފޯމްތައް މުރާޖައާކޮށް އެފޯމްތަކަށް އަލުން ޕޮއިންޓް ދީގެން، ފްލެޓްތައް ލިބޭ ފަރާތްތައް ކަނޑައެޅުމަށް މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރއަށް 10 ޖަނަވަރީ 2016 ގައި ވަނީ އެންގިފައެވެ.

07 ރަބީޢުލްއައްވަލް 1437
17 ޖަނަވަރީ 2016


ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×